ސަރުކާރުގެ ވިސްނުމަކީ ކިޔަވައިގެން ތިބި ތަޖުރިބާހުރި ރަނގަޅު މީހުން މިހާރު އުޅޭ ވަޒީފާ ދޫކޮށްފައި ރަށް ތަރައްޤީ ކުރުމަށް ކައުންސިލްތަކަށް ނުކުތުންކަމަށް ދިއްގަރު ދާއިރާގެ މަޖިިލިސް މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
މެމްބަރު އިކްރާމް އެހެން ވިދާޅުވީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި އަދި ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަތައް ޓުވީޓާގައި ހިއްސާ ކުރަށްވަމުންނެވެ.
އިކްރާމް އިތުރަށް ވިދާޅުވެފައިވަނީ ރަނގަޅު މީހުން ލިބޭނީ ރަނގަޅު އުޖޫރަ ދީގެން ކަމަށެވެ.
Sarukaaruge visnumakee kiyavaigen thibi, thajurubaa huri ragalhu meehun, mihaaru ulhey vazeefaa dhookoffa rah tharahgee kurumah councilah nikuthun. Ragalhu meehun libeynee ragalhu ujooraeh dheegen. #LCE2020 #voteMDP #LaamarukazeeRaajje #MDP #Agenda19Rashah pic.twitter.com/aeUSufPW6W
— Ikram Hassan MP (@ikramhassan) January 15, 2020
ކުޅުދުއްފުށި ސިޓީގައި އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން ސިޓީތަކުގެ މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ. މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ.
އިކްރާމް އެހެން ވިދާޅުވެފައި ވާއިރު ކައުންސިލްތައް އިދާރީ ގޮތުން ހިންގުމަށްލެވޭ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ނޭސަނަލް ޕޭ ކޮމިޝަނުން ކަނޑައެޅިއިރު އަސާސީ މުސާރާގައި ބޮޑު ތަފާތެއް ހުރުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާހަގަ ކުރަމުންނެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަނީ ޤާބިލް މީހުން ކައުންސިލްތަކަށް ކުރިމަތިލުމަަށް މަގުފަހިކުރުމަށެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމް އުފެއްދީ ކައުންސިލްތަށް ހިންގުމުގައި އިސްދައުރެއް އަދާކުރުމަށެވެ.
ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގައި އެ ކައުންސިލަކަށް ހަމަޖެއްސޭ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ބޮޑެވެ. ކައުންސިލެއް ކުރާ މަސައްކަތްތައް ކާމިޔާބު ހާސިލް ކުރުމަށް ޤާބިލް ސެކްރެޓަރީ ޖެނެރަލެއް ކޮންމެ ކައުންސިލަކަށްވެސް ވަރަށް މުހިންމެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލުންގެ މުސާރާގައި ވާ ފަރަގުގެ ސަބަބުން ޤާބިލު މީހުން ރަށް ފުށުގެ ކައުންސިލްތަކަށް ހޯދުމުގައި ދަތިތައް ކުރިމަތިވާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަން އިން ކަނޑައެޅާފައިވާ ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 9300 ރުފިޔާއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 12130 ރުފިޔާއެވެ. ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 20500 ރުފިޔާއެވެ. ސިޓީކައުންސިލްގެ އިނާޔަތާއި އެކު ޖުމްލަ 35500 ރުފިޔާއެވެ. މިއީ އާންމުގޮތެއްގައި ސެކްރެޓަރީ ޖެނެރަލެއްގެ މުސާރައެވެ. މާލޭގެ އޮފީސްތަކުގައި މިމަޤާމުގައި ތިބި މީހުންނަށްވެސް އާންމުގޮތެއްގައި 35000 އިނާޔަތާއިއެކު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!