އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރައްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، (މއ. އެވަރލާސްޓް / މާލެ ސިޓީ) ގެ ކެމްޕެއިން ހދ. ވައިކަރަދޫން ފަށައިފި އެވެ.
އަކްރަމް ކަމާލުއްދީންގެ ކެމްޕެއިން ރަސްމީކޮން ފައްޓަވާފައި ވަނީ އިއްޔެ އެވެ. ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތަށްފަހު މީސް މީޑިޔާގައި އަކްރަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރަށު ރައްޔިތުންގެ އަޑު އަހައިފި ކަމާއި، އިރާދަ ކުރެއްވިއްޔާ އެ ޕްރޮވިންސްގެ ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދޭނެކަމަށެވެ.
އަކްރަމް އާއި އެކު ވައިކަރަދޫ ދާއިރާގެ މަޖިިސް މެންބަރު ހުސައިން ޒިޔާދު ވެސް ކެންޕެއިން ހަރަކާތްތަކުގައި ވަނީ ބައިވެރިވެލައްވާފަ އެވެ. އަކްރަމް ވައިކަރަދޫ އަށް ކުރެއްވި މިދަތުރުގައި ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވެއެވެ.
ވައިކަރަދޫގެ އިތުރުން އެއަތޮޅު ކުމުންދޫ، ހަނިމާދޫ އަދި ނޮޅިވަރަމަށް ޒިޔާރަށް ކުރައްވާފައިވެއެވެ. މިއަދު ވަނީ ހއ. ގެ ބައެއް ރަށްރަށަށްވެސް ދަތުރުކުރައްވާފަ އެވެ. މިރަށްރަށުގައި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކޮށް ކެންޕެއިން ޕޯސްޓަރާއި ސިޓީ ބަހާފައިވެއެވެ.
އަކްރަމްގެ އިތުރުން މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު އާދިލް އަދި ހެރިޓޭޖް މިނިސްޓްރީގެސީނިއަރ ޕޮލިސީ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އަޙްމަދު ހާޝިމް (ޓިންޓިން) ވެ. ހާޝިމަކީ ހދ. ވައިކަރަދޫ އަށް އުފަން ބޭފުޅެކެވެ.
އަކްރަމް ވަނީ އެންމެފަހުން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެބޭފުޅާ ނިސްބަތްވާ މާލޭގެ ދާއިރާއަކަށް ވާދަ ކުރައްވާ ނާކާމިޔާބު ވެފައެވެ.
މަތި އުތުރު ޕޮރޮވިންސް އަށް ވޯޓު ލާނީ ހއ. ހދ. އަދި ށ އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނެވެ. އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ހުޅުވާލީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!