މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، (މީރާ) މެދުވެރިކޮށް ދައުލަތަށް 2.01 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 61.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

މީރާއިން މައުލޫމާތު ދޭގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓާއި އެކްސްޕެޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މި އަދަދު އިތުރުވީ ޖީއެސްޓީ އާއި އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި މިދިޔަ މަހު ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެންބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 16.9 އިންސައްތައަށް އިތުރުވެފައިވުމުން، އެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން ބުނެއެވެ.

މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، އެ ސުންގަޑި އޮކްޓޯބަރު ގެ ފުރަތަމަ ހަފްތާއަށް ފަސްވުމުންނެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 1.32 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކުހުގެ ގޮތުގައު 161.47 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 152.82 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ، އެއާޕޯޓު ޑެވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.19 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.72 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.