ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
މި ނިންމެވުމަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ. މި ބަދަލުތައް ޢަމަލުކުރަން ފަށާނީ މިއަންނަ އަހަރުން ފެށިގެންނެވެ.
އުސޫލަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
2. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
3. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި ޢާއިލާގެ މީހަކު ހިމެނޭނަމަ އެމީހެއް) ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން. (ނޯޓު: ސިއްހީ ޙާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށެވެ. )
4. ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުން.
މީގެ އިތުރުން، ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
މިއީ ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް އިތުރު ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!