އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް އިތުރުކުރެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެޕަލް އިން ފާއިތުވި މަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2024 ގައި އައިއޯއެސް 18 ތަޢާރަފުކުރިއެވެ. މި ކޮންފަރެންސްގައި އައިފޯނުގެ އޮޕަރޭޓިންގ ސިސްޓަމަށް ގެނެވޭ އެންމެ ބޮޑު އަޕްޑޭޓާއެކު ލިބޭނެ ގިނަ އައު ފީޗަރތަކެއް ދައްކާލިއެވެ. ނަމަވެސް، ކޮންފަރެންސްގައި ނުދައްކާ ބައެއް ފީޗަރތައް މިހާރު ދަނީ ފާހަގަކުރެވެމުންނެވެ.
9ޓު5މެކް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް އިތުރުކުރެވޭނެއެވެ. މީގެ ތެރެއިން އެއް ފީޗަރަކީ ކުޑަ ޑިޒައިން ބަދަލެކެވެ. އަނެއް ފީޗަރަކީ "ފީލްސް ލައިކް" ޓެމްޕަރޭޗަރ ފަސޭހައިން ފެންނާނެ ގޮތަށް ބެހެއްޓުމެވެ.
މި ރިޕޯޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، "ފީލްސް ލައިކް" ޓެމްޕަރޭޗަރ މިހާރު ފެންނާނީ އެޕްގެ އެންމެ މަތީގައި އަސްލު ޓެމްޕަރޭޗަރގެ ދަށުގައެވެ. މިއީ މިހާރު އޮންނަ ގޮތާ ޚިލާފަށް ވަރަށް ބޮޑު ކުރިއެރުމެކެވެ. މިހާރު މި މަޢުލޫމާތު ބެލުމަށް ތިރިއަށް ސްކްރޯލް ކުރަން ޖެހެއެވެ. އަދި "ފީލްސް ލައިކް" ޓެމްޕަރޭޗަރ ފަސޭހައިން ތަފާތުކޮށް އެނގޭނެ ގޮތަށް ތަފާތު ސައިޒަކާއި ފޮންޓް ސްޓައިލަކުން ދައްކުވައިދޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ބަދަލުތަކަކީ މޫސުމީ އެޕްލިކޭޝަން ބޭނުންކުރުމަށް ފަސޭހަވާނެ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!