ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފިއެވެ.

މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށްތަކުގެ ސަބަބުން އޭނާއާއި ދެކޮޅަށް އައިސީސީ އިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ad
rt

ބުރާސްފަތި ދުވަހު ސޮއިކުރެއްވި މި އަމުރުގައި، ޓްރަމްޕް ވިދާޅުވެފައިވަނީ އައިސީސީ އިން "އެމެރިކާ އާއި އެމެރިކާގެ ގާތް އެކުވެރި އިޒްރޭލް އަށް އަމާޒުކޮށް ނުޙައްޤު އަދި އަސާސެއް ނެތް ޢަމަލުތަކެއް" ހިންގަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިޒްރޭލް އާއި އެމެރިކާ އާ ދެކޮޅަށް އައިސީސީ އިން އަޅާ ފިޔަވަޅުތަކަކީ ނުރައްކާތެރި މިސާލެއް ކަމަށާއި، މިކަމުގެ ސަބަބުން އެމެރިކާގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި، އަނިޔާކުރުމާއި އަދި ހައްޔަރުކުރުމުގެ ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

"މި ނުބައި ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ މިނިވަންކަމަށް ނުރައްކާވެ، އެމެރިކާ ސަރުކާރާއި އެމެރިކާގެ އެލައިންސްތަކުން، އޭގެ ތެރޭގައި އިޒްރޭލް ވެސް ހިމެނޭ ގޮތަށް، ކުރަމުންދާ މުހިންމު ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މި އަމުރުގެ ދަށުން، އެމެރިކާ އަށް އައިސީސީގެ އޮފިޝަލުންނާ ދެކޮޅަށް ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެ އޮފިޝަލުންނާއި އެ މީހުންގެ އާއިލާތަކުގެ މުދާ ހިފެހެއްޓުމާއި އެމެރިކާ އަށް ވަނުން މަނާކުރުން ހިމެނެއެވެ. މިއީ އެމެރިކާގެ ޤައުމީ މަޞްލަޙަތު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވެއެވެ.

ޖެނުއަރީ މަހު، ޓްރަމްޕް ރައީސްކަމާ ހަވާލުވުމަށްފަހު، އެމެރިކާގެ ރައްޔިތުންގެ މަޖިލީހުން އައިސީސީ އަށް ދަތި ކުރުމުގެ ބިލެއް ފާސްކުރި ނަމަވެސް، ޖެނުއަރީ 28 ވަނަ ދުވަހު ސެނެޓުން މި ބިލު ކުރިއަށް ގެންދިއުމަށް ނިންމާފައެއް ނުވެއެވެ.

އެމެރިކާ ސަރުކާރުން ޓްރަމްޕްގެ މިޤަރާރު ފާސްކޮށްފައިވާއިރު، ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް އާ ދެކޮޅަށް ދަ ހޭގްގައި ހުންނަ އައިސީސީ އިން ވަނީ ނޮވެމްބަރު މަހު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.