މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޕްރައިމަރީތަކުގައި ވާދަކުރުމުގެ ޙައްޤު ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ރޭ ވިދާޅުވެފައި ވަނިކޮށެވެ.

Ad
rt

ރާޝިދު ވިދާޅުވީ، އެމްޑީޕީގެ ކޮންމެ ޕްރައިމަރީއެއްގައި ވެސް ވާދަ ކުރުމުގެ ފުރިހަމަ ޙައްޤު އެ ޕާޓީގެ އާންމު ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށްބެހި، ސަރުކާރާއި އިދިކޮޅު ފެކްޝަންގެ ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒުވަމުން އަންނައިރު އެ ފެކްޝަންގެ މުގުލުގައި ހުންނެވީ ޕާޓީގެ ރައީސް ނަޝީދެވެ. އެ މަނިކުފާނު ގެންދަވަނީ މި ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރެއް ނޫންކަމުން ޕާޓީގެ މެންބަރުންގެ ވިސްނުމާއި، ފެނިފެސްޓޯއާއި އެއްގޮތަށް ކަންކަން ނުދާކަމަށް ވިދާޅުވަމުންނެވެ. އަދި މިސަރުކާރަކީ "ފެތެމުންދާ އޮޑިއެއް" ކަމަށް ސިފަކުރައްވާ ސީދާ ސަރުކާރާއި ދެކޮޅަށް ވަނީ ނުކުންނަވާފައެވެ.

އަނެއް ފެކްޝަނަކީ ރައީސް ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ ފެކްޝަނެވެ. އެ ފެކްޝަނުން ބުނަމުން ދަނީ މިއިން ޒަމާނަކު ރާއްޖެ ނުދެކޭ މިންވަރަށް ރާއްޖެއަށް މި ސަރުކާރުން ހުރިހާ ރޮނގަކުން ހެޔޮ ބަދަލު ގެންނަމުންދާ ކަމަށެވެ. އަދި ފުއްދަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށާއި، އޭގައިވާ ކަންކަން ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށް ދެވޭނީ އެއްބާރުލުން ދީގެން ކަމަށް ދަނީ ބުނަމުންނެވެ.