" ދަރިފުޅު ދާންވީނު ޒައިން ކައިރިއަށް ވަދެލަން.. ބައެއް ފަހަރު ވަރަށް ރުޅިވެސް ގަދަވެގެން އުޅޭ! އަނެއްބައި ފަހަރު ރޯންވެސް ރޯނެ! އެހެންވެ މިބުނީ ޒައިން ހަމަޖެހިގެން އިނިއްޔާ ނޫޙު ގެންދާނީ.." އަމީރާ އެހެން ބުނުމުން އަވަސް އަވަހަށް އުޝާ ތެދުވިއެވެ. އޭނާ އޭރުވެސް ހުރީ އިންތިހާއަށް ޒައިން ދެކިލާހިތްވެފައެވެ.
ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުން އެތެރޭން ކާކުހޭ ބުނެލި އަޑު އިވުނެވެ. އެހެންކަމުން އުޝާ ބޭރުގައި މަޑުކޮށްލީ ޒައިން ދޮރު ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޖަވާބެއް ނުދީ އަނެއްކާވެސް އުޝާ ޓަކިޖަހާލިއެވެ.
" ކާކުތަ އިރުއިރުކޮޅާ ޓަކި...." ދޮރު ހުޅުވާލުމާއެކު އުޝާ ފެނުމުން ބުނަން އުޅުނު ޖުމްލަވެސް ޒައިންއަށް ފުރިހަމައެއް ނުކުރެވުނެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ދެމީހުންނަށްވެސް ތިބެވުނީއެވެ. އުޝާގެ މޫނަށް ޒައިން ބަލަމުންދާގޮތުން ހީވަނީ ހިތުގައި ފޮރުވައިގެން ހުރި ހުރިހާ ޝަކުވާތަކެއް އެއްފަހަރާ ބޭރުކޮށްލަން ބޭނުންވެފައި ހުރިހެންނެވެ.
" އެތެރެއަކަށް ނުވަންނާނަންތަ؟" ޒައިން އެހެން ބުނެލުމާއެކު އުޝާ ހިނިތުންވެލިއެވެ. ޙަޤީޤަތުގައި އެކޮޓަރިއަށް އެކަނި ވަންނާކަށް މިހާރު އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އުޝާ ބޭނުންވީ ޒައިން އެތަނުން ނެރޭށެވެ.
" ނޫޙުވެސް ގޮވައިގެން މިއައީ! ތިރިއަށް ދާން ހިނގާ ނޫޙު ގާތަށް!" އަވަސް އަވަހަށް އުޝާ އެހެން ބުނެލީ ސިޑިއާ ދިމާލަށް އެނބުރިލަމުންނެވެ. ނަމަވެސް ޒައިން އަވަސް އަވަހަށް އުޝާގެ އަތުގައި ހިފާ، އޭނާ ހުއްޓުވިއެވެ. އުޝާއަށް ބަލާލެވުނީ އޭނާގެ އަތުގެ މުލައްދަނޑީގައި ބާރުބާރަށް ހިފާފައިހުރި، ޒައިންގެ އަތަށެވެ. އުޝާ އެފަދަ ގޮތަކަށް ބަލާލުމުން ޒައިން، އަތް ދޫކޮށްލީ އުޝާ ރުޅިއަތުވެދާނެތީއެވެ.
" ސޮރީ!.. އަހަންނަށް އެނގޭ އުޝާއަކީ މިހާރު އެހެން މީހެއްގެ ޙައްޤެއްކަން.. ވަރަށް ބޮޑަށް ސޮރީ! ސޮރީ!"
އޭރު ޒައިންގެ ލޮލުގެ ތެރޭގައި ކަރުނަ ފާއްދާލައިފިއެވެ. ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކަށް ސޮރީއޭ ބުނަމުން ގޮސް އޭނާއަށް ލަނގެލެވުނީ ކޮޓަރި ތެރޭގައި ހުރި ބޮޑު އަލަމާރީގައެވެ. އެމަންޒަރު ބަލަން އުޝާގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ޙަޤީޤަތުގައިވެސް ޒައިން ބަލިކަން އޭނާއަށް މިއަދު އިޙްސާސްކުރެވުނެވެ. އެހެންކަމުން އުޝާ ބޭނުންވީ އަވަހަށް ޒައިން ހަމައަކަށް އަޅުވާލަން ވާހަކަ ދައްކާލާށެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް، އުޝާ އެތެރެއަށްވަދެ ޒައިންގެ ކުރިމަތީގައި ހުއްޓުނެވެ.ޒައިން އެފަދަ ގޮތަކަށް ހިތުގައި ޖެހިފައި ހުއްޓާ އުޝާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އުޝާގެ ހިތް އޭރު އެދެމުން ދިޔައީ އެ މޫނުގައި ފިރުމާލުމަށެވެ. އަދި އެދެލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް ފޭބުމުގެ ކުރިން ފުހެލަދިނުމަށެވެ. ނަމަވެސް ގަދަބާރުން ހިތް މައިތިރިކުރީ ހަމަ އެންމެ ޖުމްލައެއް ހަނދާންވުމާއެކުއެވެ.
" އުޝާ! އަހަރެން ވަރަށް އިތުބާރުކުރަން! " މީގެ ކުޑައިރުކޮޅެއް ކުރިން ނަވީން ބުނެލި ޖުމްލަ އަދިވެސް އޭނާގެ ކަންފަތުގައި ހިފެހެއްޓިފައި ހުރި ކަހަލައެވެ.
" އެހުރިހާ ދުވަހަކު ކެތްތެރިކަމާއެކު އުޝާ އަހަންނަށް އިންތިޒާރުކުރީމެއްނު! ދެން ކީއްވެ؟ ކީއްވެ އެހެން މީހަކާ އިނީ؟"
ޒައިން ސުވާލުކޮށްލީ ނުހަނު ދެރަވެހުރެއެވެ. އެކަމާ ގުޅިގެން ބައިވަރު ވާހަކަ ދައްކަން އުޝާ ބޭނުންވެއެވެ. އެ ސުވާލަށް ދޭނެ ޖަވާބުތައްވެސް ބައިވަރެވެ. ކުރާނެ ޝަކުވާތައްވެސް ބައިވަރެވެ. ނަމަވެސް އިތުރަށް ޒައިން ދެރަކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ.
" ތި ސުވާލު ތަކުގެ ޖަވާބު ޒައިންއަށް އަހަރެން މާކުރިންވެސް ދިނިން! އަހަންނަކަށް ހިއެއްނުވެ މިހާރު ދެން އިތުރަށް އެވާހަކަތައް އާކުރަން ޖެހޭނެ ހެންނެއް! ނޫޙު ގޮވައިގެން މިއައީ! ހިނގާދޯ ނޫޙު ގާތަށް ދާން! އޭރުން ނޫޙުވެސް އުފާވާނީ!"
އުނދަގުލުން ނަމަވެސް އުޝާ މަސައްކަތްކުރީ ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.
" އަހަރެން ބޭނުންވަނީ ނޫޙުއާއެކު ދިރިއުޅެން.. އުޝާއާ ނޫޙުއާއެކު! މީ ނޫޙުގެ ބައްޕައޭ ބުނަން ބޭނުން.. "
ޒައިން ބުނެލީ އަސަރާއެކުއެވެ. ނަމަވެސް އުޝާއަށް އެގޮތް ރަނގަޅުނޫންކަން އުޝާގެ މޫނުމަތިން ޒައިންއަށް އެނގުނެވެ.
" ނޫޙު މިހާރު ބައްޕަކިޔަނީ ނަވީންއަށް! ކުރިންވެސް އަބަދުވެސް ބުނެއެއްނު މަންމި ނޫޙުއަށް ބައްޕައެއް ހޯދަނިއްޔޭ! ތީ ބައްޕަކަން ނޫޙުއަށް ނޭނގުނަސް ޒައިންއަށް ނޫޙުއާ ބައްދަލްވާނެ! " ޒައިންގެ ބަލި ޙާލަތު އެނގި ހުރެވެސް އުޝާ ބޭނުންވީ ތެދަށް ބުނާށެވެ.
" ތީގެ މާނައަކީ ދެން އަހަންނާ އެއްވެސް ގުޅުމެއް ނުބޭއްވޭނޭތަ؟ އަހަރެން މުޅިން ބާކީވީއޭތަ؟ ބުނެބަލަ! "
ޒައިންގެ އަޑު ބާރުވެއްޖެއެވެ. އެއާއެކު އުޝާގެ ހިތުގައި ބިރުވެކަން އުފެދި، ފަހަތަށް ޖެހެވެން ފެށުނެވެ.
" ސޮރީ! ސޮރީ އުޝާ! އަހަރެން ގަސްތަކު ނޫން ހަޅޭއްލަވައިގަނެވުނީ.. އުޝާއާ ދިމާލަށް އަހަރެން ދުވަހަކުވެސް ބާރަށް އެއްޗެއް ނުބުނަމެއްނު! ސޮރީ! "
ޒައިން އައިސް އުޝާގެ އަތުގައި ހިފާލުމުން އުޝާއަށް ވަގުތުން އަތް ދަމައިގަނެވުނެވެ. އުޝާ އެގޮތަށް ކަންތައް ކުރުމުން ޒައިން އެއްމިޔަކަނުން ހީލަމުން އުޝާއަށް ފުރަގަސްދިނެވެ.
" މިހާރު އަހަރެން އަތްލިޔަސް އުނދަގޫވޭދޯ! އަހަންނަށްވުރެ ބޮޑަށް އުޝާދެކެ ލޯބިވާނެ މީހަކު ލިބުނީމަތަ ތިހާ އަވަހަށް އަހަރެން މަތިން ހަނދާންނެތުނީ؟"
ޒައިން އެހެން ބުނުމުން ބޭއިޙްތިޔާރުގައި އުޝާއަށް ރުޅި އާދެވުނެވެ.
" ކިތައް ފަހަރު ބުނަންވީ ތިގޮތަށް ވާހަކަ ނުދައްކާށޭ! އަހަރެން މީ މިހާރު މީހެއްގެ އަނތްބެކޭ ޒައިން! " އުޝާ އެހެން ބުނުމާއެކު ބާރުބާރަށް ޒައިން ފާރުގައި ބޯ ތަޅަންފެށިއެވެ. ސިހިފައި އުޝާއަށް ދެއަތުން އަނގަމަތީގައި އަތް އެޅުމަށްފަހު ޒައިންއާ ދިމާލަށް ދުއްވައިގަނެވުނެވެ. އޭރު އޭނާގެ ބޮލުން ލޭތައް ފައިބަމުންދެއެވެ.
"މަންމާ! ބައްޕާ! މަންމާ! " ކަރުބުޑުން އަޑު ނެރެމުން އުޝާ ހަޅޭއްލަވައިގަތެވެ. އިސާހިތަކު އަނބުރައިގަނެގެން ޒައިން އެތަނަށް ވެއްޓިއްޖެއެވެ.
" ޒައިން... ޒައިން!" ޚަބަރު ހުސްވެފައިއޮތް ޒައިންގެ ބޮލުގައި އަތް އަޅައިގެން އިނދެ އުޝާ ގޮވަމުންދިޔައީ ރޮމުންނެވެ.
" މަގޭ ދަރި... މަގޭ ދަރިފުޅާ! " އެތެރެއަށް ވަދެގެން އައި އަމީރާއަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ.
****
ޒައިން އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމަޖެންސީރޫމްގައެވެ. އަމީރާއާ ފަހުމީ އެތެރޭގައި ތިބިއިރު، އުޝާހުރީ ތުއްތު ނޫޙު ގޮވައިގެން ބޭރުގައެވެ.
" އުޝާ! ޑޮކްޓަރ ބޭނުންވޭ ކުޑަކޮށް ވާހަކަ ދައްކާލަން.. އެތެރެއަށް ވަދެލަންވީނު! "
އަމީރާ އައިސް އެހެން ބުނުމާއެކު އުޝާ އެތެރެއަށް ވަނެވެ. އޭރު ފަހުމީ ހުރީ އުޝާގެ އިންތިޒާރުގައެވެ.
" ކޮބާ ޒައިން؟ މިހާރު ކިހިނެއް؟ " އުޝާ އަހާލީ ހާސްހިތަކައިގެންނެވެ.
" ވަރަށް ބޮޑަށް ބޯ ފަޅައިގެން ގޮސް ހުރީ!ލޭ މަނާ ކުރަން ބެންޑޭޖްކޮށްފައި އޮތީ! ނިދިފައި އޮތީ! " މާ ގިނަ ވާހަކަތަކެއް ނުދައްކާ ފަހުމީ ދިނީ ކުރު ޖަވާބު ތަކެކެވެ. އެއާއެކު އެވަގުތު ޑޮކްޓަރ ދުރުވެއްޖެއެވެ.
" އަޅުގަނޑަކީ ޒައިންއަށް ކުރިންވެސް ފަރުވާ ކުރަމުންދާ ސައިކޭޓްރިސްޓް ޑޮކްޓަރ ނުހާ! މިއަދު ކަންތައް ދިމާވިގޮތުން އަސްލު އުޝާއާ ބައްދަލްކޮށްލަން މިޖެހުނީ! ޒައިންގެ ޕޭރެންޓްސް އުޝާގެ ހުރިހާ މަޢުލޫމާތެއް އަޅުގަނޑާވަނީ ކުރިންވެސް ހިއްސާކުރައްވާފައި! މިއަދު މިދިމާވީ އަސްލު ވަރަށް ނުރައްކާތެރިކަމެއް! އަމިއްލަ ނަފްސަށް ގެއްލުންދޭ ހިސާބަށް ދިޔައީމަ އަޅުގަނޑަށް ބުނެވޭނީ ޒައިންގެ ޙާލަތު ވަރަށް ސިވިއަރ ވެއްޖޭ! "
ޑޮކްޓަރ ނުހާގެ ވާހަކަތަކުން އުޝާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުންދިޔައެވެ.
" ޤަބޫލު ކުރަން ބޭނުން ނުވިޔަސް ޙަޤީޤަތުގައި ޒައިންގެ ދިރިއުޅުމަށް އައި ބަދަލުތަކެއްގެ ސަބަބުން މިޙާލަތަށް ޒައިން އެދިޔައީ! އެހެންވީމަ އެއްވެސް ޙާލެއްގައި ނަފްސާނީގޮތުން ޒައިންއަށް އަސަރު ކުރާކަހަލަ އެއްވެސް ކަމެއް އާއިލާގެ ފަރާތުން ކުރެވިގެން ނުވާނެ! އުޝާގެ ފަރާތުންވެސް މިކަމުގައި އެއްބާރުލުން ވަރަށް ބޭނުންވާނެ! މިބައްޔަކީ ރަނގަޅު ކުރެވޭނެކަމެއް! އޭނަ ދެރަވެ ރުޅި އަންނަ ފަދަ އެއްވެސް ވާހަކައެއް ދެކެވިގެން ނުވާނެ! އަބަދުވެސް ހަމަޖެހިގެން އުޅުނަ ދޭންވީ! އުފަލުގައި ބަހައްޓަންވީ! އިންޝާﷲ ރަނގަޅުވާނެ!"
ހީލަމުން ނުހާ ބަލައިލީ ފަހުމީއަށެވެ. އެއާއެކު ރައްދުގައި ފަހުމީވެސް ހީލިއެވެ.
ފަހުމީގެ ފަހަތުން އުޝާ އައިސް ޒައިންގެ އެނދުކައިރީގައި ހުއްޓި ޒައިންގެ މޫނަށް ބަލާލިއެވެ. އޭރުވެސް އޭނާއަށް އޮތީ ނިދިފައެވެ.
" ހިނގާ ބޭރަށް! "
ފަހުމީ އެހެން ބުނުމާއެކު އުޝާ އިސްޖަހާލައިގެން ހުރެ ފަހުމީގެ ފަހަތުން ނިކުތެވެ. އޭރު އެކްސިޑެންޓެއްގައި ބަޔަކު ގެނެސްގެން އެސަރަޙައްދުވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ. އެހެންކަމުން ފަހުމީއަށް އުޝާއާ ވާހަކަ ދައްކާނެ އެއްވެސް ފުރުޞަތެއް ނުލިބުނެވެ.
" މަންމީ! ގެއަށް ދާން..." އަމީރާގެ އަތުގައި ހިފައިގެން ހުރި ނޫޙުއަށް އޭރު ރޮވެމުންދިޔައީ ފޫހިވެގެންނެވެ. އުޝާގެ ހެދުމުގައި ހިފައިގެން ހުރެ ނޫޙު ރޮމުން ދިޔައެވެ.
" އަހަރެން ފަހުން އަންނާނަން.. މިވަގުތު ގޮސްލަނީ! " އުޝާ އެހެން ބުނި އިރުވެސް ނޫޙު އޭނާގެ ހެދުމުގައި ހިފާ ދަމަނީއެވެ. އެހެންކަމުން ފަހުމީއަކަށް އުޝާ ހުއްޓުވާކަށް ނުކެރުނެވެ.
" އުޝާބުނި ޒައިން މާ ބޮޑަށް އުޝާއާ ނޫޙު ބޭނުންވާ ވާހަކަ ދައްކާތީ އޭނައަށް ބުނެވުނިއްޔޯ މީހެއްގެ އަނތްބެކޭ! އެހެން ބުނީމަޔޯ އަސްލު ޒައިން ފާރުގައި ބޯޖެހީ! އަހަރެން ބުނިން ޑޮކްޓަރގާތު އެހެން.. އެހެންވެ އުޝާއާ ބައްދަލްކުރަން ބޭނުންވީވެސް! ދެން އުޝާ އަހަރެމެންގެއަށް ނާންނާށޭ ބުނަންވީދޯ!"
ވިސްނާލަމުން އަމީރާ ބުނެލިއެވެ. ނަމަވެސް ފަހުމީ ހުރީ އެއަށްވުރެ މާ ބޮޑު ވިސްނުމެއްގައެވެ.
" އުނހު! ޑޮކްޓަރގެ ވާހަކައިން އެނގުނީ މިހާރު ޒައިންއަށް ބޭނުންވަނީ އުފަލާ ހިތްހަމަޖެހުންކަން! އޭނާ ބޭނުންވާ ހުރިހާ ކަމެއް، ހުރިހާ އުފަލެއް ހޯދައިދޭންވީ! އެއީ ޒައިންއަށް ފަސޭހައިން ފަރުވާ ކުރެވޭނެގޮތް!"
ފަހުމީ އެހެން ބުނުމުން އަމީރާ އިތުރަށް ހާސްވިއެވެ.
" އެކަމަކު... ކިހިނެއް އެހެން ވާނީ؟ "
" އެކަން ކުރާނެގޮތް އަހަންނަށް އެނގޭ! " ފުން ވިސްނުމެއްގައި ހުރެ ފަހުމީ ބުނެލިއެވެ.
****
ނިދިފައި އޮތް ނޫޙު ކޮނޑުމައްޗަށް ލައިގެން އުޝާ އައިސް ގެއަށް ވަތްއިރު ނަވީން އިނީ ސޯފާގައެވެ. އުޝާ ފެނުމާއެކު އަވަސް އަވަހަށް ތެދުވެގެން ގޮސް އުޝާގެ އަތުން ނޫހު ނަގާ އުރާލިއެވެ. އަދި ބައްޕަގެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ. ވަރުބަލިކަމުން އުޝާ މަޑުކޮށްލީ ސޯފާގައެވެ. އިސާހިތަކު ނަވީން އަތުވެއްޖެއެވެ.
" އަހަރެން ލަސްވީ ކީއްވެތޯވެސް ނާހާނަންތަ؟ " އުޝާ އަހާލިއެވެ. ކުރިމަތީގައި ހުރި މޭޒުމަތިން ކޮފީތަށި ނަގާ ނަވީން އަނެއްކާވެސް ސޯފާގައި އިށީނެވެ.
" ދިޔައިރުވެސް އަހަރެން ބުނިންދޯ އަހަރެން ވަރަށް އިތުބާރުކުރަމޭ! އެހެންވީމަ ލަސްވެގެން އެކަމާ ޝަކުވާ ކުރީމަ އަހަރެންގެ ބަހާ ޢަމަލު ދިމަލެއް ނުވާނެއެއްނު! އަހަރެން ބޭނުންވަނީ އަހަންނަކީ އުޝާ ޤަބޫލުކުރާ ފެންވަރުގެ ފިރިއަކަށްވާން! އިތުބާރުކުރާމީހުން ޝަކުވާއެއް ނުކުރާނެ! ލޯބިވާ މީހުން ޝައްކެއް ނުކުރާނެ! "
އެންމެ ފަހު ޖުމްލައާއެކު ނަވީން އުޝާއާ ދިމާލަށް ބަލާލީ ހީލަމުންނެވެ. ރައްދުގައި އުޝާވެސް ލުއިގޮތަކަށް ހީލިއެވެ. ޒައިންއަށް ވީގޮތް ކިޔައިދޭން ބޭނުންވި ނަމަވެސް ނަވީން އެފަދައިން ވާހަކަ ދެއްކުމުން އިތުރަށް އޭނާ ހާސްކުރަން އުޝާ ބޭނުމެއް ނުވިއެވެ.
" ހިނގާ ކާން! ކޮބާ ބައްޕަ!" މައުޟޫ ބަދަލުކޮށްލުމުގެ ނިޔަތުގައި އުޝާ އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ.
" ބައްޕަ އަންނާނީ ފިހާރަ ބަންދުކޮށްފައެއްނު! އަހަރެން ނެތް އެހާ ކާހިތެއް! އެކަމަކު އުޝާ ބަނޑުހައިވެފަ ހުރިއްޔާ އުޝާއާ ބައިވެރިވެލަން އަހަރެން ކޮންމެވެސް އެއްޗެއް ކާލާނަން!" ތެދުވަމުން ނަވީން ބުނެލިއެވެ. އަނެއްކާވެސް އުޝާ ހީލިއެވެ. ހިނިތުންވުން ދެއްކި ނަމަވެސް އޭނާގެ ހިތްވަނީ ވަރަށް ބޮޑު ހާސްކަމެއްގައެވެ. ޒައިންއާ ބެހޭގޮތުން ޑޮކްޓަރުން ދެއްކި ވާހަކަތަކަކީ އުޝާއަށް އުނދަގޫކުރަނިވި ވާހަކަ ތަކެކެވެ.
ކާމޭޒުކައިރީގައި ދެމީހުން އިށީނުމާއެކު ދޮރުގައި ޓަކި ޖަހާލި އަޑަށް ނަވީން ތެދުވިއެވެ.
" އަނހަ! ފަހުމީބޭ! " ނަވީން އެހެން ބުނުމާއެކު އުޝާ ދިޔައީ ސިހިގެންނެވެ. އެހާ އަވަހަށް ބައްޕަ އެގެއަށް އަންނަންވީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.
" ކާންވީ އެއްނު! އިށީނދޭ އަވަހަށް!" ގޮނޑިއެއް ދަމާލަމުން ނަވީން ބުނެލީ އޯގާތެރިކަމާއެކުއެވެ. ނުވިސްނޭފަދަ ގޮތަކަށް އޭރުވެސް އުޝާ ދިޔައީ ފަހުމީއަށް ބަލަމުންނެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ފަހުމީ އުޝާއަށް ބަލާލިއެވެ.
" ބައްޕަ ކާންވީނު! " ހަމަޖެހޭގޮތް ދައްކަމުން އުޝާ ބުންޏެވެ. އެއާއެކު ފަހުމީ ބަލާލީ ނަވީންއަށެވެ.
" އަހަރެން މިއައީ އަރުތެރޭން އެއްވެސް އެއްޗެއް ނުދިރިގެން! "
ފަހުމީގެ ފުރަތަމަ ޖުމްލައިން އުޝާއަށް ތެޅިގަނެވުނެވެ. އޭނާ ދައްކަން އެއައީ ޒައިންގެ ވާހަކަތައްކަން ޔަޤީންވެ، އޭނާ ބިރުގަންނަން ފެށިއެވެ.
" ކިހިނެއްވީ ފަހުމީބޭ؟ ކަމެއް ގޯސްވީތަ؟ " ޝައުޤުވެރިކަމާއެކު ނަވީން ސުވާލުކުރިއެވެ. އެއާއެކު އިސްޖަހާލަމުން ފަހުމީ ބޯޖަހާލިއެވެ.
" ބައްޕައަށް ގުޅާލަންތަ؟ ބައްޕަވާނީ ފިހާރައިގަ.." ޖީބުން ފޯން ނަގަމުން ނަވީން ބުންޏެވެ. ނަމަވެސް އަތުގެ އިޝާރާތުން ފަހުމީ އެންގީ ފޯނު ނުކުރުމަށެވެ.
" އަހަރެން މިއައީ ޖާބިރާ ބައްދަލް ކުރާކަށް ނޫން! އަހަރެން މިއައީ ތި ދެކުދިންނާ ބައްދަލްކޮށްލަން... އަހަންނަކީ ތިޔަ ދެކުދިންގެ ކުރިމަތީގައި ވަރަށް ބޮޑު ނިކަމެއްޗަކީން! "
ފަހުމީގެ ލޮލުން ކަރުނައިގެ ވިދުން ފެންނަމުން ދިޔައިރު ނަވީންއަށް އިނދެވުނީ އޭނާ ދައްކަން އުޅޭ ވާހަކައެއް ނޭނގި، ހައިރާންކަންމަތީގައެވެ.
" މި ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ދަރިން.. އަހަންނަށް ދެއްވި ހަމައެކަނި ދަރިފުޅު މިއަދު ހޮސްޕިޓަލްގައި އެއޮތީ މަރާ ހަނގުރާމަކުރަން..ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ސްޓޭޖްގައި އެފަކީރު އެ ނިމިދަނީ..."
ފަހުމީއަށް ރޮވިއްޖެއެވެ. އެއާއެކު ނަވީންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. ނަވީންއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރު ނެތިގެން އުޝާ އިސްޖަހާލީ ރޮވޭގޮތް ވުމުންނެވެ.
" މިއަދު އުޝާގޮސް އުޝާއަކީ މީހެއްގެ އަނތްބެކޭ ބުނި ހިސާބުން ޒައިންގެ ސިކުނޑި ކޮންޓްރޯލެއްނުވި! ޙަމްދުކުރަން މިއަދު ދެން މަރުން ސަލާމަތްވެއްޖެ! އެކަމަކު މާދަމާ ކުރާނީ ކޮން ކަމެއްކަމެއްވެސް ނޭނގެ! " އިސްޖަހައިގެން ރޮމުން އިނދެ ފަހުމީ ދެއްކި ވާހަކަތައް އަޑުއަހަން ނަވީން އިނީ ސީދާ އުޝާއަށް ބަލާށެވެ.
" އަހަރެން ނަވީންގާތު ކަމަކު މި އެދެނީ އަހަރެންގެ ދަރިފުޅުގެ ފުރާނައިގެ ޙައްޤުގައި..." ފަހުމީގެ އެ ޖުމްލައިން ސިހިފައި އުޝާއަށް އިސްއުފުލާ ބަލާލެވުނެވެ. އޭރު ނަވީން އިނީ ފަހުމީ ބުނާނެ އެއްޗެއް ނޭނގޭތީ ނުހަނު ކަންބޮޑުވެފައިކަން އޭނާގެ މޫނުމަތިން ސާފުވެއެވެ.
" ނަފްސާނީބަލީގެ ޑޮކްޓަރ އެދެނީ ޒައިން ބަލިން ރަނގަޅުވަންދެން ޒައިން ބޭނުންހާ އުފަލެއް އޭނާއަށް ހޯދައިދިނުމަށް! ފަރުވާ ކުރެވިއްޖެނަމަ ރަނގަޅުވާނެ! އެބަލިން ސަލާމަތްވީމަ ޒައިންއަށް ހަމަވިސްނުން ލިބޭނެ! އޭރުން އޭނަ ޝަކުވާއެއް ނުކުރާނެ! ރުޅި އައިސް ދެރަވެ ހާސްވެއްޖެނަމަ އަމިއްލަ ފުރާނައަށް ގެއްލުންދޭން ޒައިން ފަސްނުޖެހޭނެކަން މިހާރު އުޝާއަށް އެނގޭނެ! މިއަދު ހުރިހާކަމެއްވެސް ހިނގާދިޔައީ އުޝާގެ ލޯމަތީގައި! "
ފަހުމީ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
" ދެން... އަހަރެން ބޭބެއަށް ކޮންކަމެއް ކޮށްދޭންވީ؟ " ކެތްނުކުރެވިގެން ނަވީން ސުވާލުކޮށްލިއެވެ.
" ނަވީން! އުޝާއަކީ އަހަރެންގެ ދަރިއެއްހަމަ! އެހެންވީމަ މިއަދު ނަވީންއަކީވެސް އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް! އަހަރެން ނަވީންއަށް ޔަޤީންކަންދެން، އުޝާ ނަވީންއަކަށް ނުގެއްލޭނެ! އެކަމަކު.. އެކަމަކު.... ޒައިން އެބަލިން ސަލާމަތްކުރަން އުޝާގެ އެހީތެރިކަން އަހަރެމެން ބޭނުން.."
" ކޮންކަހަލަ އެހީތެރިކަމެއް؟ " ފަހުމީގެ ޖުމްލަ ނިމުމާއެކު އުޝާއަށް ވާހަކަ ދެއްކުނީ ނުހަނު އަވަހަށެވެ. ނަވީންގެ އިތުރުން ފަހުމީއަށްވެސް އުޝާގެ މޫނަށް ބަލާލެވުނެވެ.
" ނޫޙުގެ ބައްޕައަކީ ޒައިން! ނޫޙު ގޮވައިގެން އުޝާއަށް ދުވަސްކޮޅަކަށް އަހަރެމެންގެއަށް ބަދަލުވެވޭނެތަ؟ "
ފަހުމީ އެހެން ބުނެލުމާއެކު ނަވީންގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އުޝާއަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
" ކަންބޮޑުނުވޭ! ޒައިންގެ ފަރާތުން އެއްވެސް ގެއްލުމެއް އުޝާއަކަށް ނުލިބޭނެ! އަހަރެމެން އުޝާގެ ޙިމާޔަތުގައި އަބަދުވެސް ތިބޭނަން! "
ފަހުމީ ފަސޭހަކަމާއެކު ބުނެލިއެވެ. އޭރު ނަވީންގެ އިތުރުން އުޝާއަށްވެސް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
" ނަވީންއާ މައްސަލަޖެހިގެން މިގޭގަ ނޫޅެންވެގެން އައީއޭވެސް ބުނެވިދާނެ! ޒައިން ދައްކާ ކޮންމެ ވާހަކައަކަށް އާނހޫނ ކިޔައިގެން އުޅެންޖެހޭނީ! ދެން އޭރުން އޭނަ ހިތްހަމަ ޖެހިގެން އުޅެން ފެށުނީމަ ބޭސްކާން ދެވޭނީވެސް. މިހާރު އަބަދު ރުޅި އައިސް ހުންނާތީ އެއްގޮތަކަށްވެސް ބޭހެއް ނުކައި! ކޮންމެ ޙާލަކުންވެސް ޒައިންގެ ބޭސް ފެށުނީމަ އަވަހަށް ރަނގަޅުވާނީ.. ޑޮކްޓަރ ވިދާޅުވަނީ ބޭސްކަންޏާ ވަރަށް އަވަހަށް ރަނގަޅުވެދާނެޔޭ! އުޝާ ބައްޕައަށް އެކަންކޮށްދީ! އާދޭސްކުރަން އުޝާ! ޒައިންއަށް އެކަމަށް އެހީތެރިވެދީ!"
ދަރިފުޅާމެދު ވިސްނާ، ހިތުގައި ރާވާލައިގެން އައި ހުރިހާ ވާހަކަތަކެއް ފަހުމީ ބޭރުކޮށްލީ އަސަރާއެކުއެވެ.
" އަހަރެން މިއެދެނީ ހަމަ އަހަރެންގެ ދަރިފުޅު ރަނގަޅުވެލަންދެން އުޝާ ބަހައްޓާލަދިނުމަށް! އުޝާއަށް އަހަރެމެންނަކީ ދުރުބައެއް ނޫނޭ ނަވީން! "
ފަހުމީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެއާއެކު ނަވީން ފަހުމީގެ މޫނަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލިއެވެ.
" އަހަރެން ޖަވާބެއް ދޭނަން އުޝާއާ ވާހަކަ ދައްކާލާފަ! ބޭބެއަށް އަހަރެން މާދަމާ ގުޅާނަން! ކަންބޮޑުނުވޭ! އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ! " އުޝާއަށް ބަލާލުމަށްފަހު ނަވީން ފަހުމީގެ ގައިގައި އަތްޖައްސާލިއެވެ. ފަހުމީ ވަގުތުން ކޮޅަށް ތެދުވެ ބޯޖަހާލިއެވެ.
" ބައްޕަގެ އުއްމީދުކުރަން އުޝާ ބައްޕަގެ އެދުމަަށް އިންކާރު ނުކުރާނެކަމަށް! " ނިކުންނަން ހިނގައިގަންނަމުން ފަހުމީ ބުނެލިއެވެ. ނަމަވެސް އޭރުވެސް އުޝާއަށް އިނދެވުނީ ތެދުވަންވެސް ނޭނގިފައެވެ.
ފަހުމީ ދިޔުމާއެކު ނަވީންއަށް ފުން ނަޒަރަކުން އުޝާއަށް ބަލާލެވުނެވެ. އެއާއެކު އުޝާއަށް ކޮޅަށް ތެދުވެވުނެވެ.
***
ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދިއްލާފައި ހުރި ރީނދޫ ކުލައިގެ ބޮކީގެ ފަނޑުއަލިން އެތަނަށް އިތުރަށް ފަޅުކަން ގެނުވާ ކަހަލައެވެ. އޭސީގެ ފިނިން ކޮޓަރިތެރެ ފިނިވެފައި ހުރި ނަމަވެސް، އުޝާއާ ނަވީންގެ ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ހޫނުވަމުންދާކަން އެމީހުންނަށް އިޙްސާސްވާ ކަހަލައެވެ. އެނދުގެ ދެކޮޅުގައި އުޝާއާ ނަވީންއަށް ތިބެވުނީ ވާހަކަ ދައްކަން ފަށާނީ ކާކުކަމެއް ނޭނގިފައެވެ. ހެޑްބޯޑުގައި ލެނގިލައިގެން އުޝާ އިން އިރު، ނަވީން އިނީ އެނދުކޮޅުގައި އުޝާއަށް ފުރަގަސްދީގެންނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (38)
މިވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތިދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!