" އެންމެ ކުޑައިރުއްސުރެ ދޮންމަންމަ އަހަރެމެންނަށް ކުރަމުންދާ އަނިޔާ ބައްޕައަށް ފެންނާނެ! ބައްޕަގެ ކުރިމަތީގައިވެސް އެވަރަށް އެއްޗެހި ގޮވާ އަނިޔާވެސް ކުރޭ! އެކަމަކު އޭރުވެސް... މިހާރުވެސް... ދޮންމަންމައަށް ވިސްނައިދިނުމުގެ ބަދަލުގައި ބައްޕަ ވިސްނައިދެނީ އަހަރެމެންނަށް! މިއަދު ހިތަށް އަރާ އަހަރެމެންގެ މަންމަ އެހާ އަވަހަށް އަހަރެމެން ދޫކޮށްފައި ދިޔައީ ކީއްވެބާވައޭ؟"
ޖުމާގެ ޖުމްލައިން ވާހިދަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޖުމާ ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. އޭނާ ދިޔަ ގޮތަކަށް ގެއިން ނިކުތުމުން ޒާރާއަށްވެސް ބަލައިލެވުނީ ވާހިދުގެ މޫނަށެވެ.
" އަޅުގަނޑުމެން ގޯސް އެއްވެސް ކަމެއް ނުކުރަން! ކޮއްކޮއަށް ކިޔުނު އެއްޗެއްސަށް އަޅުގަނޑު ބައްޕަގާތު މަޢާފަށް އެދެން"
މަޑުމަޑުން އެހެން ބުނެލުމަށްފަހު ޒާރާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އެއާއިއެކު ވާހިދުގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ.
" ހެޔޮނުވާނެ އާރިފާ! އަހަރެންގެ ދަރިންނަށް ރަޙުމު ކޮށްބަލަ! އެކުދިންނާމެދު ތިގޮތަށް ކަންތައް ނުކޮށްބަލަ! މިހާރު އެއީ ތަންދޮރު ނޭނގޭވަރުގެ ކުޑަކުދިންނެއް ނޫނޭ.."
ވާހިދުގެ އަސަރުގަދަ ޖުމްލަތަކުން އާރިފާގެ ހިތަކަށް އެއްވެސް އަސަރެއް ކުރިހެންނެއް ހިއެއް ނުވެއެވެ. ނަމަވެސް މިފަހަރު އޭނާ ރައްދުގައި އެއްވެސް އެއްޗެއް ނުބުނެއެވެ.
" އޭ ހައިދަރު! ދެން ކަލޭ ދޭ ގެއަށް..."
ފާރުގައި ލެނގިލައިގެން ކުޅިވަރު ބަލަން ހުރި ހައިދަރު ސިހުނީ އާރިފާގެ ހަރުކަށި އަޑުންނެވެ. އޭނާ ބޭނުންވާ ވަރަށް ކަންތައް ގޯސްކޮށް ނުލެވުމުން ހައިދަރަށް ހަމަޖެހުމެއް ލިބުނުހެންނެއް ހިއެއް ނުވެއެވެ. ނަމަވެސް އާރިފާގެ އެދުމަށް އޭނާ އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.
" މިއަދު ވާހިދަށްވެސް މަގޭ ނުބައިވާނީ! ގައިމު އެކުދިން މަގޭ ކައިރިއަށް ގެނައި އިރު އެއީ ތަންދޮރު އެނގޭ ކުދިންނެއްނޫން.. ހަމަ މަގޭ ބަލައިގެންދޯ މިއަދު އެތިބަ ބޮޑުވީ! އާނ ބޮޑުވީމަ ބެލިމީހާ ގޯސްމިވީ! ތާހިރެއްނު"
އާރިފާގެ ވާހަކަތަކުން އޭނާގެ ރުޅިގަނޑު އަދިވެސް މައިތިރި ނުވާކަން ވާހިދަށް އެނގުނެވެ.
" ދުނިޔޭގަ ތިބިއްޔާ ބޮޑެތި ވާނެތާ! އާރިފާ އެކުދިންނާމެދު ކަންތައް ކުރާ ގޮތް އަހަންނަށް ފެނެޔޭ! އަހަންނަށް އެނގެޔޭ! އެކަމަކު.. އެނގި ހުރެވެސް ނޭނގޭ ކަމަށް ހަދައިގެން ހުންނަން މިޖެހެނީ.. ފެންނައިރުގައިވެސް ނުފެންނަ ކަމަށް ހަދައިގެން މި ހުންނަނީ! އެނގޭތަ އެއީ ކީއްވެކަން؟ އަހަރެން އާރިފާއާ ވަކިވާން ބޭނުން ނުވާތީ! އަހަރެންގެ އަދި އިތުރު ދަރިޔަކުވެސް އާރިފާގާތު ހުރީތީ! އަހަރެން އެއްޗެހި ކިޔަން ވެއްޖެނަމަ އަހަންނަށް ޔަޤީން އާރިފާ އަމިއްލައަށްވެސް ވަރިވެގެން ދާނެކަން.. ތިއީ މީހަކު ދައްކާ ވާހަކަ އަޑެއް އަހާނެ މީހެއް ނޫން..! "
ވާހިދުގެ ވާހަކަތައް އަޑުއަހަން އާރިފާ ހުރީ އޭނާއާ ދިމާލަށް ލޯއަޅައިގެންނެވެ.
" ތިހާސަރުތައް ދަމާނެކަމެއް ނެތް! އެ ޒާރާ ރައްޓެހިވެގެން އެއުޅެނީ ކާކާތޯ ބަލާބަލަ! މަގޭ ކޮއްކޮ ހައިދަރު ކިހާވަރަކަށް އިންނަން އަހަނީ؟ ގައިމު ކީއްތަވާނީ އެސޮރާ ކައިވެނި ކުރިއްޔާ"
ރާގު ބަދަލުކޮށްލަމުން އާރިފާ ބުނެލިއެވެ. އެހިނދު ވާހިދުގެ މޫނުމަތި އަނދިރިވެގެން ދިޔަ ކަހަލައެވެ.
" ހައިދަރޭ؟ ޒާރާގާތު އިންނަން އަހަނީ؟ މަގޭ ހަށީގައި ނޭވާ ހިނގާހާ ހިނދަކު ތިކަމެއް ނުކުރެވޭނެ! އާރިފާއަށް ނޭނގެނީތަ ހައިދަރަކީ ފަތްބޯ މީހެއްކަން"
" އެނޫން މީހަކު އުޅޭތަ؟ މިހާރު ނޫޅޭނެ ފަތް ނުބޯ މީހަކު! "
އާދައިގެ ގޮތަކަށް އާރިފާ ބުންޏެވެ. ނަމަވެސް އާރިފާގެ ހިތުގެ ނިޔަތް އެނގުމުން ވާހިދުގެ ވިންދު އަވަސްވެފައިވާ ކަހަލައެވެ.
" ނުވާނެ ނުވާނެ! އޭނައާ އިނދެގެން ދިރިއުޅެން ފައިސާ ހޯދަނީ ކިހިނެއް؟ އެއީ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫން.. މާދަމާވެސް ގެންގޮސް ޖަލަށް ލައިފާނެ. އެއްދުވަހު ހަމައިގަ ހުރިއްޔާ އަނެއް ހަ ދުވަހު ހުންނާނީ ވާނުވާގައި! އެވަރުގެ މީހަކަށް މަގޭ ޒާރާ ދެވަން ތިއުޅެނީ؟"
" ހޫން ދެން ހެވޭ! މަގޭ ކޮއްކޮއަށް ކޮންމެހެން ތި ވަރުގަނޑު ބާލާނެކަމެއް ނެތް! ވަރެއްގެ ދަރިންތަކެއް!"
ކޮޓަރީގައި އޮތް ޝާމް، މަންމާއޭ ކިޔާ ގޮވާ އަޑަށް އާރިފާ އެދިމާލަށް މިސްރާބު ޖެހިއެވެ. އާރިފާ ދިޔުމާއެކު ވާހިދަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއާއެކު ލަސްނުކޮށް އޭނާގޮސް ޒާރާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. އޭރުވެސް އޭނާގެ ދެލޮލުގައި ތެތްކަން ހުއްޓެވެ. އެހެންކަމުން ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ވާހިދު އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއިއެކު މޭޒުގައި ބޯ އަޅާލައިގެން އޮތް ޒާރާ ފެނި، ވާހިދުގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ވާހިދު، ޒާރާގެ ބޮލުގައި ފިރުމާލިއެވެ.
" ބައްޕާ! އަޅުގަނޑު އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން...."
ޒާރާގެ ޖުމްލައިން ވާހިދުގެ ކެތްތެރިކަން ކޮޅުންލައި ދިޔަ ކަހަލައެވެ. އޭނާގެ ކިޔަމަންތެރި ދަރި، އަދިވެސް އެ މަސައްކަތްކުރަމުންދަނީ ބައްޕަގެ ކުރިމަތީގައި އަގު ވެއްޓެން ބޭނުން ނުވެގެން، އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭށެވެ.
" ބައްޕައަށް އެނގެޔޭ ދަރިފުޅާ! އެނގެޔޭ ބައްޕައަށް.. "
ތުރުތުރުއަޅާ އަޑަކުން ވާހިދު ބުނެލިއެވެ. އެހިނދު ތަނަށް ވެރިވީ ހަމަހިމޭންކަމެވެ. އިތުރު ވާހަކައެއް ދައްކާނެ ހިތްވަރެއް ޒާރާގެ ކިބަޔަކު ނެތެވެ. އަދިވެސް އޭނާއަށް ގިސްލެވެނީއެވެ.
" ކޮއްކޮވެސް އެދިޔައީ ރުޅި އައިސްގެން.. ހިތަށް ހަމަޖެހުން ލިބުނީމަ އަތުވެދާނެ..."
ޒާރާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލަމުން ވާހިދު ބުންޏެވެ. އެއާއެކު ޒާރާ ފުންނޭވާއެއް ދޫކޮށްލަމުން ދެއަތުން މޫނު ފުހެލިއެވެ.
" އެކަމަކު މިދުވަސްވަރަކީ ކޮއްކޮގެ ޓެސްޓް ދުވަސްކޮޅު.. އަހަރެން އަބަދުވެސް މި މަސައްކަތްކުރަނީ ކޮއްކޮ ހަމަޖައްސައިގެން ގެންގުޅެވޭތޯ! ބައްޕާ! "
ޒާރާގެ ވާހަކަތައް އަޑުއަހަން އިން ވާހިދު ބޯޖަހާލަމުން ތެދުވިއެވެ.
" ބައްޕަ އެބަ އަންނަން ޖުމާ އުޅޭތޯ ބޭރު ބަލައިލާފަ! "
" ނޫން.. އަޅުގަނޑު ދާނީ..."
ޒާރާގެ އެދުމަށް ދެކޮޅު ހަދާކަށް ވާހިދު ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒާރާ ނިކުމެގެން ދާންދެން އޭނާ މަޑުކޮށްލިއެވެ.
***
ބާރު ހިނގުމުގައި ގޮސް ޖުމާ މަޑުކޮށްލީ ފާލަން ކޮޅުގައެވެ. ބަނދަރުގައި ޖަހާފައި ހުރި ދެތިން ބައްތިދަނޑީގެ އަލި، ފާލަމަށް ފޯރާފައިވަނީ ވަރަށް ވެސް ފަނޑުކޮށެވެ. ނަމަވެސް ބިރެއް ނެތި ޖުމާ ގޮސް ފާލަން ކޮޅުގައި އިށީނެވެ. ތިރިއަށް ދެފައި ބާލައިގެން އޭނާ އިށީނދެލި އިރުގައިވެސް ހިތުގައި ކެކި އުތުރި އަރަމުންދާ ރުޅިވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިމަތިން ފެންނަމުންދާ ކަޅުފޮއި އަނދިރިކަމުގެ ތެރެއަށް ނަޒަރު ހިންގަމުން އޭނާ ދިޔައީ ދެއަތުން ދެލޯ ފުހެމުންނެވެ.
" މަންމާ! އާހް... މި އަނިޔާވެރި ދުނިޔެއަށް މިދަރިފުޅު ދޫކޮށްފައި ދިޔައީ ކީއްވެތަ؟ އަހަރެން މަންމައަށް ބޭނުންވާނެވަރު މަންމައަށް އެނގޭތަ؟ މަންމަގެ އަޅާލުމާއި ލޯތްބަށް ދަހިވެތިވެފައިވާވަރު އެނގޭތަ؟ ތިއަތުގެ ފިރުމުންތައް އަހަންނަށް ބޭނުންވީ ހިނދު މަންމަ ތިވަނީ އަހަންނާ މާދުރުގައި..މަންމައަށް އެނގޭތަ؟ ބައްޕައަށް އެއްވެސް ބާރެއް ނޯވެ.. އަހަރެމެންނަށް ދޮންމަންމަ ކޮންމެ ގޮތެއް ހެދިޔަސް ބައްޕައަކަށް އެއްޗެއް ނުބުނެވޭ.! މަންމާ! އަހަރެން ބޭނުންވަނީ މަންމަ ގާތަށް ދާން.. އަހަންނަކަށް ދެން މިތާކު ކެތެއް ނުވާނެ.. އަހަރެން ވަރަށް ކެތްކޮށްފިން މަންމާ! "
ގިސްލަ ގިސްލާފައި ޖުމާ ރޮމުން ދިޔައީ އަޑުން އަޑު ނަގައެވެ. އޭނާއަށް އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރެވެނީވެސް ހަމަ ކިރިޔާއެވެ. ވަށައިގެން އޮތް މޫދުގައިވާ ހަލަބޮލި ރާޅުތަކުން އޭނާގެ ގަޔަށް ލޮނު ބުރުވަމުން ދާއިރުގައިވެސް އެތަނުން ތެދުވާކަށް ޖުމާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ ހިތް ފުރެންދެން ރޮއިލާށެވެ.
" ޖުމާ! "
ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމާއެކު ދާދި ގާތުން އޭނާއަށް އިވުނީ މުއާޒްގެ އަޑެވެ. އެހެންކަމުން ތެޅިގަނެފައި އޭނާއަށް ފަހަތް ބަލައިލެވުނެވެ. ނަމަވެސް އަދިވެސް ތެދުވާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ފަހަތުގައި ހުރި މުއާޒް މަޑުމަޑުން ޖުމާއާ ތަންކޮޅެއް ދުރުގައި އިށީނދެލިއެވެ. އެހިނދު ޖުމާއަށް އިސްޖަހާލެވުނީ މުއާޒް ކުރާނެ ސުވާލުތަކެއް ނޭނގޭތީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވުމުންނެވެ.
" ޖުމާ ދެންމެ ކީ ހުރިހާ އެއްޗެއް އަހަރެން މިތާ ހުރެގެން އަޑުއެހިން... "
މުއާޒްވެސް ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ. ޖުމާގެ ފަރާތުން އެއްވެސް ބަހެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ މުއާޒެވެ.
" އަހަންނަށް އަހާލެވިދާނެތަ ކިހިނެއްތޯ ވީ؟"
މުއާޒް ވާހަކަ ދެއްކީ ނުހަނު މަޑުމަޑުންނެވެ. އެއާއިއެކު ޖުމާ އިސް އުފުލައި މުއާޒްގެ މޫނަށް ބަލައިލިއެވެ. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ބޭނުން ވެގެން އޭނާ އޭރުވެސް ހުރީ ކެތްމަދުވެފައެވެ.
" މިއީ އަބަދުވެސް އަހަރެމެން އުޅޭ ޙާލު! "
ޖުމާ ވާހަކަ ފެށީ މިފަދައިންނެވެ. އެންމެ ފަހުން މިރޭ ކަންވީ ހުރިހާ ގޮތެއް އޭނާ މުއާޒާ ހިއްސާކުރިއެވެ. އަދި ގޭތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތްވެސް އޭނާ ކިޔައިދިނެވެ. ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއިރު އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. އޭރުގެ މުއާޒްގެ ހިތް ހީވަނީ ފުންމައިގެން ނިކުމެދާނެހެންނެވެ. އެ އަނިޔާވެރި ކޮށި ތެރެއިން ޒާރާ ސަލާމަތް ކުރަން މުއާޒް ބޭނުންވިއެވެ.
" ބަލައްޗޭ! އެ ހައިދަރުގަނޑާ ގަދަކަމުންވެސް ދޮންތަ ކައިވެނި ކުރުވާނެ! "
ޖުމާގެ އެ ޖުމްލަ ވެގެން ދިޔައީ މުއާޒްގެ ނާރުތައް ބުރިބުރި ވެގެން ދިޔަ ފަދަ ޖުމްލައަކަށެވެ. އެހެންކަމުން އޭނާއަށް މަޑަކުން ނީނދެވުނެވެ.
" ހަމަ ހިލާ ތިހެން ވިޔަކަ ނުދޭނަން... އަހަރެން މިރަށުން ފުރައިގެން ދާނީ ޒާރާ ގޮވައިގެން "
ދުރަށް ބަލައިލަމުން މުއާޒް ބުނެލިއެވެ.
" ހިނގާ އަހަންނާއެކު ތިގެއަށް ދާން.. ޖުމާގެ ބައްޕައާ ވާހަކަ ދައްކާލަން އަހަރެން ބޭނުން "
ގޮތްހުސްވެފައިވާ ފަދަ ގޮތަަކަށް މުއާޒް ބުނެލިއެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި ޖުމާ ތެދުވެއްޖެއެވެ. ދެމީހުން އެކުގައި ފާލަމުން ފައިބައިގެން އެއްގަމާ ދިމާލަށް ހިނގައިގަތް އިރު ބޮޑުމަގު ހުރިގޮތަކަށް ބަނދަރާ ދިމާލަށް އަންނަ ޒާރާ ފެނުނެވެ.
" އެހެރަ އަންނަނީ ދޮންތަ! އެއަންނަނީ އަހަރެން ހޯދަން.. ދޮންތައާ ވާހަކަ ދައްކާލަން މަޑުކުރަންވީނު"
ޖުމާ ބުނެލިއެވެ. އިސާހިތަކު ޒާރާ އައިސް އެމީހުންނާ އަރާ ހަމަކޮށްފިއެވެ.
" މިހުރިހާ ކަމެއްވެސް މިވީ މީނަ އާ ހެދި"
ރުޅި އައިސްފައި ހުރި ނަމަވެސް ޒާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޒާރާގެ ޖުމްލަ މުއާޒަށް އަމާޒުވީ ނަމަވެސް މުއާޒަށް އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ ހުރީ ޒާރާގެ އުދާސްވެފައިވާ މޫނަށް ބަލާށެވެ. މުއާޒްގެ ނަޒަރު އެހެން ދިމާލަކަށް ނުދިޔައެވެ.
" މުއާޒަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިދީފިން.... އާނ! މިއަދު މިތަނަށް ދޮންތަ ފޮނުވީ މުއާޒް ބުނެގެން"
ޖުމާ ދެރަވެލާފައި ބުންޏެވެ. އެއަށްފަހު ފުން ނަޒަރަކުން އޭނާ މުއާޒަށް ބަލައިލަމުން ދުރަށް ހިނގައިގަތެވެ.
" ޖުމާ! "
ޖުމާ ހިނގައިގަތުމާއެކު ޒާރާ ހިނގައިގަތީ ޖުމާގެ ފަހަތުންނެވެ. ނަމަވެސް ހުޝިޔާރުވެ ހުރި މުއާޒް ޒާރާގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ. އެހިނދު ޒާރާއަށް ދެލޯ މަރާލެވުނެވެ. ކުރިއަށް އެޅި ފިޔަވަޅުވެސް އޭނާއަށް އެޅުނީ ފަހަތަށެވެ.
" ޕްލީޒް.. ނުދޭ! ޕްލީޒް އަހަރެން ޒާރާ ބޭނުން..."
މުއާޒްގެ އަސަރުގަދަ އަޑުން ބުނެލިއެވެ. އެއަޑުގައިވާ ޖަޒްބާތުތަކުގެ އަސަރު ޒާރާގެ ހިތަށް ފޯރަން ނެގީ މަދު ސިކުންތު ކޮޅެކެވެ.
" ކީއްވެ؟ "
އަދިވެސް ޒާރާއަށް ހުރެވުނީ މުއާޒަށް ފުރަގަސްދީގެންނެވެ. ޒާރާގެ އަތުން ދޫކޮށްލުމަށްފަހު މުއާޒް އޭނާގެ ފުރަގަހުގައި ހުއްޓިލަމުން ބުންޏެވެ.
" ލޯބިވާތީ! ކައިވެނި ކުރަން ބޭނުންވާތީ! "
މުއާޒްގެ ޖުމްލައިން ޒާރާއަށް ދެލޯމަރާ ފިއްތާލެވުނެވެ. އެހިނދު އޭނާގެ އެސްފިޔަތަައް ދަށުން ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ.
" އަހަންނާ ދުރަށްދޭ! އަހަންނަކީ މުއާޒަށް އެކަށީގެންވާވަރު މީހެއް ނޫނޭ"
އަސަރާއެކު ޒާރާ އެހެން ބުނެލުމުން މުއާޒަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ލޯތްބަކީ އެއްޗެއްސަށް މިނެކިރޭނެ އެއްޗެއް ނޫން.. އެއީ އެއަށްވުރެ މާ ބާރުގަދަ ގަދަފަދަ އެއްޗެއް.. ޒާރާދެކެ އަހަރެން ވާ ލޯތްބާ އަޅާކިޔޭނެ އެއްވެސް ކަމެއް، އެއްވެސް އެއްޗެއްވެސް ނުހުންނާނެ.. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޒާރާ ތިގެއިން ސަލާމަތްކުރަން"
މުއާޒް ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ. އޭރުވެސް އޭނާ ހުރީ ޒާރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
" އެކަމަކު މުއާޒް.. އަހަރެން ކިހިނެއް؟ އަހަރެން ކިހިނެއް އެއްބަސް ވާނީ"
ކުޑަކޮށް ކުރިއަށް ޖެހިލަމުން ޒާރާ ބުންޏެވެ. އެހިނދު މުއާޒްގެ ޖީބުގައި އޮތް ފޯން ރިންގް ވާން ފެށިއެވެ. އެއަޑަށް ޒާރާއަށް ފަސްއެނބުރި މުއާޒަށް ބަލައިލެވުނެވެ.
" ލައްބަ! ބައްޕާ! "
ކަތި ނަޒަރަކުން ޒާރާގެ މޫނަށް ބަލައިލަމުން މުއާޒް ބުނެލިއެވެ.
" ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަ މިރަށަށް ދުރުވަން! އަޅުގަނޑު މިރޭ މިކޮޅުގައި މަޑުކުރާނަން.. ބައްޕައަށް މާދަމާ ދުރުވެވިދާނެތޯ؟ "
މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކުމަށްފަހު މުއާޒް ފޯނު ބޭއްވިއެވެ.
" އަހަރެން ބޭނުންވަނީ އަހަރެންގެ ބައްޕަ ލައްވާ ޒާރާގެ ބައްޕައާ ވާހަކަ ދައްކަން! އޭރުން ގައިމުވެސް އަހަންނަކީ ގޯސް މީހެކޭ ނުބުނާނެ.. އަދި ޒާރާގެ ބައްޕަ އަހަންނާމެދު ނުޤަބޫލެއްވެސް ނުވާނެ"
މުއާޒްގެ ވާހަކަ އަޑުއަހަން ހުރި ޒާރާ އެއްމިޔަކަނުން ހީލަމުން ދުރަށް ބަލައިލިއެވެ.
" އެއްފަހަރުވެސް އަހާލިންތަ އަހަންނަށް މުއާޒް ކަމުދޭތޯ؟ ގަދަބާރުން އަހަންނާ ކައިވެނި ކުރަން މަސައްކަތް ކުރާއިރު އަހަރެން ދެކޭ ގޮތެއް އަހާލަން ހިތަކަށް ނާރާތަ؟ "
ލަސްލަހުން ޒާރާ ދޫކޮށްލި ޖުމްލަތައް އަޑު އިވިފައި މުއާޒް ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ނަމަވެސް ޒާރާ ޙާޞިލް ކުރުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ޒާރާއަށް ޖަވާބުދޭންވެސް އޭނާ ބޭނުންވީ ހިތްވަރު ނެރޭށެވެ.
" އަހަރެން ކީއްކުރަން އަހަންވީ؟ އަހަންނަށް އެނގޭ ޒާރާވެސް އަހަރެންދެކެ ލޯބިވާކަން.."
" ކިހިނެއް އެނގެނީ؟ އެއްފަހަރުވެސް އަހަންނަށް ބުނެވުނުތަ މުއާޒްދެކެ އަހަރެން ލޯބިވެޔޭ! ނުބުނަމެއްނު!"
ދެއަތް އުރާލަމުން ޒާރާ ބުންޏެވެ. އެހިނދު ފުން ނޭވާއެއް ބޭރުކޮށްލަމުން މުއާޒް މޭ ފުއްޕާލާފައި ޒާރާއަށް ބަލައިލިއެވެ.
" އާނ! ޒާރާގެ ދުލުން އަހަރެންދެކެ ލޯބިވާ ވާހަކަ އެއްފަހަރުވެސް އަދިއެއް ނުބުނެ... އެކަމަކު އަހަރެންދެކެ ލައިކް ނުވާނަމަ، ހިތް ނޭދޭނަމަ... ހުންނަ ހިތް ނުވާނަމަ މިތާ، މި ކަނު އަނދިރީގައި އަހަރެންގާތު ތިހެން ހުންނާނެ ހެންނެއް ހިއެއްނުވެ! "
މުއާޒްގެ ޖުމްލައިން ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ރައްދުގައި ދޭނެ ޖަވާބެއް ޒާރާއަކަށް ނޭނގުނެވެ. އެހެންކަމުން މުއާޒްގެ ކުރިމަތީގައި އެއްގޮތަކަށްވެސް ދެބަސް ވެވޭކަށް ނެތެވެ. މުއާޒް ދެއްކި ވާހަކަތަކަށް ދެކޮޅު ހެދޭކަށް ނެތެވެ. ޒާރާގެ ހިތުގައި އުފެދެމުންދާ ޖަޒްބާތުތައް ސިއްރު ކުރެވޭކަށްވެސް މިހާރަކު ނެތެވެ. އެންމެ ފަހުން އޭނާއަށް ޖެހުނީ ލަދުވެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާ މުއާޒްގެ ކުރިމަތީގައި އިޢުތިރާފްވާށެވެ. ނޭނގި ނަމަވެސް އޭނާއަށް މުއާޒްދެކެ ލޯބިވެވުނު ކަމުގައި އެއްބަސް ވާށެވެ. އޭނާވެސް މުއާޒް ބޭނުންވާކަން ހާމަ ކޮށްދޭށެވެ.
" މުއާޒްދެކެ ލޯބިވެވުނު ކަމެއް އަހަންނަކަށް ނޭނގުނު.. އަހަރެންގެ މޭގައި އާދަޔާ ޚިލާފް ޖަޒްބާތުތަކެއް އުފެދެމުން ދާކަން އަހަންނަށްވެސް އިޙްސާސްވި! އެކަމަކު.. އަހަރެންގެ ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން އަހަންނަށް އެ ކަންކަމަކަށް އެއްވެސް ސަމާލުކަމެއް ނުދެވުނު މުއާޒް"
ދެރަވެފައި ހުރެ ޒާރާ ވާހަކަ ދެއްކިއެވެ. އޭނާގެ ރީތި މޫނަށް ބަލަހައްޓައިގެން ހުރި މުއާޒް މަޑުމަޑުން ގޮސް ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ.
" އަހަރެން މިރަށުން ދާނީ ޒާރާ ގޮވައިގެން"
މުއާޒްގެ ޖުމްލައިން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް މުއާޒަށް ފެނުނެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!