ހދ. ކުމުންދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އިމާރާތެއް ހޯދުމަށް ތިން ފަހަރު އިއުލާން ކުރުމުން ވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖލީީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ޝައިޚް އިމްރާން ވިދާޅުވީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތަކީ މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ލަސްވަނީ އިމާރާތެއް ނުލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން ތިން ފަހަރު އިއުލާން ކޮށްފިން. ތަނެއް ނުލިބުނު. އަނެއްކާވެސް އިއުލާން ކުރުމުގެ މަސައްކަތް އަޅުގަނޑު މިއަދު މިތަނަށް އައިއިރު ވެސް ދަނީ ކުރަމުން." އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެކަމުގައި ކައުންސިލާ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި ކައުންސިލުން ދެއްކި ތަނަކީ ޕޮލިސް ސްޓޭޝަނެއް ހެދުމަށް އެކަށީގެންވާތަނެއް ނޫން ކަމަށެވެ.

ކުމުންދޫގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުދާތީ މީގެކުރިިން ވެސް ވަނީ އެދާއިރާގެ މެމްބަރު ރާއީ މިނިސްޓަރު އިމްރާނާއި ސުވާލު ކުރައްވާފައެވެ.

އެގޮތުން މިއަހަރުގެ މާރިޗު 7 ގައި މި މައްސަލައާއި ގުޅިގެން ސުވާލު ކުރެއްވުމުން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ އެ މަސައްކަތްކުރަމުންދާ ކަމަށާއި ލަސްވަމުންދަނީ ތަނެއް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި ތަނެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވިގެންދާނެކަމަށެވެ.

"އާންމު ގޮތެއްގައި އެކަން ކުރާ އުސޫލަކީ ކައުންސިލާއި މަޝްވަރާކޮށް ކައުންސިލުން ބިމެއް ކަނޑައެޅުމުން އެބިމުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަނީ. އެކަމަކު ކުމުންދޫގެ ކައުންސިލްގެ ބެލުމުގެ ދަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް އެކަށީގެންވާ ބިމެއް ނެތް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ. އެހެންވެ ލަސްވަމުން ދަނީ." އެދުވަހު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެރަށުގައި ޕޮލިސް ޕޯސްޓު ހެދުމަށް ތަނެއް ހޯދުމަށް ތިން ފަހަރަށް އިއުލާންކުރެވުނު ކަމަށާއި އެކަމަށް އާންމު ފަރާތަކުން ހުށަހެޅީ ފުރަތަމަ ފަހަރު އެކަނިކަމަށެވެ. އަދި އެފަހަރު ހުށަހަޅާފައިވަނީ ފުދޭވަރެއްގެ ބޮޑު އަގެއްކަން ވެސް ވަނީ ފާހަގަކުރައްވާާފައެވެ.

މީގެ އިތުރުން ކުއްޔަށް ތަނެއް ނަގައިގެން ވެސް އެކަން ކުރަން ތިބީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ވެސް ކުރެވޭނީ އެކަށީގެންވާ އަގެއްގައި ހުށަހެޅުމުންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުމުންދޫގައި ޕޮލިސް ޕޯސްޓު ހެދުމަށް ބޭނުންވާ ބިން ހޯދުމުގައި އެރަށު ކައުންސިލާއި ދާއިރާގެ މެމްބަރުގެ އެހީތެރިކަން މިހާރުވެސް ލިބެމުންދާކަން އޭރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުމުންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރެވިފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު މަޝްވަރާކުރެވުނު ރަށްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި ވަނީ ހަމައެކަނި މަކުނުދޫގައި ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.