ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން ގުޅީފަޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ އައު ވިޔަފާރި ބަނދަރާއެކު ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ޙަމީދު ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ ބަނދަރުގެ މަގަތު ފާލަމަށް ގާތްކުރެވެނީ އެންމެ ބޮޑުވެގެން ވެސް 100 މީޓަރުގެ ބޯޓުފަހަރުކަމަށެވެ. މީގެ ސަބަބުން ބޮޑެތި ބޯޓުފަހަރު ފަޅުތެރޭގައި ބާއްވައިގެން ޓަގު ބޯޓަކަށް މުދާ ކޮންޓްޓެއިނާތައް އަރުވައިގެން ވިޔަފާރި ބަނދަރަށް ބާލަންޖެހޭ ކަމަށް އިޔާދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި ޚަރަދު ބޮޑުވެ މުދަލުގެ އަގު ބޮޑުވެއެވެ.
އަދި ބޯޓުފަހަރު ބަނދަރުން ބޭރުގައި ނުބޭއްވޭ ހާލަތުގައި އެހެން ޤައުމެއްގެ ބަނދަރަކަށް މުދާ ބާލައި ކުދި ބޯޓުތައް މެދުވެރިކޮށް ރާއްޖޭގެ ބަނދަރަށް މުދާ ގެންނަންޖެހޭ ފަހަރުވެސް އަންނަކަމަށް އިޔާދު ވަނީ ވިދާޅުވެފައެވެ. މިއީ މުދަލުގެ އަގު އުފުލެން ދިމާވާ ސަބަބެކެވެ.
ކެޕޭސިޓީ ބޮޑެތި ބޯޓުތައް ރާއްޖޭގެ ބަނދަރަށް ކައިރި ނުކުރެވޭ ކަމަށާއި ބަނދަރަށް ބޯޓު އައުމަށްފަހު މުދާ ހުސްކޮށް އަލުން ފުރައިގެން ދިއުމަށް ހޭދަވާ މުއްދަތު އެންމެ ދިގު ޤައުމަކީ މުޅި ދުނިޔޭގައި ވެސް ރާއްޖެ ކަމަށް އިޔާދުވަނީ ވިދާޅުވެފައެވެ.
އަލަށް ތަރައްޤީކުރާ ބަނދަރާއެކު ބޮޑެތި ބޯޓުފަހަރަށް ޑައިރެކްޓްލީ ރާއްޖެއަށް އާދެވޭނެ ކަމަށާއި ރާއްޖެއަށް ބާލަންޖެހޭ ކޮންޓެއިނަރުތައް ރާއްޖެއަށް ބޭލޭނެ ކަމަށް އިޔާދު ވިދާޅުވިއެވެ. އަދި އޭރުން މުދާ އެތެރެކުރުމަށް ހޭދަވާ މުއްދަތު ކުރުވެ ޚަރަދުތައް ވެސް ކުޑަވާނެ ަކަމަށް އިޔާދު ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވެ، ވިޔަފާރިވެރިން މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!