އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ބައެއް ނޫސްތަކުން ފެނިވަޑައިގެންފައިވާ ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ފޯނުން ގުޅުއްވައި އެކަން ހިނގި ގޮތް ސާފު ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

"މި ދެންނެވި ސަރުކާރުގެ ކުންފުނީގެ އެމްޑީއަށް އަޅުގަނޑު ވަގުތުން ގުޅުއްވާލާފަ ކަންވީގޮތް އޮޅުންފިލުވިން. ވިދާޅުވީ އެކަން ހިނގައިދިޔަގޮތަށް ނޫން ކަމަށް ވާހަކަ ފެތުރެނީ. އެކަން ވީ ގޮތަކީ ކުންފުނީގެ ޕޮލިސީއާ ވަރަށް ބޮޑަށް ހިލާފުވެ ވަރަށް ސިރިއަސް މައްސަލައެއްގަ ކަމަށް ފިޔަވަޅު އެޅުއްވީ. އަޅުގަނޑު ދެންނެވިން އެހެންވީމަ ރައްޔިތުންނަށް ހަގީގަތް ހާމަކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ މަސައްކަތްތަކެއް ވެސް ކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން އެއްވެސް މީހަކަށް ފިޔަވަޅެއް އަޅަން ބޭނުންފުޅުނުވާ ކަމަށެވެ.

"ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ ޕޮޒިޓިވް ނުވަތަ ކަންކަން ރަނގަޅުކުރަން ހެޔޮ ނިޔަތުގަ ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން. އަދި ހިތްހަމަ ނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ އެސްޓީއޯގެ މުވައްޒަފަކު ހުރި ވަޒީފާ އިން ޑިމޯޓް ކުރި މައްސަލައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ކަމުގެ ސިޓީގައި ބުނެފައިވާ ގޮތުގައި އެ ފިޔަވަޅު އެޅީ ސަރުކާރުގެ އިސްބޭފުޅުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ޕޯސްޓުތަކެއް ކޮށް، އޭގެ ސަބަބުން އެ ކުންފުންޏާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދުމުންނެވެ.