ވެރިރަށް މާލެ ފިޔަވައި ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ސަރުކާރުން ފަހިކޮށްދީފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ތެރޭގެ ރަށަކަށް ވެގެން ގޮސްފައި ވަނީ ގއ. ވިލިނގިއްޔެވެ.
ވިލިނގިލީގައި މިއަދު މި ޚިދުމަތް ފަށާފައިވާއިރު، އެކަމަށް އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު އަލީ އިހްސާން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދިއިރު، އެ ޚިދުމަތް މިހާތަނަށް ލިބެމުން އައީ މާލެއިން އެކަންޏެވެ.
މި ޚިދުމަތަކީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ދެމުން އަންނަ ޚިދުމަތެކެވެ. މާލޭގައި ޑީއެންއާރު އޮފީސް ހުންނަނީ ވެލާނާގޭގައެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި ގއ. އަތޮޅު ކައުންސިލާއި، ޑީއެންއާރު އެއްބަސްވެ ސޮއިކުރީ 17 ޖުލައި 2024 ގައެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.
ޑީއެންއާރުގެ ދަށުން މި ޚިދުމަތް ފެށިފަހުން ވަނީ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައެވެ. ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފަށާފައި ވަނީ ކޮވިޑާ ގުޅިގެން 2021ގައެވެ.
ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އަންނަނީ އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!