ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ މިއަދު ވެސް ކެންސަލް ކޮށްފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކުގައެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރައްވަމުންނެވެ.

Ad
rt

އެހެންނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެފައިވަނީ ފާއިތުވި ތިން ދުވަހަކޭ އެއް ގޮތަށް މިއަދުގެ ޖަލްސާ އަށް ވެސް ވަޑައިނުގެންނެވޭކަން އަންގަވައި، އީވާ ސަލާން ފޮނުއްވާފައިވާ ކަމަށެވެ. އަދި ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފައެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވެމުން، އެ ގަރާރު ފަހަތަށް ޖައްސައިލުމަށް ފަހު، މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާ އިން އިއްޔެގެ ޖަލްސާ އަށް އެޖެންޑާ ކުރިއެވެ. އެއީ މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، އިއްޔެ އަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަސް ކަމަށްވާތީއެވެ.

އެހެންނަމަވެސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިށީނދެވަޑައިގަތުމަށް ހުރަސްއަޅައި، އިއްޔެގެ ޖަލްސާ ހުއްޓުވައިފައެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރައްވާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށް އެ ފަރާތުން ދަނީ ވިދާޅުވަމުންނެވެ.

އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެއެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.