ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ޔުއެފާއިން އެ މައްސަލަ ބެލުމަށް ފަހު ތުރުކީގެ ޑިފެންޑަރ ޑެމިރާލްއާއި އިންގްލެންޑްގެ ޖޫޑް ބެލިންހަމް ސަސްޕެންޑް ކޮށްފިއެވެ.

ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ކުޅުން ފެށުނު އިރު ވެސް ލީޑުގައި އޮތީ ސްލޮވާކިއާއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ވެސް ފަހުވަގުތު އިންގްލެންޑް ސަލާމަތްވީ ބެލިންހަމް ޖެހި މޮޅު ގޯލުންނެވެ. އެ ލަނޑަށްފަހު ބެލިންހަމް ސްލޮވާކިއާގެ ބެންޗަށް އިޝާރާތްކޮށް ބޭއަދަބީ ގޮތަކަށް އަމަލުކޮށްފައިވާތީ ޔުއެފާއިން މައްސަލަ ބެލުމަށް ފަހު ވަނީ އޭނާ އެއް މެޗަށް ސަސްޕެންޑް ކުރަން ނިންމާފައެވެ.

Ad
rt

ނަމަވެސް މި މައްސަލާގައި ޔުއެފާއިން ނިންމާފައިވަނީ ކުރިއަށް އޮތް އަހަރުތެރޭ އިންގްލެންޑުން ކުޅޭ ކޮންމެވެސް އެއް މެޗެއްގައި އޭނާއަށް ނުކުޅެވޭ ގޮތަށެވެ. ވުމާއިއެކު ޔޫރޯގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ކުޅެވޭނެއެވެ. ސަސްޕެންޝަނުގެ އިތުރުން ބެލިންހަމް ވަނީ 30000 ޔޫރޯއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ވާދަކުރާނީ ސްވިޒަލެންޑާއެވެ. މި މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ތުރުކީއާއި އޮސްޓްރިއާ ބައްދަލު ކުރި މެޗުގައި ތުރުކީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ޑެމިރާލްއެވެ. ލަނޑު ޖެހުމަށް ފަހު އޭނާ އުފާފާޅު ކުރުމުގެ ގޮތުން ދެ އަތުން ދެއްކި އިޝާރާތަކީ އެކްސްޓްރީމިސްޓް ގްރޫޕެއް ކަމަށްވާ ގްރޭ ވުލްވްސްގެ ވުލްފް ސެލިއުޓާ އެއްގޮތްވާ އިޝާރާތެކެވެ. މިއީ ފްރާންސް އާއި އޮސްޓްރިއާގައި މަނާ އިޝާރާތެކެވެ. ވުމާއިއެކު ޔުއެފާއިން ވަނީ މި މައްސަލަބަލައި އޭނާ ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމާފައެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ތުރުކީއާއި ނެދަލެންޑްސް ކުއާޓާ ފައިނަލުގައި ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ތުރުކީގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެމިރާލް ނެތުމަކީ އެ ޓީމަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.