ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީއެންސީން މިރޭ ހުޅުވި ޖަގަހަ ހަދާފައި ވަނީ ކުރިން އެމްޑީޕީގެ ޖަހަގަ ގިނަ ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު ފަހުން ޑިމޮކްރެޓްސް ޖަގަހަ ހިންގި، މާލޭގެ، ހ.ވެޔޮވިލާ ގައެވެ.
ޕީއެންސީން ކުރިން ޖަގަހަ ހިންގަމުން އައީ އެ ޕާޓީ ހިމެނޭ އިއްތިހާދުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޖަގަހައާ އެއް ޖަހަގައެއްގެ ގޮތުގައެވެ.
ޕީއެންސީން ވަކި މައި ޖަގަހައެއް ހުޅުވައި، އެ ޖަގަަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސްގެ މަގާގުގައި ވެސް ހުންނެވި، ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސަރުކާރު ހަވާލުވިތާ ހަތް މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށް ވިދާޅުވެފައެވެ.
މަޖިލިސް އިންތިހާބެއް ކުރިމަތީގައި އޮތްވާ އެފަދަ ކަމެއް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށާއި، އަދި ފައިސާ ޗާޕުނުކުރަން މި ސަރުކާރުން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ތައުރީފްކޮށްފައިކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
"ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 13 ބިލިއަން ރުފިޔާ ދައްކައިފިން" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ބޮޑެތި ލޯނުތައް ނުނަގައި، އާމްދަނީ ހޯދައިގެން ދައުލަތުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދައްކާފައިވާކަމަށެވެ.
މިގޮތުން އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ 4 ބިލިއަން ރުފިޔާއާއި، ސަރުކާރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުތަކަަށް ދައްކަންޖެހޭ 2.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ 13 ބިލިއަނެއްހާ ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!