ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވައި، ދެވަނަ ބުރުގެ ވޯޓު ކުޑަތަންވެފައި ވަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އިލްޒާމްތަކެއް އަޅުވައި ދިވެހި ނޫހެއްގެ ޑޮކިއުމެންޓަރީއަކަށް ދޮންމަންމާފުޅު ދެއްވި މައުލޫމާތުތައް ރައީސް މުޢިއްޒު މިއަދު ދޮގު ކުރަށްވައިފިއެވެ.

މި ޑޮކިއުމެންޓަރީ އާއި ގުޅޭގޮތުން މީގެ ކުރީން ރައީސް ވާހަކަފުޅެއް ނުދައްކަވައެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމަށްފަހު، ރައީސް ސޯޝަލް ސެންޓަރުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރޭގައި "މިހާރު" ނޫހުން، އެ ޑޮކިއުމެންޓްރީގެ ތުހުމަތާ ގުޅޭ ގޮތުން ރައީސާއި ކުރި ސުވާލަށް މިއަދު ވަނީ ޖަވާބު ދެއްވާފައެވެ.

Ad
rt

ރައީސްގެ ސުވާލުގެ ޖަވާބުގެ ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ދޮންމަންމާފުޅާމެދު ކަންކުރެއްވީ ރަނގަޅަށެވެ. އަދި ބައްޕާފުޅުގެ މުދާ ބެހުމުގައި ވެސް ޢަމަލުކުރެއްވީ ދޮންމަންމާފުޅު ބޭނުންވި ގޮތަށް ކަމަށް ވިދާޅުވިއެވެ.

މިގޮތުން ބައްޕާފުޅު އަވަހާރަވުމުން، ފެމިލީ ކޯޓުން ތަރިކަ މުދާ ބެހިއިރު ބައްޕާޕުޅުގެ ހުރިހާ މުދަލަކާއި ފައިސާއެއް ދެއްވީ ދޮންމަންމާފުޅަށް ކަމަށާއި، ކޮލަމްބޯގައި ހުރި ދެ ގެއަކާއި ކޭންޑީގައި ހުރި ގެސްޓް ހައުސް ވެސް ދެއްވީ ދޮންމަންމާފުޅަށް ކަމަށް ރައީސް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

''އަޅުގަނޑު ބައްޕަ ނިޔާވީމަ ތަރިކަ ބެހުމުގައި އޮންނަ އުސޫލުން ކޯޓަށް ގޮސްގެން ހުރިހާ ކަމެއް އެ އޮތީ ނިމިފައި، ބައްޕަގެ ގޯތިތައް، ބިންތައް ހުރި ލަންކާގައި، ކޮލަމްބޯ ގައި ދެ ބިން، ކެންޑީގައި އެއް ބިން، ތިން ގޯތި އިމާރާތް ހަދާފަ، އެތަނުން ދެ ތަނުގައި ގެސްޓްހައުސް ހަދާފަ ވިޔަފާރިކުރާ ގޮތަށް، އާަމްދަނީ ހޯދާ ގޮތަށް، އެއް ތަނަކީ ދިރިއުޅެން ހަދާފައި ހުރިތަނެއް، ތިން އިމާރާތް، ތިން ބިން އޮތް، އަޅުގަނޑު ނިންމީ އެ ތިން ގޯތި، އިމާރާތާއި އެއްގޮށް، ވިޔަފާރިއާއި އެއްކޮށް ދޮންމަންމައަށް ދޭން ހިލޭ، އެއްވެސް ބަދަލަކާނުލައި'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިމާރާތާއެކު އެ ތިން ގޯއްޗާއި ވިޔަފާރި އާއި ދޮންމަންމާފުޅަށް ދެއްވިކަމަށާއި، އަދި ލަންކާގެ ބެންކްގައި ހުރި ބައްޕާފުޅުގެ ހުރިހާ ފައިސާއެއް ވެސް ދެއްވި ކަމަށެވެ.

''އެހެންވީމަ ދޮންމަންމަ ވިދާޅުވީ، ދީނީ ގޮތުން ހުވަފަތް އަތްބެއް ވީމަ އޮންނަ ބައިކުޅަބައި، އެބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ، އެހެންވީމަ އެއީ ނިންމި ގޮތަކީ އެ ގޮތައް ނިންމައިގެން ތަރިކަ ބަހާ ނިންމާފައި އެއޮތީ، އެއީ އެކަމުގެ ހަގީގަތަކީ'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ވާހަކަ އެމިންވަރަށް ވެސް ދައްކަން ބޭނުންފުޅު ނުވަނީ، ޒާތީ ވާހަކަ ދެއްކުމަކީ އެމަނިކުފާނުގެ މިޒާޖުގައި ހުންނަކަމަށް ނުވާތީ ކަމަށެވެ. ނަމަވެސް ''މިހާ ބޮޑަށް މިކަން އޮޅުވާލައި އަޅުގަނޑުގެ އަގު ވައްޓާލަން އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑު ގަބޫލުކުރަނީ، ސިޔާސީ ވިސްނުމެއްގައޭ މިކަން ކުރަނީ. އެހެންވީމަ ތި ސުވާލުކުރެއްވީމަ އަޅުގަނޑު ހިތައް އެރީ ޖަވާބު ދޭނަމޭ'' ރައީސް ވިދާޅުވެފަވެއެވެ.