ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ރޭ ބެލްޖިއަމްއާއި ރޮމޭނިއާ ބައްދަލުކުރި މެޗު، ބެލްޖިއަމް ކާމިޔާބު ކުރުމާއިއެކު ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ރޭ ބެލްޖިއަމުން ވަނީ 2-0 ގެ ނަތީޖާއިން ރޮމޭނިއާ ބަލިކޮށްފައެވެ.
މި ނަތީޖާއާއިއެކު މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުތަކުގައި އަންނަ ބުދަ ދުވަހުގެ ރޭ ބެލްޖިއަމް ނުކުންނާނީ ޔުކްރެއިން އާއި ދެކޮޅަށެވެ. ސްލޮވާކިއާ ނުކުންނާނީ ރޮމޭނިއާ އާއި ދެކޮޅަށެވެ. މި މެޗުތަކުން މޮޅުވެ ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހުރިހާ ޓީމަކަށް ވެސް އެބައޮތެވެ.
މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ވަނީ ބަލިވެފައެވެ. ވުމާއިއެކު މުބާރާތުގައި ކުރިއަށްދާން މޮޅުވުން މަޖުބޫރު މެޗުގައި ބެލްޖިއަމުން ވަނީ ރޮމޭނިއާ އާއި ދެކޮޅަށް މޮޅަށް ކުޅެފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ލުކަކޫ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޓިއެލެމަންސްއެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި، އެ ޓީމްގެ ކެޕްޓަން ކެވިން ޑި ބްރޭނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!