ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައި ދީފައެވެ.
މިގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާން ކޮށްދިނެވެ.
ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލުކުރާ މީހުން އެކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރިއެވެ.
ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭނެއެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާއިރު ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުން، އަރާމުކުރުން، ހުންގަދަ ވެއްޖެނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލާ ބޭނުން ނުކުރުން ހިމެނެއެވެ.
މި އަހަރު ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރުމަށް 1،150 މީހުން ހައްޖަށް ދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!