ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ "ކޮޕް28″ ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، އެކިކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

Ad
rt

އެ ބައްދަލުވުމަށް ފަހު، މޯދީ "އެކްސް" ގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާ އެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ފުޅާ ކުރެވޭނެ ތަފާތު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އުންމީދަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓާކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށް މޯދީ ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަރިންދަމް ބަގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ކުރިއަށްދާ ކޮޕް28 ގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ބައްދަލު ކުރައްވައި ގިނަ ދާއިރާތަކަކުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާރިޖީ ގުޅުމާއި މީހުން ބިނާ ކުރުމުގެ މަސައްކަތާއި ތަރައްގީގެ މަޝްރޫއުތަކާއި އިގްތިސާދީ ގުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރު ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ވަރަށް ފަހުން ބުނި ގޮތުގައި ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިބިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.