ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެ މަނިކުފާނު ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެން ކަމަށެވެ.
އަދި، ޕޮޒިޓިވްވި ކަމުގައިވިޔަސް އެމަނިކުފާނުގެ ޙާލުކޮޅު މިވަގުތު ރަނގަޅު ކަމަށެވެ.
ކޯވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަށްވާ ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އަތޮޅު ތެރެއަށް ދަތުރުކުރަށްވަން ރޭގައި ޕީސީއާރު ޓެސްޓް ހެދުމުން ކަމަށެވެ.
"މާތް ﷲ ރަޙްމަތްފުޅުން މިވަގުތު ހާލު ރަނގަޅު، މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން" ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.
ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާއަކަށް މިއަދު އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ. މިރޭ ފޯކައިދޫގައި ބާއްވަން ނިންމާފައިވާ އެ ޖަލްސާގައި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ގިނަބަޔަކު އަންނަނީ ރައީސަށް އަވަސް ޝިފާއަކަށް އެދި ދުޢާ ފޮނުވަމުންނެވެ.
ނައިބު ރައީސް ފައިޞަލް ވެސް ވަނީ މިދިޔަ އަހަރު މެއި މަހު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ރައީސް ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެ މިވަގުތު އޮތީ ކޯވިޑްގެ އައު ރާޅެއްގެ ދަށުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!