ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

Ad
rt

އެ މައްސަލަ މަޑުޖައްސާލަން ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލައާ ގުޅޭ ހެކިތަކުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ފެށުމާ އެކު، ޔާމީންގެ ވަކީލުން ވިދާޅުވީ، ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ހެކިތަކާ ގުޅޭ ބައެއް ހިމެނޭ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ވަކީލުން އެދުނެވެ.

ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތަށް، އެ ދެ މައްސަލާގައި ގުޅުމެއް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

ނަމަވެސް ޔޫސުފް ނައީމްގެ ބައި އަދި ކުރިއަކަށް ނުގެންދެ އެވެ.