ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދިއްލާފައި ހުރި ރީނދޫ ކުލައިގެ ބޮކީގެ ފަނޑުއަލިން އެތަނަށް އިތުރަށް ފަޅުކަން ގެނުވާ ކަހަލައެވެ. އޭސީގެ ފިނިން ކޮޓަރިތެރެ ފިނިވެފައި ހުރި ނަމަވެސް، އުޝާއާ ނަވީންގެ ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ހޫނުވަމުންދާކަން އެމީހުންނަށް އިޙްސާސްވާ ކަހަލައެވެ. އެނދުގެ ދެކޮޅުގައި އުޝާއާއި ނަވީންއަށް ތިބެވުނީ ވާހަކަ ދައްކަން ފަށާނީ ކާކުކަމެއް ނޭނގިފައެވެ. ހެޑްބޯޑުގައި ލެނގިލައިގެން އުޝާ އިން އިރު، ނަވީން އިނީ އެނދުކޮޅުގައި އުޝާއަށް ފުރަގަސްދީގެންނެވެ.
" ފަހުމީބޭގެ ވާހަކައާމެދު އުޝާ ކީކޭ ބުނަނީ؟" ހަމަހިމޭންކަން ފޫއަޅުވާލީ ނަވީންގެ މަޑުމައިތިރި އަޑެވެ. ނަވީންގެ ސުވާލުން އުޝާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" އުޝާ ބޭނުންތަ އެގެއަށް ދާން؟" އަނެއްކާވެސް ވާހަކަ ދެއްކީ ނަވީންއެވެ. މިފަހަރުވެސް އުޝާއަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އެހެންކަމުން ފަސްއެނބުރި ބަލާލުމަށްފަހު ނަވީން ތެދުވެއްޖެއެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސީދާ އުޝާއަށެވެ. އެހެންކަމުން އުޝާއަށް އިސްޖަހާލެވުނީވެސް ނުހަނު އަވަހަށެވެ. ލަސް ހިނގުމެއްގައި އައިސް ނަވީން އިށީނދެލީ އުޝާގެ ކުރިމަތީގައެވެ. އެއާއެކު އުނގުމަތީގައި އޮތް ބާލީހުގައި އުޝާއަށް ހިފަހައްޓާލެވުނީ ނޭވާ އަވަސްވީ ވަރުންނެވެ. ނަވީންއާ ދިމާލަށް ބަލާލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
" އުޝާ އެގޮތް ބޭނުންތަ؟ ތި ހަމަހިމޭންކަމުގެ މާނައަކީ އެކަމަށް ރުހެމޭތަ؟" ތެޅިތެޅި އޮތް ހިތަކައިގެން ނަވީންއަށް ތިން ވަނަ ފަހަރަށްވެސް އަހާލެވުނެވެ. މިފަހަރު އުޝާ ނަވީންއަށް ބަލާލީ ދެފަރާތަށް ބޯހޫރާލަމުންނެވެ.
" ރުހެވޭނީ ކިހިނެއް؟ އަހަރެންގެ ހިތް އެކަމަށް ފާޅުގައި އިންކާރުކުރެޔޭ ނަވީން! އެކަމަކު... އެކަމަކު..." ބުނަން ބޭނުންވި ޖުމްލަ ނުބުނެ ހުއްޓާލީ އުޝާއަށް ބުނަން ނުކެރިގެންނެވެ. ނަމަވެސް އުޝާގެ ވާހަކަތައް އަޑުއަހާ ހިތުން ކެތްމަދުވެފައި ހުރި ނަވީންއަަކަށް މަޑަކުން ނުހުރެވުނެވެ.
" އެކަމަކު ކިހިނެއްވީ؟ "
" މަންމައާއި ބައްޕަ، އެވަރަށް އާދޭސް ކުރީމަ.. ދެކޮޅު ހަދާކަށް ނުކެރޭނެ! "
މަޑުމަޑު ހިމަ އަޑަކުން އުޝާ އެހެން ބުނުމާއެކު ނަވީންއަށް ދެލޯމަރާލެވުނެވެ. އެޖުމްލަ އަޑު އިވުމާއެކު އޭނާއަށް އުނދަގޫވާންފެށިއެވެ.
" އެހެންވީމަ... އެހެންވީމަ... އުޝާ ޒައިންއާއެކު އުޅެން އެގެއަށް ދާންދޯ ޖެހޭނީ" ނަވީން އަހާލި ގޮތުން އުޝާވެސް ދެރަވިއެވެ. އެއްގޮތަކަށްވެސް އުޝާ ފޮނުވަން ބޭނުން ނުވާކަން އުޝާއަށް އެނގެއެވެ.
" ތިހެން ނުބުނޭ ނަވީން! ޒައިންއާއެކު އުޅޭކަށް ނޫން އަހަރެން މިދަނީ! އަހަރެން އެގެއަށް ދިޔަސް، އަހަންނަކީ ނަވީންގެ އަނތްބެއްކަން އަހަރެން އަބަދުވެސް ހަނދާން ބަހައްޓާނަން! ނަވީން އަހަރެން އެގެއަށް ތިފޮނުވަނީ ފޮނުވާހިތުން ނޫންކަންވެސް އަހަންނަށް އެނގޭ! " އަސަރާއެކު އުޝާ ބުންޏެވެ.
" ފޮނުވާހިތެއް ނުވޭ! އެކަމަކު..އުޝާގެ ކޮންމެ ނިންމުމަކަށް އަހަރެން ފުރިހަމައަށް އިޙްތިރާމްކުރަން.. އެހެންވެ ދެކޮޅު ހަދަން ބޭނުން ނުވަނީ..އަހަރެން އުޝާއަށް ވަރަށް އިތުބާރު ކުރަން." ދެބުމަ ހިއްލާލަމުން ނަވީން ބުންޏެވެ. އެއާއެކު އުޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނެވެ. ދެހިތުގެ އަޑު އެކަކު އަނެކަކަށް އިވޭހެންވެސް ހީވެއެވެ. އެހެން އިނދެ، ނަވީން އަވަސް އަވަހަށް ތެދުވިއެވެ. އެއާއެކު ކަނދުރާ ހިއްލާ އުޝާއަށް ނަވީންއަށް ބަލައިލެވުނީ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. އިތުރަށް މަޑުނުކޮށް ނަވީން ހިނގައިގަތީ ސޯފާއާ ދިމާއަށެވެ. އެހިނދު އޭނާއަށް ކުއްލި ސިހުމެއް ލިބުނީ، ފަހަތުން އައިސް އުޝާ، އޭނާގެ އަތުގައި ހިފުމުންނެވެ. ސުވާލުގެ ނަޒަރަކުން ނަވީން ފަހަތް ބަލާލުމާއެކު ފެނުނީ ނުތަނަވަސް ވެފައިވާ އުޝާގެ މޫނެވެ.
" އަހަންނަށް މަޢާފްކުރޭ ނަވީން" އުޝާ ބުނެލިއެވެ.
" މަޢާފަށް އެދެންވާނީ ކުށެއް ކުރެވިގެން.. އުޝާއަކީ ކުއްވެރިއެއްނޫން.. ހިތްހަމަޖައްސާލާ! އެގެއަށް ދިޔުމަކުން އަހަރެން އުޝާދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާންނާނެ. އުޝާ އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ހުންނާނެކަން ހަނދާނުގައި ބަހައްޓައްޗޭ! " އެހެން ބުނަމުން ނަވީންއަށް އުޝާގެ ދެއަތްތިލައިގަައި ހިފާލެވުނެވެ. އަދި މަޑުމަޑުން އުޝާގެ އަތަށް ބޮސްދިނުމާއެކު އުޝާއަށް ލޯމަރާލެވުނެވެ. އެއާއެކު އުޝާއަށް ސިހުން ލިބުނީ ނަވީންގެ ވަރުގަދަ ދެއަތުން އުޝާގެ މޫނުގައި ހިފަހަައްޓާލުމުންނެވެ. ލޯ ހުޅުވާލެވުމާއެކު ދާދި ގާތުން ފެނުނީ ނަވީންގެ ރީތި މޫނެވެ. އޭނާ އުޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އުޝާގެ މޫނުން އަތް ދޫކޮށްލިއެވެ. އެއާއެކު ބޭއިޙްތިޔާރުގައި އުޝާއަށް ނަވީންގެ އަތުގައި ހިފުނެވެ. އަދި ނަވީންގެ އަތްތިލަ އޭނާގެ މޫނުގައި ޖައްސާލުމާއެކު ނަވީންއަށް އުޝާގެ މޫނުގައި ފިރުމާލެވުނެވެ. މަޑުމަޑުން އުޝާއަށް ނަވީންގެ މޭގައި ލެނގިލެވުނެވެ. އެ ހަށިގަނޑުން ދުވާ މީރުވަހުން އިތުރަށް ގާތްވެލުމަށް ހިތް އެދެން ފެށިއެވެ. ނަވީން އުޝާގެ އުނަގަނޑުގައި ހިފާލުމާއެކު އުޝާއަށް އިސްއުފުލާ ނަވީންގެ މޫނަށް ބަލާލެވުނެވެ. އޭރު ނަވީންގެ މޫނުމަތީގައިވާ އަސަރުތަކަކީ މީގެ ކުރިން އޭނާއަށް ފެނިފައި ނުވާފަދަ އަސަރުތަކެކެވެ. މަސްތީ ނަޒަރަކުން ނަވީން އުޝާއަށް ބަލަން ފެށުމުން، ގިނައިރު އެހެން ހުންނާކަށް އުޝާއަކަށް ނުކެރުނެވެ. އޭނާ ތެޅިގަނެފައި ދުރަށް ޖެހިލިއެވެ. ނަމަވެސް މިރޭ އުޝާގެ ހިއްސުތައްވަނީ ނަވީންގެ މުށުދަށުވެފައިކަން ނަވީންއަށް ޔަޤީންވާތީ އޭނާ ދެވަނަ ފަހަރަށްވެސް އުޝާގެ އުނގަނޑުގައި ހިފާލިއެވެ. މިފަހަރު އުޝާ ދެކޮޅު ހަދާކަށް ނޫޅުނެވެ. ކިޔަމަންތެރިކަމާއެކު އޭނާ ނަވީންއާ ދިމާލަށް ބަލާލީ ލަދުން ހުރެއެވެ.
***
އަމީރާއާއި ފަހުމީއާއެކު ޒައިން ގެއަށް އައީ ނުހަނު އުފަލުންނެވެ. އުޝާއާއި ނޫޙު އެގޭގައި އުޅޭނެކަމަށް ބައްޕަ ބުނުމުން ޒައިންގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ޖެހުމެެވެ.
" ބައްޕަވީ އުޝާ ބަލާގޮސް.. އުޝާ ފިރިމީހާދެކެ ރުޅި އައިސްގެން ބަލާ އަންނާށޯ ބުނީމަ ބައްޕަ އެދިޔައީ.. ދެން މާގިނަ ދުވަހެއް ނުވެ އުޝާ ވަރިވެދާނެ.." އަމީރާ އެހެން ބުނީ ޒައިންގެ ހިތްހަމަ ޖެހުމަށެވެ. ކަންތައްވީވެސް އަމީރާ ބޭނުންވި ގޮތަށެވެ.
" މައްސަލަ ޖެހިގެން އަބަދަކު ނޫޅެވޭނެއެއްނު! " ޒައިން ހީލަމުން ބުނެލިއެވެ.
***
" އޯހް ނޯ! އާރ ޔޫ މޭޑް ނަވީން؟ ކީއްވެ ކުރިން ބައްޕައާ ތިވާހަކަ ޝެއާރ ނުކުރީ؟ އެހެން ކިހިނެއް އުޝާމެން ފޮނުވޭނީ؟ އަމިއްލަ ދިރިއުޅުން ހަލާކުކޮށްލަންތަ ތިއުޅެނީ؟" ޖާބިރު ހުރީ ނަވީންދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.
" ޝްޝް ބައްޕާ! ފަހުމީބޭ އެބައިން ސިޓިންގރޫމްގަ! ޕްލީޒް ބައްޕަ ނުވާނެ ނިކުމެގެންނެއް.. ބައްޕަ އެތަނަށް ދިޔައްޔާ ބައްޕައަކަށް ނުހުރެވޭނެ އެއްޗެއް ނުބުނެއެއް.. އަހަރެން އުޝާއަށް ޓްރަސްޓްކުރަމޭ! އަހަންނަށް ޔަޤީން އުޝާގެ ހިތެއް ބަދަލެއް ނުވާނެކަން"
ނަވީން އަޑަށް ބާރުލައިފައި ބުންޏެވެ. އެހެންކަމުން ޖާބިރު އިރުކޮޅަކު ނަވީންއަށް ބަލަން ހުރެފައި، އޭނާގެ މަސައްކަތާއިގެން އުޅުނެވެ. ކޮމްޕިޔުޓަރުން އެއްޗެއް ލިޔަން ފެށިއެވެ. ބައްޕަގެ އެ ހަމަހިމޭންކަމުން، ނަވީންއަށް ބައްޕަ ތަބާ ވެއްޖެކަން އެނގި ނަވީން އަވަސް އަވަހަށް އުޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" ނުދާނަން އެގެއަކަށް މަންމީ! ނުދާނަން... ނޫޙު އުޅޭނީ ކާފައާއި ޑެޑީއާއެކު މިގޭގަ!" އުޝާގެ އަތަށް ދަމަދަމާފައި ނޫޙު ރޮމުންދިޔައެވެ،
އަނހާ ނޫޙު! އަވަހަށް ހުއްޓާލާ!ޑެޑީ ދާނަމޭ ވަރަށް އަވަހަށް ނޫޙު ބަލާ! މާމަމެން ގާތު ޗުއްޓީ ހަދާލާފަ އަންނާނީ.. ދަރިފުޅު ދާންވާނެ.. ސިޓިންގރޫމުގައި އެބައިން އެގޭ ކާފަ އައިސް. ނޫހު ދާނަންތަ؟"
ނަވީން އައިސް ނޫޙު އުރާލިއެވެ. އެއާއެކު ނޫހު ރުޔުން ހުއްޓާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ނޫޙު މިދަނީ އެ ކާފަ ގެއަށް!އަވަހަށް ބަލާ އަންނައްޗޭ ޑެޑީ! " ނަވީންގެ އުރުތެރެއިން ފައިބައިގެން ނޫޙު ދުއްވައިގަތީ ބޭރަށެވެ. ނޫޙު ދުވެފައިދާ މަންޒަރު ބަލަން އުޝާއަށް ހުރެވުނީ މާޔޫސްވެފައެވެ.
" އުޝާ ތިދަނީ ދާހިތުންތަ؟" ދެރަވެލާފައި ނަވީން އެހިއެވެ.
" ދާހިތް ނުވިޔަސް.. މަޖުބޫރުގެ ކަޅު ވިލާގަނޑަކުން އުދަރެސް ބައްދާލީމަ ދެން ޖެހޭނީ ދާން ބޭނުން ނުވާ ދިމާލަށްވެސް ދަތުރު ފަށަން.." އުޝާ ބުނެލިއެވެ. ނަވީން އުޝާގެ ގާތަށް ޖެހިލުމަށްފަހު އުޝާގެ އަތުގައި ހިފާލިއެވެ. އަދި ކުރިއަށްވުރެވެސް އޭނާއާ ގާތަށް އުޝާ ދަމާލިއެވެ. މިފަހަރު އުޝާއަށް އިސްޖަހާލެވުނީ އޭނާ ވީ ދެރައިންނެވެ.
" މި އަނގޮއްޓި ނުނަގައްޗޭ! އަހަރެންގެ ހަނދާނަކަށް ބާއްވާތި.. މި އަނގޮއްޓި ފެންނަ ކޮންމެ ފަހަރަކުވެސް އުޝާ އަހަރެން މަތިން ހަނދާންވާނެކަން ޔަޤީން.." އަވަސް ހަރަކާތަކާއެކު ނަވީން އުޝާގެ އިނގިލީގައި އަޅުވައިދިނީ ރަތްކުލައިގެ އެސްކޮޅެއް ޖަހާފައި އޮތް ރަން އަނގޮއްޓިއެކެވެ. އުޝާއަށް ނަވީންގެ މޫނަށް ބަލައިލެވުނީ ކަރުނުން ފުރިގެންވާ ލޮލަކުންނެވެ. އޭނާ މަޑުމަޑުން ނަވީންގެ ގައިގައި ބައްދާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ވަރަށް މިސްވާނެ! "
" އަހަރެންވެސް...." ނަވީން އުޝާ އޭނާއާ އަވަސް އަވަހަށް ދުރުކޮށްލިއެވެ.
" ހިނގާދާން! އަނެއްކާ އަހަންނަށް އުޝާ ފޮނުވާލަން އުނދަގޫ ވެދާނެ.. ފަހުމީބޭ އެބައިން ބޭރު ސޯފާގައި! ހިނގާ ދާން!"
ނަވީން އެހެން ބުނުމަށްފަހު އުޝާގެ ދަބަސް ނެގިއެވެ. އިތުރަށް މަޑުނުކޮށް ނަވީން ނިކުތުމުން އުޝާވެސް ފަހަތުން ނިކުތެވެ.
" ނަވީން އަހަރެމެންނާއެކު އަންނާނެ ކަމެއް ނެތް! އަހަރެން އުޝާމެން ގޮވައިގެން ދާނަން.."
ނަވީންއާއި އުޝާ ފެނުމާއެކު ފަހުމީ ކޮޅަށް ތެދުވެ ބުނެލިއެވެ. ފަހުމީ އެހެން ބުނުމާއެކު ކަންބޮޑުވެފައި ނަވީންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ.
" ޒައިންގާތު އުޝާ އަންނަ ވާހަކަ ބުނީމަ އޭނަ ވަރަށް އުފާވެފައި ހުރީ! އުޝާ އަންނަނީ އެއްކޮށްތޯވެސް އެހި! އުޝާ ވަރިވީތޯވެސް އެހި! އަހަރެމެންނަކަށް ނުކެރުނު އޭނަ ދެރަކުރާކަށް. އެހެންވެ އަހަރެމެންނަށް ބުނެވިއްޖެ މައްސަލަ ޖެހިގެންނޭ އުޅެނީ! "
ފަހުމީ އެހެން ބުނުމުން އުޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" އަހަރެން މިދަނީ ބައްޕަމެން ކުރި އާދޭހަށް! ޒައިން ނޭނގުމެއްގައި ބަހައްޓައިގެން އޭނާއަށް ހުވަފެންތަކެއް ދައްކާކަށްނޫން މިދަނީ.. އަހަރެން ތެދަށް ބުނާނަން.. "
އުޝާއަށް ވާހަކަ ދެއްކުނީ ބާރަށެވެ. އެއަޑަށް ދުރުގައި ހުރި ނޫޙުވެސް ދުވެފައި އަތުވެއްޖެއެވެ. ނޫޙު އައުމުން އިތުރަށް އެވާހަކަ ދައްކަން އުޝާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ނޫޙު އުރާލުމަށްފަހު އެއް އަތުން ނޫޙުގެ އިސްތަށިގަނޑު ރީތިކޮށްލަދިނެވެ.
" އެންމެ ރަނގަޅު! އުޝާ ބޭނުންވާ ގޮތަކަށް ތިކަން ކުރަންވެސް އަހަރެމެން ޤަބޫލު! ދެން ހިނގާ ގެއަށްދާން.." ފަހުމީ ހުރީ އުޝާ ނުނިކުމެގެންނެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި ނަވީންއަށް އުޝާ ބަލާލީ ނުހަނު އަސަރާއެކުއެވެ. ނަވީންގެ މޫނުމަތިން ފެންނަމުންދާ ކަންބޮޑުވުންތަކުން ، އެއްޗެއް ނުބުނެ ހުރި ނަމަވެސް އޭނާ ހުރީ ނުހަނު ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އުޝާމެން ދިޔައިރުގައިވެސް އޭނާ އެހުރިތަނުގައި ހުއްޓެވެ.
***
އުޝާއާއި ނޫޙު ގެއަށް ވަނުމާއެކު، ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރި ޒައިން ދިޔައީ ސިހިގެންނެވެ. އުފަލުން ގޮސް އޭނާ ނޫޙު އުރާލުމާއެކު ބީރައްޓެހި ގޮތަކަށް ނޫޙު ޒައިންއަށް ބަލައިލިއެވެ. އަދި ގަދަހަދާފައި ތިރިއަށް ފައިބައިފިއެވެ.
" މާމާ! " ދުރުގައި ހުރި އަމީރާ ފެނުމުން ނޫޙު ދުއްވައިގަތީ އަމީރާގާތަށެވެ. ނޫޙު ބޭނުންވީ މާމައާއެކު ނޫޙުގެ ކޮޓަރިއަށް ދާށެވެ. އަމީރާ ނޫޙޫ ގޮވައިގެން ސިޑީއާ ދިމާއަށް ހިނގައިގަތީ ނުހަނު އަވަހަށެވެ. އެމަންޒަރު ބަލަން ހުރެ ޒައިން ހީލިއެވެ. އަދި ކުރިމަތީގައި ހުރި އުޝާއަށް ބަލާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އެއީ ދެން ކީއްކުރަން ކުރި ކަމެއްތަ؟ "
" ކޮން...ކަމެއް؟ " ޒައިން ބުނި އެއްޗެއް ސާފު ނުވެގެން އުޝާ އަހާލިއެވެ.
" މިބުނީ ކައިވެނި! ކީއްކުރަންހޭ ދެން ގޮތް ނޭނގޭ މީހަކާ މެރީ ކުރަންވީ! ކުޑަ ދުވަސްކޮޅެއްނުވެ، ވަރިވާކަށްނު ތި ޖެހުނީ!"
ޒައިން އެހެން ބުނުމުން އުޝާ ނުހަނު ހިތްހަމަ ނުޖެހުނެވެ.
" އަހަރެން ވަރި ވާކަށް ނޫޅޭން" އުޝާ ބުންޏެވެ. އެއީ ފަހުމީއަށްވެސް އާދެވުނު ވަގުތެވެ.
" އުޝާ ތިއައީ އަހަންނާ މެރީކުރާކަށް ނޫންތަ؟" ކަންބޮޑުވެފައި ޒައިން އަހާލިއެވެ،
" އަހަރެން މިއައީ މި ފެމިލީއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން" އެހިސާބަށް ބުނެވުމާއެކު އުޝާ ސިހުނީ ޒައިންގެ އަތުގައި އޮތް ޓީވީ ރިމޯޓް މުށިތައް މައްޗަށް ޖެހުމުންނެވެ. ރިމޯޓް ފުނޑުފުނޑު ވެގެން ދިޔައިރު ޒައިން ހުރީ ރޮވޭ ގޮތްވެފައެވެ. މާނޭވާ ލަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީވެސް އުޝާއަށެވެ. ގަތްބިރުން އުޝާއަށް ހުރެވުނީ އަނގަމަތީގައި ދެއަތް އަޅައިގެންނެވެ،
" ދަރިފުޅާ ދަރިފުޅާ! ބަލަ ހާދަ އަވަހަކަށް ރުޅި ތިއައީ؟ އުޝާ ދެރަވާނެއެއްނު ތިހެން އުޅުނީމަ"
ފަހުމީ އައިސް ޒައިންގެ ގައިގައި އަތްޖައްސާލަމުން ބުންޏެވެ. އޭރުވެސް ޒައިން ހުރީ އުޝާއަށް ބަލާާށެވެ.
" ބައްޕަ ކީއްވެ ދޮގުހެދީ؟ " ޒައިން އަހާލިއެވެ. ދޭނެ ޖަވާބެއް ނޭނގި ފަހުމީ އިސްޖަހާލުމާއެކު އެއަށް ވުރެ ބާރަށް ޒައިން ހަމަ އެ ޖުމްލަ ތަކުރާރުކޮށްލިއެވެ.
" ކީއްވެހޭ ދޮގު ހެދީ؟" މިފަހަރު ފަހުމީގެ އިތުރުން އުޝާވެސް ދިޔައީ ސިހިގެންނެވެ.
" ބަ... ބައްޕަ ދޮގެއް ނަހަދަމޭ ޒައިން.." ފަހުމީ ބެލީ ޒައިންގެ ރުޅިގަނޑު ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް އޭނާ ފަހުމީގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ޖެހިލިއެވެ. ޒައިންގެ އެ ޢަމަލުތަކުން އޭނާގެ ޙާލަތު އުޝާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ޒައިންއަށް ދޮގު ހަދައިގެން އުޝާ ގެންނަން ފަހުމީއަށް މަޖުބޫރުވީ ކަމުގައި އޭނާއަށް ޤަބޫލު ކުރެވުނެވެ. އެހެންކަމުން ޒައިންއާމެދު އޭނާއަށް ހަމްދަރުދީ ވެވެން ފެށިއެވެ.
" އަހަރެން މިގެއަށް އައީމަ ޒައިން އުފަލެއް ނުވޭތަ؟ އެއީ އަހަރެން ސަމާސާއަކަށް ބުނެލި އެއްޗެކޭ! އެހާ އަވަހަށް ރުޅި އައީމަ އަހަރެން ވަރަށް ދެރަވެއްޖެ!"
އުޝާ ވަރަށް އުނދަގުލުން ހީލަމުން ވާހަކަ ދެއްކިއެވެ. އެއާއެކު ޒައިންގެ މޫނުމަތީގެ ކުލަވަރުވެސް މުޅިން ބަދަލު ވެއްޖެއެވެ.
" އަހަރެން ރުޅިއެއް ނާދެޔޭ! " ހީލަމުން ޒައިން ބުނެލިއެވެ. އެއާއެކު އުޝާގެ މޫނަށް ފަހުމީ ބަލައިލީ ހިތްދަތިކަމާއެކުއެވެ. އުޝާގެ އެހީތެރިކަން ބޭނުންވާވަރު އޭނާގެ މޫނުމަތިންވެސް ހާމަވެއެވެ.
" ތިގޮތަށް ރުޅި އަންނަންޏާ އަހަރެން ދެން މިގެއަކަށް ނާންނާނަން.. " އަނެއްކާވެސް ވާހަކަ ދެއްކީ އުޝާއެވެ.
" ތެދެއް! ޒައިން ތިހާ އަވަހަށް ރުޅި ގަދަ ވަންޏާ ނޫޙުވެސް ބިރު ގަންނާނެ އެއްނު.. ކޮބާތަ ނޫޙު؟ ބައްޕަ މިދަނީ ނޫޙު ކައިރިއަށް"
ހިނިތުންވެލަމުން ފަހުމީ ބުންޏެވެ. ފަހުމީ ދިޔުމާއެކު ޒައިން އަަވަސް އަވަހަށް އުޝާގެ އަތުގައި ހިފިއެވެ. ތެޅިގަނެފައި އުޝާއަށް ދުރަށް ޖެހިލެވުނު ނަމަވެސް ޒައިން އޭނާގެ އަތުން ދުލެއް ނުކުރިއެވެ.
" ސޮރީ އުޝާ! އަހަރެން ދެން ދުވަހަކުވެސް އުޝާދެކެ ރުޅިއެއް ނާންނާނަން! އުޝާ އުފަލުގައި ގެންގުޅެވޭނީ ހަމައެކަނި އަހަންނަށް"
އޭރު އުޝާގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ. ޒައިން މަޑުމަޑުން ކުރިއަށް ޖެހިލުމަށްފަހު އުޝާގެ ދަތްދޮޅީގައި ހިފާލިއެވެ.
" އަދިވެސް ހާދަ ރީއްޗޭ! " އަވަސް އަވަހަށް އުޝާ މޫނު އަނެއް ފަރާތަށް އަނބުރާލީ ޒައިންގެ އަތް ނައްޓުވާލުމުގެ ބޭނުމުގައެވެ.
" ލަދުގަތީތަ؟ އަދިވެސް އަހަރެންދެކެ ލަދުގަނޭތަ؟ " ވައިއަޑުން ޒައިން އެހެން ބުނުމުން އުޝާއަށް އިތުރަށް އުނދަގޫވިއެވެ. ޒައިންގެ އަތުގެ ތެރޭގައި އޮތް އުޝާ ދަމައިގަންނަމުން ދުރަށް ޖެހިލީ އޭނާ އެގޮތް ބޭނުން ނުވާތީއެވެ.
" ނޫޙުމެން އަތުވެދާނެ.. ޒައިންވެސް ހިނގާބަލަ ނޫޙު ގާތަށްދާން..." އުޝާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. ޒައިން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައިހުރީ ސީދާ އުޝާގެ މޫނަށެވެ.
( ނުނިމޭ)
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (39)
މިވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!