އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ލޯނަށް ވުރެއް އިތުރަށް ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕަޔަލަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ.
އެގޮތުގެ މަތިން، ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕަޔަލަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރާނެކަމަށް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރާނެކަމަށާއި ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓް ކުރާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ތިރީގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައި.
ރާއްޖެއާއި…
— Dr Mohamed Muizzu (@MMuizzu) March 27, 2025
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް މިދިޔަ އަހަރު 1015 ދަރިވަރުން ހޮވިފައިވާއިރު، ރައީސް ވަނީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށްވެސް ލޯނު ދޫކުރަން ނިންމާފައެވެ.
ސަރުކާރުން ދެއްވާ ސްކޮލަރޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް ވެސް 2024 ވަނަ އަހަރުގެ އޭޕްރީލްމަހު އެކުލަވާލާފައިވާއިރު، މިދަފްތަރުގައި މިދިޔަ ޑިސެމްބަރުމަހުގެ ނިއަލަށް 2،000 ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!