މި އަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
"ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި
ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމެނޭ ގޮތަށް އާއިލާތަކުގެ ތިން ޖީލެއްގެ މީހުން ބައިވެރިވާ ހިނގާލުމެއްގެ ގޮތުގައި އިންތިޒާމު ކުރެވޭ މިހިނގާލުން ބޭއްވުމަށް ހަމަޖެފައިވަނީ އަންނަ މަހުގެ 18 ވާ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައެވެ.
މިހިނގާލުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕެންޝަން އޮފީހުގެ ވެބްސައިޓު https://en.pension.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައިނެގޭ ގުރުވަތުން ހޯވޭ ނަސީބުވެރި 3 ފަރާތަކަށް 2000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 3 ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޮވޭ އާއިލާ އަކަށް 3000ރ އަދި ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް 3000ރ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!