ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ގްރައުންޑު ހޭންޑްލިންގެ މަސައްކަތަށް އިތުރު ވެހިކަލްތަކެއް ގެނެސް އޮޕަރޭޝަން ފަށައިފިއެވެ.
މި ވެހިކަލްތަކާއި، އިކުއިޕްމަންޓުތައް ބޭނުންކުރަން ފަށާފައިވަނީ ހާއްސަސަ ހަފްލާއެއްގެ ތެރެއިންނެވެ. މި ހަފްލާގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެމްއޭސީއެލުން ބުނީ، ގްރައުންޑު ހޭންޑްލިންގެ މަސައްކަތަށް އިތުރުކޮށްފައިވާ ވެހިކަލްތަކާއި އިކުއިޕްމަންޓުތަކުގެ ތެރޭގައި 4 ފަސިންޖަރު ބަހާއި، 4 އެއާކްރާފްޓް ސިޑި ބަރިއާއި، 2 ޔުނިވާސަލް ލޯޑާ، 2 ހައި ލޯޑާއި، 10 ބެގޭޖު ޓްރެކްޓަރާއި، 14 ގޮނޑީގެ 1 މިނީވޭން އަދި، 32 ގޮނޑީގެ ބަހެއް ހިމެނެއެވެ.
ގްރައުންޑު ހޭންޑުލިންގުގެ މަސައްކަތަށް އިތުރު ވެހިކަލްތަކާއި އިކުއިޕްމަންޓު ގެނެސްފައިިވަނީ ވީއައިއޭ އިން އެއާލައިންތަކަށް ދޭ ހިދުމަތްތައް އަވަސްކޮށް ހަރުދަނާކުރުމަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ކުރިއަށް އޮތް މަސްތަކުގައި އިތުރު އިކުއިޕްމަންޓުތައް ގެނައުމަށް ރާވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!