ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ މާހައުލުގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފާނަމަ އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދަނޑިފުޅު ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ.

Ad
rt

ކޮނެޑޭ ކައުންސިލުން ބުނީ އެ ރަށުގެ ވެށީގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފައި، އޭގެ ވެއްޓަށް ގެއްލުންދޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެ ކައުންސިލުން އިތުރަށް ބުނީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް ހިފުމާއި، އޭގެ ވެއްޓަށް ގެއްލުން ދިނުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގާނޫނާއި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަމަށްވާތީ އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ 104 ބާވަތެއްގެ ދޫނި ވަނީ ހިމާޔަތް ކޮށްފައެވެ. ހިމާޔަތް ކޮށްފައިވާ ދޫނި ހިފުމާއި އޭގެ މާހައުލަށް ގެއްލުން ދިނުމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ފެންމަތިވަމުން އަންނަ މައްސަލައެކެވެ.

ދަނޑިފުޅު ދޫންޏަކީ ހުދުކުލައިގެ ކަނޑުމަތީ ދޫންޏެކެވެ. މި ދޫނީގެ ފިނދުފަތުގެ މެދުފަތް ހުންނާނީ މާދިގުކޮށް ދަނޑިއެއް ގޮތަށެވެ. ހުދުކުލައިގެ މި ދޫނީގެ ދެ ފިޔައިގެ މަތީފަރާތުގައި ކަޅުކުލައިގެ ފަތްބަރިއެއް ހުރެއެވެ. މި ދޫނީގެ ލޮލުގެ މަތީކޮޅުން ބޮލާ ހަމައަށް ކަޅު ލަފެއް ވެސް ހުންނާނެއެވެ.