އައްޑޫ ސިޓީގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ އަދި މަރަދޫން ކަމަށެވެ. ކޮންމެ ރަށަކުން ވެސް ހައްޔަރު ކުރީ ފަސް މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ސްޕާއެއްގެ ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސް ކުރުމަށް ފަހުގައެވެ.
ފުލުހުން ބުނި ގޮތުގައި ހިތަދޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑުގެ ތިން އަންހެނުންނެވެ. އެ ފަސް މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރަދޫ އިން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި މިޔަންމާގެ ފިރިހެނެއް އަދި ތައިލެންޑުގެ ދެ އަންހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ފަސް މީހުންގެ ތެރެއިން އިންޑިއާ މީހާ ފިޔަވައި އެހެން މީހުންގެ ބަންދަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އިންޑިއާ މީހާގެ ބަންދަށް ދިނީ ހަތަރު ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!