އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ އަށް ފަހު، ޣައްޒާގެ ކަންކަން ބަލަހައްޓާނީ އިސްރާއީލުން ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެއެވެ.

ޔަހޫދީ ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގަމުން އަންނަތާ މިއަދަށް އެއް މަސް ދުވަސްވެފައިވާ އިރު، އިސްރާއީލުން ފުރަތަމަ ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލާނީ ޣައްޒާ އިން ހަމާސް ނައްތާލުމަށް ފަހުގައި ކަމަށެވެ. އެކަމަކު، ފަހުން އެމީހުންގެ ރާގު ބަދަލުވެ، މިހާރު ބުނަމުން އަންނަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސް އިން އަރާ ރަހީނުކޮށްގެން ގެންދިޔަ މީހުން ދޫކޮށްލުމުން ނޫނީ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ.

Ad
rt

ހަމާސް އިން ހާމަކޮށްފައިވާ ގޮތުން ނަމަ، ޣައްޒާ އަށް ގެންދިޔަ 250 މީހުންގެ ތެރެއިން ފަންސާހަކަށް މީހުން މިހާރު ވަނީ މަރުވެފައެވެ. އެއީ އިސްރާއީލުން މެދުކެނޑުމެއް ނެތި ޣައްޒާ އަށް ބޮން އަޅައި ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ކަމަށް ވެސް ހަމާސް އިން ބުންޏެވެ. އަދި 60 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، އޭގެ ތެރެއިން ބައެއް މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ހަމާސް އިން ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ ހަނގުރާމަ ނިމުމާ އެކީގައި ޣައްޒާގެ ހުރިހާ ކަމެއްގެ ޒިންމާއާ ހަވާލު ވާނީ އިސްރާއީލް ކަމަށެވެ. އެއާއެކީގައި ޣައްޒާގެ ސަލާމަތީ ކަންކަން ވެސް ދެން ބަލަހައްޓަމުން ގެންދާނީ އިސްރާއީލުން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

"ސަލާމަތީ ގޮތުން އެ ތަނުގައި ކުރަން ޖެހޭ ކަންކަން ނުކުރެވުމުގެ ސަބަބުން ހަމާސް ކަހަލަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ފުޅާވެފައި ވަނީ. އެމީހުންގެ ހަރަކާތްތައް ފުޅާވެފައި ވަނީ އަހަރުމެން އެއްވެސް މީހަކު ތަސައްވަރު ވެސް ނުކުރެވޭނެ ފަދަ ގޮތަކަށް،" ނަތަންޔާހޫ ބުނެފައިވެއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރާ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ. ހަމާސްގެ ކުއްލި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ރައްދުގައި ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އޭގެ ތެރޭގައި 4،000 ކުޑަކުދިން ވެސް ހިމެނެއެވެ.

ނަތަންޔާހޫ ވިދާޅުވީ ޝަހީދުވި މީހުންގެ ތެރޭގައި ގިނަ ވާނީ މުޖާހިދުން ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލާނީ ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމުން ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ތަކުރާރު ކުރައްވައިފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާ ހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.