ރާއްޖޭގެ އެންމެ ފުރަތަމަ ހޮޓެލް އިންވެސްޓްމަންޓް ފަންޑް، "މޯލްޑިވްސް ހޮސްޕިޓާލިޓީ އިންކަމް ފަންޑް 1" ގެ ނަމުގައި ފަންޑެއް މޯޓީޒާ ކެޕިޓަލް ލިމިޓެޑް އިން ތައާރަފްކޮށްފި އެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒްކޮށް ރަޖިސްޓްރީ ކުރެވިފައިވާ މި ފަންޑަކީ ރާއްޖޭގެ ތާރީހުގައި ޓޫރިޒަމަށް އިންވެސްޓްކުރަން އުފެދުނު އެންމެ ފުރަތަމަ ފަންޑުވެސް މެއެވެ.

Ad
rt

މި ފަންޑްގެ މައިގަނޑު އިންވެސްޓްމަންޓްތައް ކަމަށް ކަނޑައެޅިފައި ވަނީ މެޒަނިން ފައިނޭންސިން (ބޭންކް ލޯންގެ ބަދަލުގައި ޕްރޮޖެކްޓްތަކަށް އަމާޒު ކުރެވިގެން ދޫކުރާ ލޯނު) ބާވަތުގެ އިންވެސްޓްމަންޓްތަކެވެ.

މީގެ އިތުރުން މި ފަންޑު މެދުވެރިކޮށް ފައިނޭންސް ކުރެވޭނެ ޕްރޮޖެކްޓްގެ ތެރޭގައި، ރާއްޖޭގައި ހިންގާ އެކިއެކި ޓޫރިސްޓް ރިސޯޓްތަކުގެ މަރާމާތާއި ކޮޓަރި އާއި ވަސީލަތްތައް އިތުރުކުރުމާއި އަލަށް ތަރައްގީ ކުރެވެމުންދާ ރިސޯޓްތަކުގެ ތެރެއިން ނިމުމަކާ ގާތްވެފައިވާ ރިސޯޓްތައް ނިންމުން ހިމެނެ އެވެ. އަދި ގެއްލުމުގައި ހިންގަމުންދާ ރިސޯޓްތަކުގެ ހިންގުން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފައިނޭންސް ކުރުން ވެސް ހިމެނެ އެވެ.

އަލަށް ތައާރަފް ކުރެވުނު މި ފަންޑާ ގުޅޭގޮތުން މޯޓީޒާ ކެޕިޓަލް ލިމިޓެޑްގެ ޑިރެކްޓަރު އަލީ މުރުތަލޯ ވިދާޅުވީ މޯޓީޒާ އިން ދައުވަތު ދެނީ ރިސްކް ކުޑަކޮށް، ރައްކާތެރި ގޮތަަކަށް، ކްރެޑިޓް އިންވެސްޓްމަންޓްތަކުގައި ބައިވެރިވެގެން ފަތުރުވެރިކަމުގެ ދާއިރާގެ މާލީ ފައިދާގައި ބައިވެރިވުމަށް ކަމަށެވެ.

މޯލްޑިވްސް ހޮސްޕިޓަލީޓީ އިންކަމް ފަންޑަކީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނޫގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރެގިއުލޭޓް ކުރާ އިންވެސްޓްމަންޓް ފަންޑެކެވެ.

މޯޓީޒާ ކެޕިޓަލް އަކީ ރާއްޖެ އާއި އިނގިރޭސިވިލާތުގައި އޮފީސް ހުންނަ، ދިވެހިންނާއި އިނގިރޭސިން ބައިވެރިވެގެން އުފައްދާފައިވާ އެސެޓް މެނޭޖްމަންޓް ކުންފުންޏެކެވެ. މި ކުންފުނިން ވަނީ މިހާތަނަށް 100 މިލިއަން ޑޮލަރަށް ވުރެ އަގުހުރި ޕްރޮޖެކްޓަކުގައި އެހީތެރިވެދީފަ އެވެ.

މި ފަންޑުގައި ބައިވެރިވުމަށް ވަކިވަކި އިންވެސްޓަރުންނާއި މުއައްސަސާތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.