ހދ. މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ ގްރީން އެންޑް ޓެކްނޮލޮޖީ އެވެ.

Ad
rt

މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް 'ތިލަދުން' އަށް ވިދާޅުވީ މިއީ ނުވަލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާގެ މަސައްކަތެއް ކަމަށާއި މިކަމުގެ ފަހުމުނާމައިގާ ސޮއި ކުރީ މިއަދު ކަމަށެވެ.

އެ މަސައްކަަތަށް އިތުރަށް ބޭނުންވާ ތަކެތި އެއްކުރުމަށް މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ޕާކުގެ މަސައްކަތް ފަށާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ބީލަން އުސޫލުން ހުޅުވާލައިގެން ހޮވި ފަރާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބިޑު އުސޫލުން މިކަން ކުރީ. ބިޑަށް ހުޅުވާލުމުން 3 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި. އޭގެތެރެއިން މިކަން ކުރުމަށް އެންމެ ގާބިލު އަދި އެންމެކުޑަ އަގު ހުށަހެޅި ފަރާތް މީ." އައުޒަމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕާކު ހެދުމަށް ޔޫތް މިނިސްޓްރީން ތަކެތި ހަދިޔާކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެކަން ފާހަގަކޮށް އައުޒަމް ވިދާޅުވީ ޕާކުގެ ތަރައްގީއަށް ބޭނުންވާ ބައެއް ތަކެތި އެސްޓީއޯ އިން ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެސްޓީއޯ އަށް ވަރަށްބޮޑަށް ޝުކުރުދަންނަވާ ކަމަށް ވިދާޅުވިއެވެ.

މިޕާކުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅުވަރު ކުޅޭވޭނެ އިންތިޒާމު ހުންނާނެ ކަމަށާއި އަދި އުމުރުން ދުވަސްވީ މީހުނަށް ވެސް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖޯލިފަތި ފަދަ ތަކެތި ވެސް ހުންނާނެކަމަށް އައުޒަމް ވިދާޅުވިއެވެ.