ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލެންޑްސް އިން ކުޅުނު ނަމަވެސް، މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތު ލިބިފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެމެރިކާގެ ޕުލިސިޗަށް ވަނީ ނެދަލެންޑްސްގެ އޭރިއާ ތެރެއިން ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެންފިސް ޑިޕާއީއެވެ. ޑިޕާއީ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ޑަމްފްރީސް އެމެރިކާގެ އޭރިއާ ތެރެއަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލެންޑްސް އިން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެލީ ބްލިންޑެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އެމެރިކާގެ ޓިމް ވިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނެދަލެންޑްސްގެ ޑިޕާއީ ކީޕަރަށް ފަހަތަށް ކުޅުނު ބޯޅަ ވިއާ އަތުލުމަށް ފަހު ކީޕަރު ގައިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ހުއްޓުވީ ނެދަލެންޑްސްގެ ޑިފެންޑަރުންނެވެ.
އޭގެ މިނެޓެއް ފަހުން ޕުލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހާޖީ ރައިޓް ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ފަސްމިނެޓް ފަހުން ބްލިންޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑަމްފްރީސް ވަނީ ނެދަލެންޑްސްއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މި މެޗުން ބަލިވެ އެމެރިކާ މުބާރާތުން ކެޓިއިރު، ނެދަލެންޑްސް މުބާރާތުގެ ކުއާޓާގައި ވާދަކުރަން ޖެހޭނީ، ދެވަނަ ބުރުގައި މިރޭ އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!