ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023" ގެ ގުރުއަތު ލައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަމަށްޓަކައި އެ އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި މުބާރާތް މި އަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅެން ނިންމާފައި ވަނީ ގޮއިދޫގައެވެ. އއެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، ފޭދޫ، ބިލެތްފަހި، ފޯކައިދޫގެ އިތުރުން ގޮއިދޫއެވެ.

ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ނިންމާފައި ވަނީ މާއުނގޫދޫގައެވެ. އެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ޅައިމަގު، މިލަންދޫ، ކޮމަންޑޫ، ފުނަދޫ، މަރޮށި، ނަރުދޫގެ އިތުރުން މާއުނގޫދޫއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާއުނގޫދޫގައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ގޮއިދޫގައެވެ.

މި މަހު ވިހިވަނަ ދުވަހު ފަށާ މި މުބާރާތުގެ ފުރަތަމަ ދުވަހުގެ ހަވީރު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަނޑިތީމާއި ފީވަކެވެ. ހަވީރުކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނޫމަރާއާއި ފޭދޫއެވެ. އެ ރޭ ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ބިލެތްފައްސާއި ގޮއިދޫއެވެ.

ގްރޫޕް ބީގައި ވިހިވަނަ ދުވަހު ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޅައިމަގާއި މިލަންދޫއެވެ. ހަވީރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮމަންޑޫއާއި ފުނަދޫއެވެ. އެ ރޭ ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ މަރޮއްޓާއި މާއުނގޫދޫއެވެ.

މިއީ ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަދޫއެވެ.