އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މިއަދު ވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

Ad
rt

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ފަށާފައިވާއިރު،މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ކުރިން އައްޑޫ އުޅުނު އިނގިރޭސިން ބައިވެރިވާ ގޮތަށް އަންނަ އަހަރު އައްޑޫ ސިޓީގައި ބާއްވާ ރީޔޫނިއަންއާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ސަޤާފަތާއި އާދަކާދަތައް އިޝްތިހާރުކޮށް، އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުންވެސް އެބޭފުޅުންނާއެކީ މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖެއަށް ކަލްޗަރަލް ޓުއަރިޒަމް އަދި ސްޕޯޓްސް ޓުއަރިޒަމް ތަޢާރަފްކޮށް، ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދާއިރު އެމަސައްކަތުގެ ތެރެއިން މިހާރުވެސް ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މީގެ ތެރޭގައި ރެކޯޑް ޤާއިމްކުރުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.