ށ. މާއުނގޫދޫގެ އިތުރުން އިތުރު ފަސް ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާ) ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރީ އއ.އުކުޅަހާއި، އދ.ދިގުރަށާއި، ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތެވެ.

Ad
rt

މިމަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ށ.މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 15 މަސްދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 59.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މިމަޝްރޫއުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ސަރަހައްދުން 59000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރު ހިމެނޭ ސަރަހައްދުން 3000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ފުންކުރާނެއެވެ.

އއ.އުކުޅަހު ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާގޮތަށް 37 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތުގެ ދަށުން 4900 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ފުންކުރުމާއި، 489 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމް ކުރުމާއި ރިވެޓްމަންޓު ޖެހުމާއި 3 މީޓަރު ފުޅާ ބްރިޖަކާއި 130 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

19 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އދ.ދިގުރަށުގެ ބަނދަރު އަޕްގްރޭޑުކުރުމަށް ޙަވާލުކޮށްފައިވަނީ 45 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 33000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރާނެއެވެ.

ދިޔަމިގިލީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާއާށެވެ. އަދި ވިލުފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ޙަވާލުކޮށްފައިވަނީ 11 މިލިއަން ރުފިޔާއަށް ގިނަ 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.