ހއ. މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގަރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު 2 މެއި 2025 ވީ ހުކުރު ދުވަހު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

މާރަންދޫ އަންހެނުން ތަރައްޤީކުރާ ކޮމިޓީ އާއި އެ ރަށު ކައުންސިލާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން ހއ. އަތޮޅު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި މި ޕްރޮގްރާމަކީ އަންހެނުންނަށް ޙާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

އެގޮތުން ހަށިހެޔޮ ދުޅަހެޔޮ ޕްރޮގަރާމުގައި ޖުމްލަ ގޮތެއްގައި 35 އަންހެނުން ވަނީ ބައިވެރިވެ، ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، މާރަންދޫގައި ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކޮށް ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު ތަފާތު ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތް އުނގަންނައިދީ ކެއިން ބުއިމުގައި ސިއްޙަތައް ފައިދާހުރި ކާނާގެ ބާވަތްތައް އިހްތިޔާރުކުރުމުގައި އަންހެނުން ހޭލުންތެރިކުރުމެވެ.

އަދި މި ޕްރޮގްރާމުގައި ކަސްރަތުކުރުމުގެ އިތުރުން ޕްރޮގްރާމުގެ ބައިވެރިންނަށް މިންހެޔޮ ކާނާ އާއި ގުޅޭ ގޮތުން މައުލޫމާތު ސެޝަންތަކެއްވެސް ކުރިއަށް ގެންދެވުނެވެ.