ފުލުހުންގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 17 ސެޕްޓެމްބަރު ރޭ ހެންވޭރު ދަނޑު ކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ބާރު ސުޕީޑްގައި ސައިކަލް ދުއްވަމުން ދިޔަ މީހަކުގާތު ސައިކަލް މަޑުކުރަން ފުލުހުން އެދުނުކަމަށެވެ. ނަމަވެސް އެމީހާ ވަނީ މަޑުކުރަން ބުނުމުން ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި މަޑުނުކޮށް ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ޢަލީ ސަމާޙް މުޙައްމަދު، މަގުމަތީގޭ/ލ. ކުރެންދޫ، އެވެ.
މި މައްސަލައާ ގުޅިގެން 18 ސެޕްޓެމްބަރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!