ކުރީގެ އަދަދާއިގުޅޭ،

" އޭރުވެސް އުޝާއާމެދު ޒައިން ބަހައްޓާ ގާތްކަމުގެ ސަބަބުން އަހަންނަށް ވަރަށް ރުޅި އާދެވުނު.. އެކަމަކު ދެން ވެ ނިިމިފައި ހުރި ކަންތައްތައް ދައްކާކަށް ނެތިން. މިހާރު މިގޭގަ އުފަލުގައި އަހަރެމެންނަށް... އުޅެ...ވި..."

Ad
rt

ޖުމްލަ ރަނގަޅަށް ނުނިމެނީސް ނަދާގެ ލޮލުގައި އަޅައިގަތީ ސިޑިން ފައިބައިގެން އަންނަ އުޝާއެވެ. އެއާއެކު އެންމެންގެ މޫނަށް އޭނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

" އުޝާ ކީއްކުރަނީ މިގޭގަ؟ " މޫނުމަތީގައި އެނބުރެމުންދާ ސުވާލުތަކުން ސުވާލެއް ކޮށްލަމުން ނަދާ ބަލައިލީ އަމީރާގެ މޫނަށެވެ. އެގޭތެރޭގެ ޙާލަތު ނަދާއަށް އެއްވެސް ވަރަކަށް ނޭނގޭނެކަން އަމީރާއަށް އެނގެއެވެ. އެހެންކަމުން މިވަގުތު އޭނާ ބޭނުންވަނީ މަސްލަޙަތު ނުގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާށެވެ.

" އުޝާވެސް މިގެއަށް އަންނަންވާނެއެއްނު! މިއީ އުޝާގެވެސް ގެ ވިއްޔަ" އަމީރާ އެހެން ބުނީ ޒައިންގެ ހާޟިރުގައި ނަދާއަށް ޙަޤީޤަތް ކިޔައިނުދެވޭނެތީއެވެ. އޭރު ނޫޙުގެ އަތުގައި ހިފައިގެން އުޝާ އައިސް އެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ. ނަދާ ފެނުމާއެކު އުޝާއަށްވެސް ލިބުނީ ހައިރާންކަމެވެ. އުޝާ އައުމާއެކު އަމީރާގެ ހިތަށް ބިރުވެރިކަން ވަނީ، ނޫޙުގެ ޙަޤީޤަތާއި ބެހޭގޮތުން ނަދާ އެއްޗެކޭ ކިޔާފާނެތީއެވެ. ނަދާއަށް އެ ޙަޤީޤަތް އެނގޭކަމެއް އުޝާއަކަށް އަދި ނޭނގޭނެއެވެ. އެހެންކަމުން އަމީރާއަށް ވިސްނެނީ އެމައްސަލަ ގޯސްވެއްޖެނަމަ ޒައިންއަށް ކުރާނެ އަސަރުތަކާމެދުގައެވެ.

އޭރުވެސް ހިތްހަމަ ނުޖެހިފައި ހުރެ ނަދާ އުޝާއަށް ބަލަމުންދެއެވެ. ޒައިންއަށްވެސް އިނދެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ.

" އަހަރެން ބޭނުން އުޝާއާ ވަކިން ވާހަކަ ދައްކާލަން..." ނަދާ ބުނެލިއެވެ. އެއާއެކު ވަކިވަކިން އެންމެންގެ މޫނަށް އުޝާ ބަލައިލިއެވެ.

" މިހާރު؟ " އަނެއްކާވެސް އިވުނީ ނަދާގެ އަޑެވެ. ނަދާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ޒައިންގެ އިތުރުން އަމީރާއަށްވެސް އެނގެއެވެ. އެވަގުތު ނޫޙުއަށް ޒަޔާ ފެނިގެން ޓީވީ ހުރި ދިމާލަށް ނޫޙު ގޮއްސިއެވެ. ނޫޙު ދިޔުމާއެކު އުޝާ ބޯޖަހާލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދާށެވެ. ފަހަތުން ނަދާވެސް ހިނގައިގަތެވެ.

" ކަންތަކާ ޖެހުނީމި! އޭނަ ދައްކާނީ ކޮންފަދަ ވާހަކައެއް ކަމެއްވެސް ނޭނގެ!" އަމީރާ ޒައިންއަށް ބަލާލަމުން ބުނެލިއެވެ. އޭރު ޒައިން ހުރީ ދުރުގައި ކުޅެންތިބި އޭނާގެ ދެދަރިންނަށް ބަލާށެވެ.

" ކޮންމެ ފަދަ ވާހަކައެއް ދައްކައިގެން ވިޔަސް ދެން އަހަރެން ޒަޔާ ދުލެއް ނުކުރާނަން..އަހަރެން މިއަދު ވަރަށް އުފާވެއްޖެ ޒަޔާ ފެނުނީމަ.." ޒައިންއަށް ހުރެވުނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

އުޝާގެ ފަހަތުން ކޮޓަރިއަށް ވަތްގޮތަށް ނަދާ ގޮސް އެރީ އުޝާގެ ކުރިމައްޗަށެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ ނަފްރަތުގެ އަސަރުތަކެވެ. އެހެންކަމުން އުޝާ ސުވާލުގެ ނަޒަރަކުން ނަދާއަށް ބަލަމުންދިޔައެވެ.

" ތީ ވަރަށް ގޮތްކުޑަ، ވަރަށް ހަޔާތްކުޑަ، ލަދު ނުގަންނަ އަންހެނެއް! " ފުރަތަމަވެސް ނަދާގެ ތޫނު ބަސްތަކުން އުޝާގެ ހިތް ޒަޚަމް ކޮށްލިފަދައެވެ.

" ނޭނގޭކަމަށް ހަދާނެކަމެއް ނެތް! ތި މައުޞޫމްކަން މިގޭ މީހުންނަށް ދައްކާ! އަހަންނަށް އުޝާގެ ހުރިހާ ޙަޤީޤަތެއްވެސް އެނގޭ! ނޫޙުއަކީ ޒައިންއާ ކަލޭގެ ނަހަލާލު ދަރިއެއްކަންވެސް އެނގޭ!"

ނަދާގެ އެ ޖުމްލައިން އުޝާ ދިޔައީ ސިހިގެންނެވެ. އެއާއެކު އުޝާގެ މޫނުމަތީގައި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

" ކަލޭމެން އެންމެން މަށަށް އޮޅުވާލައިގެން މިގޭތެރޭގައި ގެންގުޅުނީ! ނޫނޭ މޮޅު އުޝާ ވަރަށް މޮޅު! ނަމާދުކޮށްކޮށްފަ ތިމާ ވަރެއް ނެތިގެން މާ އަޅުކަން ކުރާ މީހަކަށް ވެގެން އުޅުނު މީހާގެ ފެންވަރު އަހަރެން މި ބުނެދިނީ! ޝުކުރު ކުރޭ ހަމައެކަނި ކަލެޔާ ވަކިން މިވާހަކަތައް ދައްކާ ކަަމަށްޓަކައިވެސް.. އަހަންނަށް މުޅި މާލެއަށްވެސް ކަލޭ ބޭޒާރުކޮށްލެވިދާނެ.."

ވިހަ ހިނިތުންވުމެއްގައި ހުރެ ނަދާ ވާހަކަ ދެއްކި ނަމަވެސް އޭނާގެ މޫނުމަތިން އަދިވެސް ފެންނަމުންދަނީ ރުޅިވެރިކަމެވެ.

" މިހާރު އަހަރެން ދިޔައީމަ އަނެއްކާވެސް ޒައިންގާތަށް އަންނަން ފެށީ؟ އާނ! މިހާރު ދެން މީނަ ބަނޑުބޮޑު ވިޔަސް ފިރިޔަކު އެބަހުރި ވިއްޔަ! ކާކު ހީކުރާނީ މިގެއަށް އަންނަނީ ޒައިންއާއެކު ގަނޑު ގަންނަން ކަމެއް؟"

ނަދާގެ ޖުމްލަ ނިމުމާއެކު މިފަހަރު އުޝާ ހިފީ ނަދާގެ އަތުގެ މުލައްދަނޑީގައެވެ. އޭނާ ހިފީ ،ހިފުނުހާ ބާރަކަށް ނަދާއަށް ތަދުވެސް ވާ ވަރަށެވެ.

" އަހަރެން އަމިއްލައަކަށް ނޫން މިގެއަށް މިއައީ.! އިތުރަށް އަހަރެން ޒުވާބު ކުރާކަށް ބޭނުމެއް ނޫން.. ތީ މިގޭގައި ނޫޅެން ވެގެން ދިޔަ މީހެއް.. ދެންވެސް ހިތްހަމަ ނުޖެހެންޏާ މިގެޔަށް އައި ގޮތަކަށް ދެވޭނެ!"

އުޝާ ނަދާގެ އަތުން ދޫކޮށްލުމާއެކު ނަދާ އޭނާގެ އަތުގައި ފިރުމާލިއެވެ. ނަދާއަށް އެ ޙަޤީޤަތް އެނގޭކަން އެނގުމުން، އުޝާ ބޭނުންވީ ވަގުތުގެ ބޭނުން ހިފައި، ނަދާ ރުޅި އަރުވާލާށެވެ.

" މިހާރު އެނގިއްޖެއެއްނު ޒައިން ލޯބިވަނީ އަހަރެންދެކެކަން... އަދި ނަދާއަށް އޮޅުން ނުފިލާ އެއްކަމެއް އަހަރެން ބުނަންތަ؟ އޭނަ މިހާރު ބޭނުންވަނީ އަހަންނާ މެރީ ކުރަން.. "

" ކަލޭ އުޅެނީ މީހަކާ އިނދެގެން ނޫންތަ؟ " ހައިރާންވެފައި ނަދާ އެހިއެވެ. އެސުވާލު ނަދާ ކުރާނެކަންވެސް އުޝާއަށް އެނގެއެވެ. ސިކުނޑީގެ ބޭނުން ކޮށްގެން އުޝާ ބޭނުންވަނީ ނަދާގެ ލޭ ހޫނުކޮށްލާށެވެ.

" މީހަކާ އިނދެގެން އުޅެމުން ނޫންތަ ކަލޭވެސް ލަންކާއަށް ދިޔައީ... އަހަރެންވެސް މިހާރު މިއުޅެނީ ހަމަ ކަލޭ ދިޔަގޮތަށް، މިގެއަށް އައިސްގެން.. އަދި އެވެސް.. އަހަރެންގެ ކުރީގެ ލޯބިވެރިޔާ، ދަރީގެ ބައްޕަ ގާތަށް!" އުޝާ އެހެން ބުނުމާއެކު ނަދާގެ ދެލޮލުން އިންތިހާއަށް ރުޅިވެރިކަން ފެނުނެވެ.

" މީހަކާ އިނދެގެން ހުރެމެ ތިއުޅެނީ ދެތަށިން ކާނަމޭ ހިތާތަ؟ މަށާ ޒައިންއަށް އެކުގައި ނޫޅެވުނީވެސް ހަމަ ކަލެޔާ ހެދި! މަ މިގެއަކުން ނުވެސް ދާނަން.. ދެނެއް ކަލެއަކަށް ޒައިން ލަންބުވައެއް ނުލެވޭނެ!" ޔަޤީންކަމާއެކު ނަދާ ބުނެލިއެވެ.

" ނަނަ! ޒައިން މިހާރުވެސް ހުރީ މަށާހެދި ހޭބަލިވެފަ! މޮޔަވެފަ! މިހާރުވެސް އަހަރެން އެކޮޅު ދޫކޮށްލާއިރަށް އޭނަ މަށާ އިންނާނެ!" ލޮލުގެ ހިމަކޮޅުން އުޝާ ނަދާއަށް ބަލަމުން ވާހަކަ ދެއްކީ ނަދާގެ މޫނުމަތީގެ ހަރަކާތްތަކަށް ވިސްނަމުންނެވެ.

" އަހަރެން މިއައީ ޒަޔާއަށް ބައްޕައެއްގެ ލޯބި ބޭނުންވާތީވެ ޒައިންއާއެކުގައި އަލުން ދިރިއުޅުމެއް ފެށޭތޯ! އެކަމަކު އަނެއްކާވެސް މިތަނަށް ކަލޭ ފާ ކޮށްފި! އޭރުވެސް ކައިވެނި ރޫޅުނީ ހަމަ ތި އުޝާއާހެދި! މަހިތަށް އަރާ މަށަށް ވުރެ ކަލޭ މޮޅުވެފަ ރީތީބާވައޭ؟" ނަދާ ބުންޏެވެ. އެއާއެކު އުޝާ ނަދާއާ ކުޑަކޮށް ކައިރިވެލަމުން ބުންޏެވެ.

" ކެރެންޏާ ނިކަން ޒައިން މަގޭ އަތުން ޖަހައިގަނެބަލަ! އޭރުން މަ ބުނާނަން ކަލޭ މަށަށްވުރެ މޮޅުވެފަ މާ ރީއްޗޭ! " މަލާމާތުގެ ރާގަކަށް އުޝާ އެހެން ބުނުމާއެކު ނަދާ ދުރަށް ޖެހުނެވެ.

" އެދުވަސް ދެން އޮތީ ވަރަށް ކައިރީގަ ކަމަށް ބަލަމާ! ޒައިން އަހަރެން ހުއްޓުވާ މަންޒަރު ބަލަން ހުންނައްޗޭ!" އުޝާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ނަދާ ބުންޏެވެ. އެއަށްފަހު އޭނާ ބާރުބާރަށް ދޮރާ ދިމާލަށް ހިނގައިގަތެވެ.

ތިރީގައި ތިބި އަމީރާއާއި ޒައިންއަށް ސިހުން ލިބުނީ ރޮމުން ރޮމުން ސިޑިން ފައިބަމުން އައި ނަދާ ފެނިއެވެ.

" އަހަރެން މިގެއަށް މިއައީ ޒަޔާގެ އުފަލަށްޓަކައި.. އެކަމަކު އަހަރެން ދެން މިގޭގަ މަޑުކުރާކަށް ނެތިން...މިގެއިން އަހަންނަށާ ޒަޔާއަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެ!" އެހެން ބުނުމަށްފަހު ނަދާ ގޮސް ޒަޔާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަށް ހިނގައިގަތެވެ. އޭރު އުޝާވެސް ސިޑިން ފައިބައިގެން އާދެއެވެ.

" މަޑުކޮށްބަލަ ނަދާ! އެމަންޖެ ރޮއިރޮއި ހުއްޓާ ތިހެން ނުގެންދެބަލަ! " ނަދާގެ ހަރުކަށި ޢަމަލްތަކުން އަމީރާއަށް ކެތެއް ނުވިއެވެ.

" ބައްޕީ! ބައްޕި" ރޮމުން ރޮމުން ޒަޔާ ޒައިންއަށް ގޮވަން ފެށިއެވެ. އޭރު ނޫޙުވެސް ހުރީ އެމަންޒަރު ބަލަން ނުހަނު ބިރުގަނެފައެވެ. އެހެންކަމުން އުޝާ އައިސް ނޫޙު މަތީ ކޮޓަރިއަށް ފޮނުވާލީ، ގޭތެރޭގެ ހަމަނުޖެހުންގަނޑު ދައްކަން ބޭނުން ނުވާތީއެވެ.

" ނަދާ ޕްލީޒް.. މަޑުކޮށްބަލަ!." ނަދާގެ އަތުގައި ހިފަމުން ޒައިން ބުނެލިއެވެ.

" އަހަރެން ކީއްކުރަން މަޑުކުރަންވީ؟ ބުނެބަލަ ޒައިން! " އަސަރާއެކު ނަދާ އެހިއެވެ. އެއާއެކު ޒައިން ޒަޔާގެ އަތުގައި ހިފާ އޭނާއާ ގާތަށް ގެނައެވެ. އެހިނދު ޒަޔާ ޒައިންގެ ދެފައިގައި ހިފާ އޮޅުލައިގަތީ، ދާން ބޭނުން ނުވެގެންނެވެ.

" ޒަޔާ ބޭނުމެއް ނުވެއެއްނު އަހަންނާ ވަކިން އުޅޭކަށް؟" ޒައިން، ޒަޔާ އުރާލަމުން ނަދާއަށް ބަލާލިއެވެ. އޭރު މަންޒަރު ބަލަން ޝައުޤުވެރިކަމާއެކު އުޝާ ހުރީ އޭނާގެ ހިތުގައި ރާވާލައިފައިވާ ގޮތަށް ކަންތައްތައް ވުމަށް އެދި ދުޢާކޮށްލަކޮށްލައެވެ.

" މިވަރުގެ ތުއްތު ކުއްޖަކަށް މަންމައަކާ ނުލާ އުޅެވިދާނެ ކަމަށްތަ ޒައިން ހީކުރީ؟ "

" ނަދާ މަޑުކުރަންވީނު! އަހަރެން ބޭނުން ޒަޔާއަށް ބައްޕައެއްގެ ލޯބި ދޭން.." ޒައިން އެހެން ބުނުމާއެކު ނަދާއަށް ބަލައިލެވުނީ އުޝާގެ މޫނަށެވެ.

" އަހަރެން ނަދާއަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފާނަން! ނަދާއަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިވެސް ދޭނަން.. ރާއްޖޭގައި މަޑުކުރަންވީނު! " ޒައިންގެ ޖުމްލައިން ނަދާގެ އިތުރުން އުޝާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" އަހަރެންގެ މުޅި އުމުރު ހުސްކޮށްލަންވީ ތިބުނާ ކުލީ ކޮޓަރީގައި އެކަނިމާއެކަނިތަ؟ ޒައިންގެ އުފަލަށްޓަކައި އަހަރެން ވީ އަހަރެންގެ އުފާތައް ޤުރުބާންކުރަންތަ؟ އަހަރެން ހީކުރީ ޒަޔާއަށްޓަކައި ޒައިން އަހަންނާ އަލުން ގުޅެން ބޭނުންވާނެކަމަށް؟ އަހަރެން މިއައީވެސް އެގޮތަށް ނިންމައިގެން.. އަހަރެންގެ ކިބައިގައި ހުރި ހުރިހާ ނުރަގަނޅު ސިފަތައް ރަނގަޅުކޮށްގެން މިއައީ ޒައިންއާއެކު ދިރިއުޅުމެއް ފަށަން ބޭނުން ވެގެން.. އެކަމަކު.. މިއަދު އަހަންނަށް އެނގިއްޖެ ޒައިންގެ ހިތުގައި އަހަންނަށްޓަކައި ޒަައްރެއްގެ މިންވަރުވެސް ނެތްކަން.. އަހަންނަށް ނެތް ލޯތްބެއް އަހަރެންގެ ދަރިފުޅަކަށްވެސް ނޯންނާނެ! ހިނގާދާން ދަރިފުޅާ!" ނަދާގެ ޖުމްލަތައް އަޑުއަހަން ހުރި އަމީރާ އަވަސް އަވަހަށް ޒަޔާގެ އަތުގައި ހިފިއެވެ.

" މިކުއްޖާ ބަހައްޓައިގެން ތި ހުރިހާ ވާހަކަތަކެއް ނުދައްކާ ނަދާ! ދިރިއުޅުމާމެދު ގޮތް ނިންމާނީ ދެމީހުން ވާހަކަ ދައްކައިގެން.." އަމީރާ އަވަސް އަވަހަށް ޒަޔާ ގޮވައިގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަމީރާ ދިޔުމާއެކު އުޝާވެސް އެދިމާލަށް ހިނގައިގަތެވެ.

" މަންމަ ގޮސް ނަދާއާ ޒައިން އަލުން ގުޅެން ނަޞޭޙަތްތެރިވެދީބަލަ! ދަރިންނަށް ރަނގަޅު ގޮތް ބުނެދޭންތިބީ ހަމަ މައިންބަފައިން! މަންމައާއި ބައްޕަގެ އާދޭހަށް އަހަރެންވެސް މިވަނީ ވަރަށް ބޮޑު ޤުރުބާނީއެއް! އެކަމަކު އުމުރު ދުވަހު އަހަރެންވެސް ކިހިނެއް މިހެން އުޅޭނީ؟ ޒައިންގެ ބަލި ޙާލަތު މިހާރު ކިހާ ރަނގަޅު.. އަހަރެން މަންމަގާތު އާދޭސްކުރަން އެދެމީހުންނަށް ނަޞޭޙަތްދީ."

އުޝާގެ ވާހަކަތައް އަމީރާއަށް ޤަބޫލުކުރެވުނެވެ. އޭނާއަށް ބަލައިލެވުނީ އެނދުމަތީގައި ގިސްލަގިސްލާ އިން ޒަޔާގެ މައުސޫމް މޫނަށެވެ.

ނަދާގެ ނަޒަރު އަދިވެސް ހުއްޓިފައިހުރީ ސީދާ ޒައިންއަށެވެ.

" އަހަންނަށް ޒަޔާ ފިޔަވައި އެއްވެސް ކަމެއް މުޙިއްމެއް ނޫން ޒައިން.. އެދަރިފުޅަށް ބައްޕައެއްގެ ލޯބި ވަރަށް މުޙިއްމު. އެކަމަކު... ޒައިން ތިއުޅެނީ އަދިވެސް...." ނަދާއަކަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އުޝާގެ ވާހަކަ ބުނެގެން އިތުރަށް ޒައިން ރުޅި އަރުވާކަށް ނުކެރުނެވެ.

" ނަދާ! އަހަންނަކީ ބަލި މީހެއް!" އަސަރާއެކު ޒައިން އެހެން ބުނެލުމާއެކު ނަދާއަށް ހައިރާންވެފައި ހުރެވުނީއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (41)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (41)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

***

(ނިމުނީ)