ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ދިވެހިންގެ ބޭންކު، ބީއެމްއެލްގެ އަޕްޑޭޓުތަކާ ގުޅޭ ޚަބަރުތައް ވަރަށްގިނައެވެ. މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންއާ އެ ނޫންވެސް ތަފާތު ނަންނަމުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ޚިދުމަތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް އަދިވެސް ދިވެހިންގެ ބޭންކަށް ނުކުރެވޭ ކަމަކީ ދިވެހިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުމެވެ.

ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުން ޚިދުމަތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށް ބުނެ އެތައް ފޮނިބައިސާއެއް ކަނޑައެވެ. އެއީ ބައްދަލުވުމުގައި ތިބޭ ހިއްސާދާރުންގެ ހިތް ރުއްސުމުގެ ބޭނުމުގައެވެ. އެހެނަސް ދިވެހިންނަށް އެކަން އޮޅުވައެއް ނުލެވެއެވެ.

Ad
rt

މިއަހަރުގެ ކުރީކޮޅު ބީއެންއެލްގެ ޚިދުމަތުގައި މައްސަލަޖެހި އެ ބޭންކުގެ ކަސްޓަމަރުންނަށް ގިނަ ދަތިތަކާ ކުރިމަތިވިއެވެ. އެގޮތުން، ބައެއް އެކައުންޓުތަކުގައި ހުރި ފައިސާ ވީނުވީއެއް ނޭނގި ގެއްލުމާއި މީހުންނަށް ފައިސާ ނުނެގި ބޭނުންވާ އެހެން ޒަރޫރީ ބޭނުންތައް ނުފުއްދި އެތައް ދުވަހަކު ތިބެން ޖެހުނެވެ.

މި މައްސަލައާ ގުޅިގެންވެސް ބޭންކުން ބުނީ އެއީ އަޕްގްރޭޑިން ކުރަނިކޮށް ދިމާވި މައްސަލައެއްގެ ސަބަބުން ވި ކަމެއް ކަމަށެވެ. އަދި އެކަން ހައްލު ވެއްޖެ ކަމަށް ބުނެ އޭގެ ފަހުން ޚިދުމަތަށް ބުރޫ ނާރާނެ ކަމަށް އޭރު ދިވެހިންގެ ބޭންކާ ހަވާލުވެ ހުންނެވި ޓިމް ސޯޔާ ވިދާޅުވިއެވެ.

ނަމަވެސް ހަގީގަތަކީ ބޭންކުގެ އަޕްގްރޭޑިންގައި މައްސަލަ ޖެހުމުގެ ކުރިންވެސް ޚިދުމަތައް އެތައް ފަހަރަކު ބުރޫ އަރާފައިވާ ކަމެވެ. އަދި މައްސަލަ ހައްލުވި ކަމަށް ބުނި ނަމަވެސް އަދިވެސް ދޭތެދޭތެރެއިން ޚިދުމަތްތަކަށް ބުރޫއަރާކަމެވެ. މިކަމަށްވެސް ބޭންކުން ދޭނީ ކުރިންވެސް ދެމުން އައި ޖަވާބެވެ. އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތަށް ބުރީ އެރިކަމެވެ. ނުވަތަ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާތީ ޚިދުމަތް މެދުކެނޑުނީ ކަމަށެވެ.

ދިވެހިންގެ ބޭންކުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަމަށް މިލިއަނުން ޚަރަދު ކުރެއެވެ. އެކަމަކުވެސް މައްސަލަ ހައްލު ނުވަނީ ކީއްވެކަން އާއްމުންނަށް ބުނެ ނުދެވެއެވެ. ދިވެހިންނަށް މިހާރު ދިވެހިންގެ ބޭންކުގެ މަތިން އިތުބާރު ކެނޑިއްޖެއެވެ.

އާއްމުން ބުނާ ގޮތުގައި ބޭންކުގެ އޭޓީއެމްތައް ހަމައަށް މަސައްކަތް ކުރާ ދުވަހެއް ނެތެވެ. އެޕުގައި މައްސަލަ ނުޖެހޭ ދުވަހެއް ނުދެއެވެ. މިއީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކުރި ހޭދައިގެ ނަތީޖާއެވެ.

ބޭންކުގެ އޭޓީއެމްތަކާއި އެޕްތަކުގައި މައްސަލަ ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވޭނެއެވެ. އެހެންނަމަވެސް ބީއެމްއެލްއަކީ ރާއްޖޭގައި ހުރި ހަމައެކަނި ބޭންކެއް ނޫނެވެ. އެހެން ބޭންކުތައް ވެސް ހުރިއިރު އެ ބޭންކުތަކުގެ އޭޓީއެމްތަކާއި އެޕުތައް އަބަދު ޑައުން ނުވަނީ ކީއްވެހެއްޔެވެ.

ބީއެމްއެލުން ދިވެހިންނަށް ޚިދުމަތް ދިނުމުގައި ފެއިލްވެފައިވާކަން އެ ބޭންކުގެ ޕޯސްޓުތަކުގެ ކޮމެންޓްތަކުންވެސް ވަރަށް ރަނގަޅަށް ދޭހަވާނެއެވެ. ބޮޑެތި ފައިދާ އަހަރަކަށް ފަހު އަހަރެއް ބޭންކަށްވާއިރު މިއީ މިފަދަ ބޮޑު ބޭންކެއްގެ ޚިދުމަތުގެ ފެންވަރު އޮންނަންވީ ފެންވަރެއް ނޫނެވެ.