އެޕަލްގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ އައިފޯން 16 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްއިން މާދަމާ ރޭ ދަންވަރު 12:00 ގައި ހުޅުވާލާނެކަމަށް ހާމަކޮށްފި އެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޞަފްޙާއިން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Ad
rt

އައިފޯން 16 ސީރީޒްގައި ހިމެނެނީ އައިފޯން 16، 16 ޕްލަސް، 16 ޕްރޯ އަދި 16 ޕްރޯ މެކްސްއެވެ. މި ސީރީޒްގެ ފޯނުތަކުގައި އައު އޭ18 އަދި އޭ18 ޕްރޯ ޗިޕްތައް ބޭނުންކޮށްފައިވާއިރު، ކެމެރާ ސިސްޓަމަށް އާ އަޕްގްރޭޑްތަކެއް ގެނެސް، ބެޓެރީ ދެމިހުންނަ ވަގުތު އިތުރުކޮށްފައިވެއެވެ. އަދި އެކްޝަން ބަޓަނެއް ތަޢާރަފުކޮށް، މަލްޓިޓާސްކިންގ ފަސޭހަކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވެފައިވަނީ އައިފޯން 16 އަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގއަށް އަމާޒުކޮށްގެން އަލުން ފަރުމާކޮށްފައިވާ ފުރަތަމަ އައިފޯންކަމަށެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެޕަލް ވޮޗް ސީރީޒް 10 އާއި އެއާޕޮޑްސްގެ އައު ވަރޝަންތަކެއްވެސް ތަޢާރަފުކޮށްފައިވެއެވެ. އެޕަލް ވޮޗް ސީރީޒް 10 ގައި ކުރީގެ މޮޑެލްތަކަށްވުރެ 30 އިންސައްތަ ބޮޑު ސްކްރީނެއް ހިމަނާފައިވާއިރު، އެއާޕޮޑްސް ޕްރޯ 2 ގެ ސޮފްޓްވެއަރއަށް ގެނެސްފައިވާ އަޕްޑޭޓްތަކާއެކު، އެ އެއާޕޮޑްސް ހިއަރިންގ އެއިޑެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.

އެޕަލްގެ މާލީ ހާލަތަށް އެންމެ ބޮޑު އަސަރެއް ކުރަނީ އައިފޯނުގެ ވިޔަފާރިންކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި އައު އުފެއްދުންތައް ތަޢާރަފުކުރި އިވެންޓާ ގުޅިގެން އިންވެސްޓަރުންގެ ފަރާތުން މާ ބޮޑު ޝައުޤުވެރިކަމެއް ފެނިފައެއް ނުވެއެވެ. އިވެންޓް ކުރިއަށްދިޔައިރު އެޕަލްގެ ހިއްސާގެ އަގު ވަނީ 1 އިންސައްތަ ދަށްވެފައެވެ.