ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރޭ ސްވިޒަލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވުމުން ގްރޫޕްގެ އެއްވަނަ ޖަރުމަށް ކަށަވަރު ވެއްޖެއެވެ.
ރޭ މެޗަށް ނުކުތްއިރު ވެސް ޖަރުމަނަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނަމަވެސް ރޭ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ލިބުނު ޕޮއިންޓާއިއެކު ޖަރުމަނަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ.
މި ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ލިބުނު ހަތް ޕޮއިންޓާއި އެކުއެވެ. ދެވަނަ ހޯދައި ދެވަނަ ބުރުން ޖާގަ ހޯދި ސްވިޒަލެންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނަ ހޯދީ ރޭ މެޗުގައި އިތުރު ވަގުތުގެ ތެރޭ ލަނޑު ޖަހައިގެން ސްކޮޓްލެންޑްގެ މައްޗަށް ކުރި ހޯދި ހަންގޭރީއަށެވެ. ހުރިހާ ގްރޫޕަކުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ހަންގޭރީ ގްރޫޕް އޭގެ ތިންވަނާގައި އޮތީ ތިން ޕޮއިންޓާއި އެކުއެވެ. ސްކޮޓްލެންޑަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތް ހޮސްޓްކުރާ ޖަރުމަނުގެ ކައިރީ ރޭ މެޗުގައި ސްވިޒަލެންޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޖަރުމަނުގެ އެންޑްރިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ލަނޑެއް ކާމިޔާބުކުރިއިރު، ވީއޭއާރުން ބެލުމަށްފަހު ލަނޑު ކެންސަލް ކޮށްލީ، އެ ބޯޅަ އެންޑްރިޗަށް ލިބުމުގެ ކުރިން ސްވިޒަލެންޑްގެ އޭރިއާތެރެއިން މުސިއާލާ ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ސްވިޒަލެންޑުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރެމޯ ފެރޫލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހާފައި ވަނީ ޑޭން އެންޑޯއި އެވެ.
ދެވަނަ ހާފަށް ނުކުމެ ޖަރުމަނުން ވަނީ ޓީމް އެޓޭކަށް ޖެހިގެން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ މުސިއާލާ ފޮނުވާލި ބާރު ހަމަލާ ސްވިޒަލެންޑްގެ ކީޕަރ ސޮމާ މަތަކުރިއިރު، މި ހާފުގައި ކައުންޓަ އެޓޭކުގައި ސްވިޒަލެންޑުން ވެސް ވަނީ ޖަރުމަނަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް އުފެއްދި ކައުންޓަ އެޓޭކެއްގައި ސްވިޒަލެންޑުން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ލަނޑު ކެންސަލް ކޮށްލީ އޮފްސައިޑް ވުމުންނެވެ.
މެޗުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކުރެވުނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފުލްކްރޫގްއެވެ. ރައުމް ސްވިޒަލެންޑްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ފުލްކްރޫގް ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!