ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބޭހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މި ކަމާއި ގުޅިގެން މިއަދު އެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

Ad
rt

މިގޮތުން އެ އިދާރާއިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އިންޑިއާ އާއި ސްރީލަންކާ އަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

އިއްޔެ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ވަނީ މޫސުން ގޯސްވުމުން ރަތް ސަމާލު ވެސް ނެރެފައެވެ.