ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބާއި ފެނަކަ ބައްދަލު ކުރަން ޖެހުނުއިރު، ސެމީގެ ދެވަނަ މެޗުގައި ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ދިއްދޫ ޕޮލިސް ޓީމް ވާދަ ކުރަން ޖެހިއްޖެއެވެ.
އިއްޔެ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޯޑް ރިކްރިއޭޝަން ކުލަބާއި ދިއްދޫ ޕޮލިސް ޓީމެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރޯޑް ރިކްރިއޭޝަން ކުލަބްގެ ޖޯޒީ ނަމްބަރު 19، ނޫމާން އިސްމާއިލް އެވެ.
އިއްޔެ ކުޅުން ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ތިލައުތުރު ރިކްރިއޭޝަން ކުލަބެވެ. މި މެޗު 12-1 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހޮސްޕިޓަލް ޓީމްގެ ޖޯޒީ ނަމްބަރު 7، ހުސެއިން ޝަފީޤް އެވެ.
ގްރޫޕް އޭގައި އާރުއާރުސީއާއި ޕޮލިސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރު ކޮށްފައެވެ. މި ދެ ޓީމަށް ހަތަރު ޕޮއިންޓް ލިބުނުއިރު ލަނޑުގެ ތަފާތު ކުރި ލިބިގެން މި ގްރޫޕްގެ އެއްވަނަ ހޯދީ އާރުއާރުސީއެވެ. ދެވަނަ ހޯދީ ޕޮލިސް އެވެ. ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ދިއްދޫ ކައުންސިލް ޓީމެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނަ ހޯދީ އަތޮޅު ހޮސްޕިޓަލް ޓީމެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު މި ގްރޫޕްގެ ދެވަނަ ހޯދީ ފެނަކައެވެ. ޕޮއިންޓެއް ނުލިބި މި ގްރޫޕުން ފުލަށް ދިޔައީ ތިލައުތުރު ރިކްރިއޭޝަން ކްލަބެވެ.
މި މުބާރާތް ރާވާލާފައި ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ.
މިގޮތުން މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބް ނުކުންނާނީ ފެނަކަ އާއި ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު އަތޮޅު ހޮސްޕިޓަލް ޓީމް ބައްދަލުކުރާނީ ދިއްދޫ ޕޮލިސް ޓީމާއެވެ.
މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 30 ވަނަ ދުވަހުގެ ހަވީރުއެވެ. މިއީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދި ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!