ކުރީގެ އަދަދާއިގުޅޭ،

"ނޫޙުމެން އަތުވެދާނެ.. ޒައިންވެސް ހިނގާބަލަ ނޫޙު ގާތަށްދާން..." އުޝާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. ޒައިން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައިހުރީ ސީދާ އުޝާގެ މޫނަށެވެ.

Ad
rt

***

ވިޔަފާރީގެ ރިޕޯޓްތަކެއް ނިންމާލުމަށްފަހު ޖާބިރު ކޮޓަރިން ނިކުތީ ކޮފީތައްޓެއް ބޯލާށެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ނިދިފައި އޮތް ނަވީންއެވެ. ނަވީން އެތާ އޮތްތަން ފެނި ޖާބިރަށް މަޑުކޮށްލެވުނެވެ. ދަރިފުޅުގެ ހިތުގެ ނުތަނަވަސްކަން އޭނާއަށް އިޙްސާސްވީފަދައެވެ. ޖާބިރު މަޑުހިނގުމެއްގައި އައިސް ސޯފާއާ ކައިރިވެލުމަށްފަހު ކަރުކެހިލިއެވެ. އެއާއެކު ނިދިފައި އޮތް ނަވީންއަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތީގައި ހުއްޓި ހުރި ޖާބިރު ފެނުމުން ނަވީން ގަދަކަމުން ހީލިއެވެ. އަދި ތެދުވެ ސޯފާގައި ލެނގިލީ ކަންނެތް ގޮތަކަށެވެ.

" ތިމާގެ އަނބިމީހާ އެހެން ބަޔަކާ ޙަވާލްކުރެވުނީމަ، ދެން ވާނީ ތިޔަ ކަހަލަ ގޮތެއް! މީހާ އާވާރާވެ، ދީވާނާވެ ބެހިގެން ހިނގައިދާނެ! "

ސޯފާގައި އިށީނދެ ނަވީންގެ ބޮލުގެ އިސްތަށިގަނޑު ހާވާލަމުން ޖާބިރު ބުނެލިއެވެ. ބައްޕަ އެހެން ބުނުމުން ނަވީން އިސްޖަހާލީ ދެރަވެގެންނެވެ.

" ދެންވެސް އެމަންޖެ ގެނެވޭތޯ ބަލާ!" ނަވީން އެއްޗެއް ނުބުނުމުން ޖާބިރު ތެދުވިއެވެ. ނަވީންއަށް އެއްޗެއް ބުނަން ނުކެރުނީ ވަރަށް ބޮޑަށް ހިތުގައި ޖެހުމުންކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ ޖާބިރު ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. އޭރުވެސް ނަވީން އެއިންގޮތަށް އިނީއެވެ.

***

މުޅި ގޭތެރެ ގުގުމަމުންދަނީ ޒަޔާގެ ރުއިމުގެ އަޑުންނެވެ. ނަދާއަކަށްވެސް ޒަޔާ ހުއްޓުވައެއް ނުލެވުނެވެ.

" އަނެއްކާ މިއަދުވެސް ރޮނީ؟ " ބާރުބާރަށް ނަދާގެ ކޮޓަރިއަށް ވަތް، ސާމިޔާ އަހާލިއެވެ. އޭރު ކޮޓަރީގެ އެތަންމިތަނަށް އަންނައުނުތައް އުކާފައި ހުއްޓެވެ. ޒަޔާގެ ކުޅޭ އެއްޗެހިތައްވެސް ހުރީ މުށިތައްމަތީގައެވެ.

" ސުބްޙާނަﷲ! ކޮޓަރިއަށް ހާދަ ވަރުތަކެއް އަރުވާލާފަ!" ސާމިޔާ ހައިރާންވެހުރެ ނަދާއަށް ބަލާލިއެވެ. އަލަމާރި ދޮރުގައި ލެނގިލައިގެން ހުރި ނަދާގެ މޫނުމަތިން ރުޅިވެރިކަމާ އެއްވަރަށް ކަންބޮޑުވުމުގެ އަސަރުތައްވެސް ފެންނަން ހުއްޓެވެ.

" ޒަޔާ ރުޅި އައިސްގެން ދާވަށިގަނޑުގައި ހުރި ހުރިހާ ހެދުންތަކާ ކުޅޭ އެއްޗެހިތައްވެސް އުކާލީއެއްނު! " ތަންކޮޅެއް ބާރަށް ނަދާ އެހެން ބުނުމުން ސާމިޔާ އަނެއްކާވެސް ކުޑަކުޑަ ޒަޔާއަށް ބަލާލިއެވެ. އެނދު ބިއްދަށަށް އަރާ އިން ޒަޔާ، ރުއިން ހުއްޓާލީ ސާމިޔާ އައުމުންނެވެ.

" ޒަޔާ މިހާރަކަށް އައިސް ވަރަށް ހަޑިކޮށް އުޅެނީ! މިއަދުވެސް އެ ރޮނީ ހަމަ ބައްޕަ ގާތަށް ގެންދާށޯ ކިޔާފަ! ނުދެވޭނޭ ބުނީމަ ރުޅި އައިސްގެން އެއްޗެހި އުކަނީ! މަންމަ ބުނީމަ ޤަބޫލުކުރަނީކީ ނޫން."

ނަދާ ހިނގާލާފައި އައިސް އެނދުގައި އިށީންނަމުން ކުދި ކިޔަން ފެށިއެވެ.

" ކޮއްކޮ ބޭނުމީ ބައްޕަ ގާތަށް ދާން! ލަންކާ ސަކަރާތް. ކޮއްކޮ ނޫޅޭނަން މިތާކު"

ޒަޔާ އެހެން ބުނެލި ގޮތުން އޭނާ ހިތުގައި ޖެހިފައިވާ މިންވަރު ސާމިޔާގެ އިތުރުން ނަދާއަށްވެސް އެނގުނެވެ. އޭރުވެސް ޒަޔާ އިނީ ތުންފިއްތައިގެންނެވެ.

" ދަރިފުޅު އާދޭ މާމަ ކައިރިއަށް ނިދާލަން.." އެނދަށް އަރަމުން ސާމިޔާ އެހެން ބުނެލުމާއެކު ނަދާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނިކުތުމާއެކު އޭނާ ސިހުނީ ދޮރުމަތީގައި ބައްޕަ ހުރިތަން ފެނިގެންނެވެ.

" ޒަޔާ ޤަބޫލެއް ނުކުރޭދޯ ހަމަ؟" ނަޒީރު އެހެން އަހާލުމާއެކު ނަދާއަށް ރޮވުނެވެ. ނަދާގެ ލޮލުން ކަރުނަ އޮހޭތަން ބަލަން ނަޒީރަށް ކެތް ނުވެގެން އޭނާ ނަދާގެ ކޮނޑުގައި ހިފާލަމުން އޭނާއާ ގާތްކޮށްލިއެވެ.

" ހިތްވަރުކުރޭ ދަރިފުޅާ! ހިތްވަރުކުރޭ! ބައްޕައަށްވެސް އެނގޭ މިހާރު ދަރިފުޅު ދެރަވާނެވަރު. ބައްޕަ ބުނަންތަ؟ ދިރިއުޅުމަކީ ހަނގުރާމައެއް! ތި ހަނގުރާމައިގައި ވަރަށް ކެތްތެރިވާން ޖެހޭނެ. ފިނޑިވެގެން ނުވާނެ! ދެން ޖެހޭނީ ދަރިންގެ ޙައްޤުގައި ދިރިއުޅެން. އެދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނީ ދެމަފިރިން އެކުގައި މަސައްކަތްކުރީމަ.. ދެމީހުންގެ ލޯބިވެސް ޒަޔާއަށް ބޭނުންވާނެ! "

ނަޒީރު ނަދާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު ދެލޮލުން ކަރުނަތައް ފުހެލަމުން ނަދާ ނަޒީރުއަށް ބަލާލީ އޭނާ ދައްކަން އުޅޭ ވާހަކަ ނުވިސްނޭފަދަ ގޮތަކަށެވެ.

" މިހާރަކަށް އައިސް ޒަޔާ އަބަދު އެ ރޮނީ ބައްޕަ ހަނދާންވެގެން. އަހަރެެން އެންމެން އެކި ގޮތްގޮތުން ޒަޔާއަށް ވިސްނައިދޭންވެސް މަސައްކަތްކޮށްފިން. އެކަމަކު ހަމަ އެ ކުޑަކުޑަ މައުސޫމް ދަރިފުޅު ކޮންމެ ދުވަހަކު އެރޮނީ އެ ހިތަށް ވަރަށް އަސަރުކޮށްގެން. ޒައިން ކޮންމެ ގޮތަކަށް ނަދާއާމެދު ކަންތައްކުރި ނަމަވެސް އެއީ ޒަޔާއަށް ލިބޭނެ އެންމެ ރަނގަޅު ބައްޕައޭ ބުނީވެސް ހަމަ ދަރިފުޅު. އެހެންވީމަ.. އެހެންވީމަ.. ބައްޕައަށް ފެންނަނީ ދަރިފުޅު ޒައިންއަށް މަޢާފްކޮށްފަ ޒަޔާއަށްޓަކައި އޭނާއާ ގުޅެން.."

ނަޒީރުގެ ޖުމްލައާއެކު ނަދާ ވަގުތުން ފުރަގަސްދިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ތިހެންވެސް ހިތަށް އަރައޭ ބައްޕާ! އެކަމަކު.. އެކަމަކު.. އަހަންނަށް އެ އެންމެން އެކަން އޮޅުވާލީމަ އަހަރެން އެ އާއިލާދެކެ ވަރަށް ފޫހިވޭ! އަދިވެސް ޒައިންއާ އުޝާއަށް ނަފްރަތު ކުރެވޭ!"

" އުޝާ މިހާރު މީހަކާ އިނދެގެން ގޮއްސިއޭ ދަރިފުޅު ބުނީމެއްނު! އެދުވަހު ފޯންކޯލްއިން އަމީރާ އެހެން ބުނިވާހަކަ ބުނީމެއްނޫންތަ؟" ފަހަތުން އިވުނު ސާމިޔާގެ އަޑަށް ނަދާއަށް ބަލާލެވުނެވެ.

" އެހެންވީމަ މިހާރު އުޝާއެއް އެގެއަކު ނޫޅޭނެ އެއްނު.. އުޝާ ނޫޅެންޏާ ދަރިފުޅަށްވެސް ހަމަޖެހިލައިގެން އުޅެވޭނެ! އަދި ތިއިނީ އިއްދައިގަ. ކައިވެނި ރުޖޫޢު ކުރަން ޒައިންގާތު ބުނެ އާދޭސްކުރޭ. އެގޮތަށް ޒަޔާ ދެރަވެގެން އުޅެން ވެއްޖެއްޔާ އެމަންޖެ ނަފްސާނީ ވެދާނެ. މިހާރު ކުރިން ކާ ގޮތަކަށް ނުވެސް ކައެއްނު. ނިދަންވެސް އެއޮތީ ގިސްލަގިސްލާ!"

ސާމިޔާ އިތުރު ކޮށްލިއެވެ. މަންމައާ ބައްޕަގެ ވާހަކަތަކާމެދު އޭނާއަށް ވިސްނެން ފެށިއެވެ. ނަދާގެ ހަމައެކަނި މީހަކީ ޒަޔާކަމުގައި އިޙްސާސްކުރެވުނެވެ. ފަސްވަރަކަށް އަހަރުވީ ނަމަވެސް ޒަޔާގެ ކުޑަކުޑަ ސިކުނޑިން މާ ގިނަ އެއްޗެހި ވިސްނާކަން ނަދާއަށް އެނގެއެވެ.

" އަހަރެން މާލެ ގޮސް ތިގޮތަށް ޢަމަލު ކުރަން ބައްޕަމެން ހަމަ ޤަބޫލުތަ؟ " ނަޒީރާއި ސާމިޔާއަށް ބަލާލަމުން ނަދާ މަޑުމަޑުން އަހާލިއެވެ.

" ޤަބޫލު މިވީ ހަމައެކަނި ޒަޔާއަށްޓަކައި.. އަލުން ޒައިންއާ ގުޅެންވެސް މިބުނީ އެހެންވެ. އެހެން ނޫން ނަމަ ދުވަހަކުވެސް އެމީހުންނާ ވައި އެޅޭކަަށްވެސް ބޭނުމެއްނޫން." ނަޒީރު ބުނެލިއެވެ.

" ދަރިފުޅުވެސް ދެން ވާނެ ރުޅިގަދަ ނުކޮށް އުޅެން.. ޒަޔާގެ އުފަލަށްޓަކައިވެސް ދަރިފުޅުވާނެ ވަރަށް ރަނގަޅަށް އުޅެން.. " ސާމިޔާވެސް އިތުރު ކޮށްލިއެވެ.

" އަހަރެން ވަރިކުރަން ކިޔާވަރުން ޒައިން އަހަރެން ވަރިކުރީވެސް.. އެކަމާ ރުޅި އައިސްގެން ކަންނޭނގެ ނުވެސް ގުޅާ! އަނެއްކާ ބައްޕަމެން އެމީހުންނަށް ގުޅާފަ އެއްޗެހިކީމަ އެކަމާވެސް ޒައިން ހުންނާނީ ރުޅި އައިސްފައެއްނު. އަސްލު އަހަންނަށްވެސް އުޅެވުނީ ރަނގަޅަކަށްނޫން.. އެހެންވެ ޒައިންއަށް އެހާ ބޮޑެތި ބަދަލުތަކެއް އަންނަން ފެށީވެސް. އަަހަރެން ޒައިންއަށް ގުޅާފަ އަހަންތަ ފުރަތަމަ؟"

އުޝާ ވާހަކަ ދެއްކީ އަސަރާއެކުއެވެ. ނަމަވެސް އުޝާ ބޭނުންވި ގޮތް އޭނާގެ މައިންބަފައިންނަކަށް ކަމަކު ނުދިޔައެވެ. ސާމިޔާ ބުންޏެވެ.

" އުނހު! ނޫން! ޒައިންގާތު އަހާނެކަމެއްނެތް. ގުޅާނެ ކަމެއްވެސް ނެތް. ނަދާ ޒަޔާ ގޮވައިގެން އެގެއަށްދޭ! ރުޅި އައިސް ހުރި މީހަކު ގުޅިޔަސް އަންނާނީ ރުޅި! އޭނާއަށް ޒަޔާ ފެނުނީމަ ޒަޔާ ގެއްލިދާކަށް ބޭނުމެއް ނުވާނެ! ދަރިފުޅު ބޯ ގޮއްވާކަށް ދެން އެ އުޝާއެއްވެސް ނުހުންނާނެއެއްނު.."

" އެ އަންހެން މީހާގެ ނަންވެސް އަހަންނަށް އިވޭ ހިސާބުގައި ދެން ކިޔައިގެން ނުވާނެ! މަންމަ ތިބުނިގޮތަށްވެސް ކަންތައް ކުރެވިދާނެ!" އުޝާގެ ނަން އިވޭކަށްވެސް ނަދާ ބޭނުމެއް ނޫނެވެ.

" ނޫޙުއަކީ ޒަޔާގެ ބޭބެއެއްކަންވެސް ބުނެދޭކަށް އަހަރެން ބޭނުމެއްނުވޭ! " އައިސްފައިހުރި ރުޅިން ނަދާ އަނެއްކާވެސް ބުނެލިއެވެ. ވަކިވަކިން މަންމައާ ބައްޕަގެ މޫނަށް ބަލާލުމަށްފަހު ނަދާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

***

ނޫޙު ނިންދަވާލުމަށްފަހު އުޝާ އޮތީ ނަވީންގެ ކޯލްގެ އިންތިޒާރުގައެވެ. ދެފަހަރަކު ގުޅުމުންވެސް ނަވީން ފޯނެއް ނުނަގައެވެ. އޭރު ރޭގަނޑު 11.30 ވެއްޖެއެވެ. ނަވީން ފޯނު ނުނަގާތީވެ އުޝާ އޮތީ ނުހަނު ކަންބޮޑުވެފައެވެ. އިރުއިރުކޮޅުން ގަޑި ބަލަމުންގޮސް އޭނާ ތެދުވީ ފެންފުޅިއެއް ބަލައި ތިރިއަށް ދާށެވެ. ކާބަޔަށް ދެވުމާއެކު ކޮފީ ބޯހިތްވީ ނަވީން ގުޅުމުގެ ކުރިން ނިދިދާނެތީއެވެ. ކާމޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު އޭނާ ބަދިގެއަށްވަނެވެ. އަވަސް އަވަހަށް ކޮފީތަށި ތައްޔާރުކޮށްލީ މީހަކު އައުމުގެ ކުރިން ކޮޓަރިއަށް ދާންވެގެންނެވެ.

އުޝާގެ ކޮޓަރި ތަޅުގައި ޒައިން ހިފާލީ، ހުޅުވާފައި ހުރިތޯއެވެ. އިސާހިތަކު ފަސޭހަކަމާއެކު ދޮރު ހުޅުވުމުން ހާސްހިތަކައިގެން ޒައިން އެ ކޮޓަރިއަށް ވަނެވެ. އެއާއެކު އެނދުގައި ނޫޙު ނިދިފައި އޮތްތަން ފެނުނެވެ. އޭރު ފާޚާނާގައި އުޝާ އުޅޭއަޑުވެސް އިވެއެވެ. ކުއްލިއަކަށް ޒައިންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް އުޝާގެ ފޯނު ދިއްލޭތަނެވެ. އަވަސް އަވަހަށް ގޮސް ބަލައިލިއިރު ގުޅަނީ ނަވީންއެވެ. އެ ނަން ފެނުމާއެކު ޒައިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ.

" އަދިވެސް އުޝާއަށް އުނދަގޫ ކުރަން ގުޅަނީތަ؟ "

ރުޅިވެރި ރާގަކަށް ޒައިން ބުނެލީ ވައި އަޑުންނެވެ. އެގަޑީގައި ޒައިންގެ އަޑު އިވުމާއެކު ނަވީންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ފޯނުގެ ސްކްރީނުން ގަޑިންވީވަރުވެސް އޭނާއަށް ބަލައިލެވުނީ އެހެންވެގެންނެވެ.

" ކީއްވެތަ އުޝާ ވަރި ނުކުރެވިގެން ތިއުޅެނީ؟ އުޝާ ލޯބިވާ މީހާގާތަށް އާދެވުނީމަ އޭނަ މިހާރު އެއުޅެނީ ވަރަށް އުފަލުން"

ނަވީން އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޒައިންއެވެ. އޭނާއަށް އެއްވެސް ރައްދެއް ދިނުމެއް ނެތި ނަވީން ވަގުތުން ފޯން ކަނޑާލީއެވެ. އެއާއެކު ފޯނު އޮތްތަނުގައި ބޭއްވުމަށްފަހު ޒައިން އަވަސް އަވަހަށް ނިކުމެއްޖެއެވެ. ވަގުތަކީ އުޝާވެސް ފާޚާނާދޮރު ހުޅުވާލި ވަގުތެވެ. އެހެންކަމުން ކޮޓަރީގެ ދޮރު ލެއްޕުނުތަން އުޝާއަށް އެވަގުތު ފެނުނެވެ. އޭނާ ބާރުބާރަށް އައިސް ތަޅުލުމަށްފަހު ދޮރުގައި ލެނގިލިއެވެ.

" އޯހް.. ލޮކް ނުކުރެވި މިހުރީ.." ފާޚާނާގައި އުޅެވުނުކަން އެއީ ނަސީބެއް ހިތަށް އެރުމާއެކު ހިތަށް ހަމަޖެހުން ލިބުނެވެ. އަވަސް އަވަހަށް ގޮސް އުޝާ، އެނދުގައި އޮށޯވެލިއެވެ. އަދި ފޯން ބަލައިލީ ނަވީންގެ މިސްޑްކޯލެއް އޮތްތޯއެވެ.

" ނަވީން ޕްލީޒް ގުޅާބަލަ!" އުޝާގެ މެސެޖް ކިޔާލުމަށްފަހު ނަވީން ފުންނޭވާއެއް ދޫކޮށްލިއެވެ. ދެފިކުރެއްގައި ހުރެ ނަވީން އަނެއްކާވެސް އުޝާއަށް ގުޅިއެވެ.

" ކިހިނެއް؟" ނަވީން ގުޅުމުން އުޝާ އަހާލީ މަޑުމަޑުންނެވެ.

" އަހަރެން ދެންމެ ގުޅިން! ފޯން ނެގީ ޒައިން!" ނަވީން އެހެން ބުނުމާއެކު އުޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެހިނދު އޮށޯވެ އޮވެ، އޭނާ ކޮޅަށް ޖެހިގެން ދިޔައެވެ.

" އޭނ؟ ޒައިން ފޯނު ނެގީއޭ؟ "

" ހޫމް.. ބުނި ވަރި ނުކުރެވިގެން ތިއުޅެނީ ކީއްވެހޯ؟ އުޝާ ލޯބިވާ މީހާގާތު އުފަލުގަޔޯ އުޅެނީ"

ނަވީން ބުންޏެވެ. އުޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" ހަމަ އަސްލުތަ؟ އަހަރެން އުޅުނީ ފާޚާނާގައޭ.. ނިކުތްއިރު ދޮރު ލެއްޕުނުތަން ފެނުނު.. އަހަރެން އަވަހަށް ތަޅުލައިފިން.. ދެން ނަވީން ކީކޭ ބުނީ؟"

ހާސްކަމާއެކު އުޝާ އަހާލިއެވެ.

" އަހަރެން އެއްވެސް އެއްޗެއް ނުބުނަން. ފޯނު ބޭއްވީދެން.. އަހަރެން ހިތަށް އެރި މިގަޑީގަ އުޝާގެ ފޯނު އޭނަ އަތުގައި އޮންނަންވީ ކީއްވެބާއޭ؟ އަނެއްކާ އުޝާ ރަނގަޅުބާއޭ؟ ފާޑަކަށް ބިރުގަތީ.. ނޭނގޭނެއެއްނު.. އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ" ނަވީން އުޝާއާމެދު ވިސްނާވަރު އެނގުމުން އުޝާ ވަރަށް އުފާވިއެވެ.

" އަހަންނާމެދު ހާދަ ކަންބޮޑުވެޔޭދޯ! އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟" އުޝާ ސުވާލުކުރީ މަޑުމަޑުންނެވެ. އެއާއެކު ނަވީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބި ކުޑަ އިރުކޮޅެއް ވުމުން ދެވަނަ ފަހަރަށްވެސް އުޝާ އެހިއެވެ.

" އަހަރެން ލޯބިވާވަރު އުޝާއަށް އަދިވެސް ނޭނގޭތަ؟ ކަންބޮޑުވެސްވޭ! ބިރުވެސްގަނޭ! އެކަމަކު އުޝާ އަހަންނަށް ގެއްލިދާނެތީއެއްނޫން. އުޝާއަށް ގެއްލުމެއް ލިބިދާނެތީ.. ބައްޕަޔަކު އޭނާގެ ދަރިފުޅުގެ ބަލިޙާލަތަށްޓަކައި އާދޭސް ކުރުމުން އަހަރެން އެއްބަސްވީވެސް.. އެއީ އަހަރެންގެ ބައްޕަގެ އިޙްސާސްތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.. މަންމައަށްވުރެ ބޮޑަށް އަހަރެންގެ ހުރިހާ ކަމެއްވެސް ބެލެހެއްޓީ ބައްޕަ.."

ނަވީންގެ ވާހަކައިގައި އަސަރެއް އެކުލެވިގެން ވެއެވެ. އުޝާ އެކަމާ ދެރަވި ނަމަވެސް ނަވީންގެ ކެތްތެރިކަމަށްޓަކައި އޭނާ ނުހަނު އުފާކުރިއެވެ.

" އަހަރެން މި ހުންނަނީ އުޝާއަށް ނުގުޅަންވެގެން އުނދަގޫ ނުކުރަން.. އުޝާ ނެތީމަ ގޭތެރެ ވަރަށް ފަޅު.. ފޫހިވެގެން އޮއްވާ ނިދުނީ އަހަންނަށްވެސް. " އަނެއްކާވެސް ވާހަކަ ދެއްކީ ނަވީނެވެ.

" އެހެންތަ؟ އަހަރެން ނެތީީމަ މިސްވޭދޯ! މީޓްވާ ހިތްވޭތަ؟" އުޝާ ހަމަޖެހިލަމުން އަހާލިއެވެ.

" ތިހެން އަހަންވެސް ނުވާނެއެއްނު! އެންމެ ރެއެއްގެ އުފާވެރިކަމަކަށްފަހު ގެއްލުނީ.. ކިހާ މިސްވާނެ!" ނަވީން ބުނެލީ ނުހަނު ލޯބިންނެވެ.

" އަހަރެންވެސް..." އުޝާ އެހެން ބުނެލުމާއެކު ނޫޙުއަށް ހޭލެވުނެވެ.

" ނަވީން.. ނޫޙު ފާޚާނާއަށް ގެންދަން މިދަނީ އިނގޭ.. ދެން ނިދާލާ! " އުޝާ އަވަސް އަވަހަށް ފޯނު ބޭއްވީ ނޫޙު ފާޚާނާއަށްދާން ތެދުވުމުންނެވެ.

****

ޤަވާއިދުން ބޭސްކެވޭތީ ޒައިންގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެކަމުގެ ސަބަބުން އުޝާއަށް ނުހަނު އުނދަގޫވާން ފަށައިފިއެވެ. ޒައިން އޭނާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާކަން އުޝާއަށް އެނގެއެވެ. ނަމަވެސް އުޝާ ބަލަނީ ޒައިންއާ ދުރުން އުޅެވޭތޯއެވެ. ހަމްދަރުދީ ވެވުނު ނަމަވެސް ނަވީންގެ އޯގާތެރިކަން އޭނާގެ ހިތުގެ މައްޗަށް ގަދަވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ.

އާދައިގެ މަތިން މިއަދުވެސް އަތުގައި އޮތް ދެތިން ބޭސްގުޅައަށް ބަލަހައްޓައިގެން ޒައިން އިނެވެ. ޒައިން ބޭސް ކާ ވަގުތު ތަކުގައި ކޮންމެހެންވެސް އެތަނުގައި އުޝާ ހުންނަން ޖެހެއެވެ.

" އަވަހަށް ކާލާ!"

" ކީކޭ! އަދި އެއްފަހަރު ބުނެލަބަލަ! " ޒައިން އެހެން ބުނުމުން އުޝާ ހީލިއެވެ.

" އަހަރެން މިބުނީ ބޭސްތަކަށް ބަލަހައްޓައިގެން ނީނދެ ކާލާށޭ.." އުޝާ އަނެއްކާވެސް ބުންޏެވެ.

" އުޝާ ބުނެފިއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން.. އެކަމަކު އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟ ނޫޙު ލައްވާ އަހަންނަށް ބައްޕަ ނުކިޔުއްވަނީ ކީއްވެތަ؟ އުޝާވެސް ހީވަނީ އަހަންނާ އެހާ ގާތްވާން ބޭނުން ނުވާހެން.."

ޒައިން ފުން ވިސްނުމެއްގައި އިނދެ އެހެން ބުނުމާއެކު އުޝާ ގަދަކަމުން ހީލިއެވެ.

" ނޫޙު އަދި ކުޑަވީމަ އަހަރެން އެކަހަލަ ވާހަކަތައް ދައްކާކަށް ބޭނުމެއްނޫން. ދެން.. ޒައިންވެސް ޤަބޫލުކުރަން ޖެހޭނެ އަހަންނަކީ އަދިވެސް މީހެއްގެ އަނތްބެއްކަން! ޙަޤީޤަތްވާނެ ޤަބޫލުކުރަން.. ދޯ؟ އަހަރެން ބުނީމެއްނު ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށޭ.. ކެތްކޮށްލާ!" އުޝާ ބޭނުންވީ މިފަހަރު އުޝާ އެހެން ބުނުމުން ޒައިން ޢަމަލު ކުރާނެގޮތް ބަލައިލާށެވެ. ކުރިން އައި ކަހަލަ ރުޅިގަނޑެއް ނައި ނަމަވެސް އޭނާ އިނީ ވަރަށް ފުން ޚިޔާލަކަށް ގޮސް ގެއްލިފައެވެ.

" އަހަރެން މިދަނީ ނޫޙު ބަލާ މައްޗަށް! " އުޝާ އެހެން ބުނެ ތެދުވެގެން ހިނގައިގަތެވެ. އޭރު އަމީރާއާއި ފަހުމީވެސް ކޮޓަރިން ނިކުމެގެން ކާމޭޒުކައިރިއަށް އަތުވެއްޖެއެވެ.

" ބޭސް ކައިފިންދޯ! ތިހެން ވާންޖެހޭނެ! ބަރާބަރަށް ބޭސްކޭމަ ތި ބޭސްތައް ހުސްވާނީ..." ފަހުމީ ބުނެލިއެވެ.

" އަހަރެން މިހާރު ބޭސްކާކަށް ބޭނުމެއްނޫން. އަހަރެން މިހާރު ރަނގަޅެއްނު! އަހަންނަށް އުޝާ ލިބުނީމަ ދެން އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫން.." ޒައިން ހިނިތުންވެލުމަށްފަހު އެހެން ބުނެލި ވަގުތު ދޮރުގައި ޓަކި ޖަހާލިއަޑަށް އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. އެއާއެކު އެންމެންގެ ލޮލުގައިވެސް އަޅައިގަތީ ދޮރު ހުޅުވާފައި އެތެރެއަށް ވަތް ޒަޔާއެވެ. ޒަޔާ ހުރީ އުފަލުން ފޮޅިފައެވެ. ދަރިފުޅު ފެނުމާއެކު ޒައިންއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެ އެދިމާލަށް ހިނގައިގަނެވުނެވެ. އޭރު ނަދާވެސް އެތެރެއަށް ވަދެެއްޖެއެވެ. ފަހުމީއާއި އަމީރާއަށްވެސް ހުރެވުނީ ޒަޔާއަށް ބަލާށެވެ. ބާރުބާރަށް ގޮސް ޒައިން ޒަޔާ އުރާލާ ބައްދާލިއެވެ.

" ދަރިފުޅު ބައްޕަ ދޫކޮށްލާފަ ދިޔައީ ކީއްވެ؟" އިސްޖަހާލައިގެން ހުރި ނަދާއަށް، ޒައިން އެއްވެސް ސަމާލުކަމެއް ނުދިނެވެ. އެހެންކަމުން ނަދާ ހުރީ އިންތިހާއަށް ދެރަވެފައެވެ.

" މިއައީއޭ ބައްޕާ! ދެން ޒަޔާ ދުވަހަކުވެސް ނުދާނަން.." ޒަޔާ ޒައިންގެ ދެކޮލަށް ބޮސްދިނުމަށްފަހު ބުނެލިއެވެ.

" ނަދާ ކީއްވެ އަންގައިވެސްނުލާ ތިއައީ؟" އަމީރާ އަހާލި ގޮތުން ނަދާ އިތުރަށް ލަދުގަތެވެ. އޭނާގެ ރާގު ހުރި ގޮތުން ހީވަނީ ނަދާއަށް އެ އާދެވުނީ އަންނަން ނުޖެހޭ ދަނޑިވަޅެއްގައިކަމެވެ. ނަމަވެސް މިފަހަރު ދަރިފުޅަށްޓަކައި ނަދާ ކެތްތެރިވާންޖެހޭކަން ހަނދާންވިއެވެ.

" އަހަންނަށް މަޢާފްކުރޭ! ޒައިންއާ މަންމަ އަދި ބައްޕަގެ ކިބައިން މަޢާފަށް އެދެން. އަހަރެން ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި ޒައިން." ނަދާ އެހެން ބުނުމާއެކު ޒައިން ޒަޔާ ތިރިއަށް ބޭލިއެވެ.

" ކޮއްކޮ މިދަނީ ކާޓޫން ބަލަން! އެކަމަކު މަންމީ ކޮއްކޮ ވަރަށް ބަނޑުހައި"

" އަވަހަށް އުޅޭ ކާން. މާމަ މިދަނީ އިނގޭ އެއްޗެއް ހިފައިގެން.." ހަމަޖެހޭ ގޮތް ދައްކާލަމުން އަމީރާ ބުނެލިއެވެ. ޒަޔާ ދިޔުމާއެކު ނަދާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަންނަށް އެނގޭ އަހަރެން މީ ރުޅި ގަދަ މީހެއްކަން! އެކަމަކު އަހަރެން އެކަންތައްތައް ރަނގަޅު ކުރެވޭތޯ ވަރަށް ބަލާނަން.. އަހަންނަށް މަޢާފްކުރޭ ޒައިން! ޒަޔާ ވަރަށް ބޮޑަށް ބަލިވެގެން އަހަރެން މި ގެނައީވެސް.. އަބަދު ބައްޕަ ހޯދަނީ.. ބައްޕަ ބޭނުން ވެގެން ރޮނީ.. ކެތްނުވީމަ ހަމަ މިއައީ.." އެހިސާބަށް ބުނެވުނު އިރު ނަދާއަށް ހުރީ ރޮވިފައެވެ. އޭރުވެސް ޖެހި ބުދެއްހެން ނަވީން ހުއްޓެވެ.

" އޭރުވެސް އުޝާއާމެދު ޒައިން ބަހައްޓާ ގާތްކަމުގެ ސަބަބުން އަހަންނަށް ވަރަށް ރުޅި އާދެވުނު.. އެކަމަކު ދެން ވެ ނިިމިފައި ހުރި ކަންތައްތައް ދައްކާކަށް ނެތިން. މިހާރު މިގޭގަ އުފަލުގައި އަހަރެމެންނަށް... އުޅެ...ވި..."

ޖުމްލަ ރަނގަޅަށް ނުނިމެނީސް ނަދާގެ ލޮލުގައި އަޅައިގަތީ ސިޑިން ފައިބައިގެން އަންނަ އުޝާއެވެ. އެއާއެކު އެންމެންގެ މޫނަށް އޭނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

(ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (40)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (40)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ އަންގާރަ އަދި ބުރާސްފަތިދުވަހެވެ.

(ނިމުނީ)