އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވައިލާ ގަރާރަށް މިއަދުގެ މަޖިލިސްގެ ޖަލްސާގައި ބަހުސް ކުރަށްވަމުންނެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މަސައްކަތުން ގެނައި ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދުވިތާ ވަރަށް ޅަފަތުގައި އޭރުގެ ވެރިކަން "ޖަހައިގަނެ މަގުމަތިކޮށްލި" ކަމަށެވެ. އަދި "އޭރު އުފެއްދި ޅަ ދަރި އަދި އޮތީ ކިރު ތުނބުން ނުވީއްލި" ކަމަށް ވިދާޅުވިއެވެ.
"އެމަރުހަލާގައި ދިމާވީ ދެރަގޮތެއް، ވެރިކަން ގެއްލުމުން ޅަ ދަރިފުޅަށް ހެދީ ވަރަށް އިހާނެތިކޮށް، އޭރުގެ ވެރިކަމުން ކައުންސިލްތަކަށް ދިން އިހާނެތި އަނިޔާގެ ސަބަބުން، އެއީ ބޭނުން ނެތް ދަރިއެއްގެ ގޮތުގައި، ބަލަދުއަރާ ބޭކާރު ދަރިއެއްކަމަށް ރާއްޖޭގެ ރައްޔިތުންނަށް ވިސްނެންފެށި، އެއީ ޙަޤީޤަތެއް ނޫން" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމާ އެމްޑީޕީން އިންކާރުކޮށް، އިޖުތިޖާޖު ކުރަމުން ގެންގޮސްފައިވާނެ ކަމަށާއި، އެހެންނަމަވެސް ކައުންސިލްތަކުގެ ކައުންސިލަރުން އަނދަގޮނޑި ޖަހައި، އަތްފައި ބަނދެ ނުވިތާކަށް ސަސްޕެންޑްކޮށް އެތައް ބަޔަކު ހުރަގޭގައި ބަންދުކުރި ކަމަށެވެ.
"މިއީ ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުން ފުރަތަ ކައުންސިލަރުންނާމެދު ޝައްކު ކުރަންފެށި ހިސާބަކީ، އެއީ ނިޒާމްގެ މައްސަލައެއް ނޫން، ކައުންސިލަރުންގެ މައްސަލައެއް ނޫން، އޭރު އުފެދުނު ޚުދުމުޚްތާރު، ޚާއްޞަކޮށް ރައީސް ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ޤަބޫލުކުރަން މަޖުބޫކުރުވި ހާލަތެއް'' ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމުގެ ބާރު އަލުން އެމްޑީޕީއަށް ލިބުމުން މި މަސައްކަތް އިހުނަށްވުރެ ބާރަށް ފެށުނު ކަމަށެވެ.
"އަންހެނުނަށް 33 ޕަސެންޓް ކޯޓާއެއް އަންހެނުނަށް ކައުންސިލްތަކުން ކަނޑައެޅި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔެއްގެ ގޮތުގައި ކޮންމެ ރަށަކަށް މަދުވެގެން 5 އަންހެނުން އިންތިޚާބުކުރެވުނު، އޭރު އެމްޑީޕީގެ ބާރުގެ ދަށުން ކުރަމުން އައިކަންކަމަށް ހުރަސް އެޅުމުން އަލުން ފެށި މަސައްކަތެއް،" ޝާހިދު ވިދާޅުވިއެވެ
ޝާހިދު ވިދާޅުވީ، ކައުންސިލްތަކުން އަންހެނުނަށް ޚާއްޞަ ކޯޓާ ކަނޑައަޅައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ވުޖޫދު ކުރުމުގެ ކުރިން ރަށްރަށަށް ގޮސް ޖަލްސާއަކަށް ގޮވައިލީމައި ފެންނަނީ ހުރިހާއަންހެނުން ފަހަތު ގޮނޑި ބަރީގައި އިށީންނަ ތަންކަމަށެވެ.
"އެހެމީހުންނަށް ޤަބޫލު ކުރެވޭކަހަލަ މުޖުތަމައުގައި އެމީހުންނަކީ ފަހަތުގައި ތިބެންޖެހޭ ކަމަށް، ނަމަވެސް މިއަދު އަންހެނުން ޤަބޫލެއް ނުކުރާނެ އެމީހުންނަކީ ފަހަތު ގޮނޑިބަރީގައި ތިބެންޖެހޭ ބައެއްކަމަކަށް" ޝާހިދު ވިދާޅުވިއެވެ.
ޝީދު ވިދާޅުވީ، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ ކަމަށާއި، އަދި ފިރިހެނުންނާ އެއް ހަމައަކަށް އެރުން ބާރުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!