އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ، އޭނާ މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ފާސްނުވެ، ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ ތާއީދާއެކު އޭނާގެ އިތުބާރު ދަމަހައްޓައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ސައީދުގެ އިތުބާރު އޮތް ކަމަށް ޕީއެންސީގެ 54 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ. އެހެންކަމުން މަޖިލީހުން ނިންމީ އޭނާގެ އިތުބާރު އޮތް ކަމަށެވެ.
މި މައްސަލާގައި ސައީދާ ދެކޮޅަށް، ނުވަތަ އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެމްބަރެކެވެ.
ވަޒީރު ސައީދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 13 މެމްބަރަކު ސޮއިކުރައްވައެވެ. ނަމަވެސް މިއަދު އެ މައްސަލައަށް ވޯޓަށް އެހުމުން ސައީދާ ދެކޮޅަށް ވޯޓު ދެއްވީ ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 10 މެމްބަރުންނެވެ.
އެމްޑީޕީން މި މައްސަލަ މަޖިލީހަށް ވެއްދީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގެ ވާޖިބު އަދާކުރެއްވުމުގައި ވެސް އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، ވަޒީރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.
މިއީ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި ތިންވަނަ މައްސަލައެވެ.
މީގެ ކުރިން ދާޚިލީ ވަޒީރު އަލީ އިހްސާންގެ އިތުރުން ފަތުރުވެރިކަމާއި އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ މައްޗަށް ވެސް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މި މަޖިލީހުން ވަނީ އެ ދެ މައްސަލަ ވެސް ބޭރުކޮށްލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!