ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ގިނަ ފަރާތްތަކުފަރާތްތަކުން އުމްރާއަށާއި އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައި އެނބުރި އަންނަ ދުވަސްވަރު ކަމަށްވުމާއެކު، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައިވެސް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

Ad
rt

އެޗްޕީއޭއިން ވަނީ ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުމަށް އިރުޝާދު ދީފައެވެ. އަދި ނޭވާލަން އުނދަގޫވުމާއި، މޭގައި ރިއްސުމާއި، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

އެހެންނަމަވެސް، ބަލިޖެހިގެން ބޮޑުވަރުވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިންމު ކަމުގައި އެޗްޕީއޭއިން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.

މި އިލްތިމާސްއާއެކު، އެޗްޕީއޭއިން ވަނީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީ، އަޅަންޖެހޭ އިހްތިޔާތީ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ގޮވާލާފައެވެ.