ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރޭ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކޮށްލެއްވުމަކީ، އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރައީސް ޑރ. މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިގޮތުން ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!