ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ޞިއްޙީ ސާމާނު ހަދިޔާކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް، އާއިޝަތު ޞަފޫރާއެވެ. އަދި އެމްއެންޑީއެފުގެ ފަރާތުން މި ސާމާނާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާޙިދު މުޙައްމަދުއެވެ.

އެންޑީއެމްއޭއިން ހަދިޔާކުރި ޞިއްޙީ ސާމާނުގެ ތެރޭގައި 49 ބާވަތެއްގެ ތަކެތި ހިމެނެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލް ވޯޑުގައި ބޭނުންކުރާ އާލާތްތަކާއި، އޮޕަރޭޝަން ތިއޭޓަރުގައި ބޭނުންކުރާ އާލާތްތަކާއި، އެނދުމަތިކޮށްފައި ތިބޭ ބަލިމީހުން މޮނިޓަރކުރާ މެޝިނާއި، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ބޮޑީ ކަވަރ ފަދަ ސާމާނު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން އެންޑީއެމްއޭގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

މި ހަދިޔާއިން އެމްއެންޑީއެފްގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.