66 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި 14 ތަނެއް ބަލައި، ފާސްކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ބެލުުގެދަށަށް ގެންދިޔަ ބިދޭސީން މިހާރުތިބީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޓެންޝަނަށް ސެންޓަރުގައި ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 65 މީހަކާއި އިންޑިއާގެ މީހެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންނަމަވެސް މި މީހުން އަނބުރާ ގައުމަށް ފޮނުވާނެ ދުވަހެއް އަދިހާމައެއް ނުކުރެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދައި، ގަވާއިދުގެތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އޮޕަރޭޝަން އަލުން ފެށުމަށް ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޑިޓެންޝެން ސެންޓަރަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، 250 އާއި 300 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މީގެކުރިން ކުރިއަށްގެންދިޔަ މިފަދަ ޕްރޮގްރާމްގެ ދަށުންވަނީ 13،000 މީހުން ގަވާއިދުގެ ތެރެއަށް ފައްތާ 24،000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތަކުގައި މިއޮޕަރޭޝަންތައް ކުރިއަށްގެންދާއިރު، ބިދޭސީންނަށް ކައްކާ، ކޭޓަރިންގެ ޚިދުމަތްދެމުންދާ ބައެއް ބޮޑެތި ތަންތަން ވެސް ގެންދަނީ ބަލައި، ފާސްކުރަމުންނެވެ. އަދި މިހެން ހުރިތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ މިހައިތަނަށް ވެސް އެއްވެސް ހައްލެއް ލިބިފައިނުވާ މައްސަލައަކަށްވާއިރު، އެކިފަހަރުމަތީން އެކި ފިޔަވަޅުތައް ވެސް ގެންދަނީ އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!